ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ހިންގާ ކޮމިޓީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމަށް އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ޔާޔާ ޓޫރޭ ރާއްޖެ އަތުވެއްޖެއެވެ.

މިއަދު މެންދުރުފަހުގެ ވަގުތެއްގައި ޔާޔާ ޓޫރޭ މާލެ އައިސްފައިވަނީ އެފްއޭއެމްގެ ހިންގާ ކޮމިޓީގެ އަހަރީ ދުވަހާ ގުޅިގެން ބާއްވާ ކިޑްސް ފެސްޓިވަލްގައި ބައިވެރިވުމަށްޓަކައެވެ.

ޔާޔާ ޓޫރޭ ބައިވެރިވާ އިވެންޓް އޮންނާނީ މާދަމާ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. އެފްއޭއެމުން ބުނީ ގާތްގަނޑަކަށް 600 ކުދިން މި ކިޑްސް ފެސްޓިވަލްގައި ބައިވެރިވާނެ ކަމަށެވެ. އަދި މި ކިޑްސް ފެސްޓިވަލްގައި ޔާޔާ ޓޫރޭއާ އެކު ފުޓްބޯޅައިގެ އެކި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެ ކުދިންނަށް ލިބިގެންދާނެ ކަމަށެވެ.

ހިންގާ ކޮމިޓީގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ ކިޑްސް ފެސްޓިވަލް ކުރިއަށްދާނީ މާދަމާ ހަވީރު 4:00 އިން 6:00 އަށެވެ.

އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަތަރު ފަހަރެއްގެ މަތިން ހޯދާފައިވާ ޔާޔާ ޓޫރޭ އެންމެ ފުރަތަމަ ވިދާލީ ސްޕެއިންގެ ގަދަބާރު ބާސެލޯނާ އިންނެވެ. އޭގެ ކުރިން ފްރާންސްގެ މޮނާކޯއަށްވެސް ޓޫރޭ ކުޅުނުއިރު، ބާސާ ދޫކޮށް އިނގިރޭސި ކްލަބު މެންޗެސްޓާ ސިޓީއަށް އޭނާ ބަދަލުވެފައިވަނީ 2010 ވަނަ އަހަރު އެވެ.

ޓޫރޭ ވަނީ ސިޓީއާއެކު އިނގިރޭސި ޕްރިމިއާ ލީގު ތިން ފަހަރު ހޯދާފައެވެ. އަދި އޭނާ ވަނީ ބީބީސީން ހޮވާ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދުމުގެ އިތުރަށް ފީފާގެ ޑްރީމް ޓީމުގައި ވެސް ހިމެނިފައިެވެ. ޓޫރޭ މިހާރު ކުޅެމުން އަންނަނީ ޗައިނާގެ ދެވަނަ ޑިވިޝަނުގެ ގިންޑާއޯ ހުއަންހާއި އަށެވެ.