ސުޕްރީމް ކޯޓު ހިންގެވުމާ ހަވާލުވެހުންނެވި އެކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ޢަރީފު ރިޓަޔާކުރައްވައި، ސުޕްރީމް ކޯޓުގެ ހިންގުން ފަނޑިޔާރު ޑރ.އަޒަމިރަލްދާ ޒާހިރާ ހަވާލުކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފައިވާ ގޮތުގައި އަލްއުސްތާޛް ޢަބްދުﷲ އަރީފު ސުޕްރީމް ކޯޓު ހިންގެވުމުން ވަކިކުރައްވާ ރިޓަޔާ ކުރެއްވީ ސިއްހީ ހާލަތު ހުރި ގޮތުން މުސްކުޅިކޮށްދެއްވުމަށް އެދިގެން ކަމަށެވެ. އަދި ޢަބްދުﷲ އަރީފު ރިޓަޔާ ކުރައްވައި ކޯޓުގެ ހިންގެވުން އަޒްމިރަލްދާއާ ހަވާލުކުރެއްވީ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މަގާމުން ވަކިކުރަންވެސް ޖޭއެސްސީން ރޭ ވަނީ ނިންމާފައެވެ. އެއީ އަބްދުލްޣަނީ މުހައްމަދާ ގުޅޭގޮތުން އެ ކޮމިޝަނުން ތަހުގީގުކުރަމުންދާ ސުލޫކީ މައްސަލައަކާ ގުޅިގެން ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

ޖޭއެސްސީއިން ވަނީ އެ ކޮމިޝަންގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފަނޑިޔާރު ޢަބްދުލްޣަނީ މަގާމުން ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމާފައެވެ. އަދި ފަނޑިޔާރު ޢަބްދުލްޣަނީއާ ގުޅޭގޮތުން އެކޮމިޝަނުން ތަހުގީގުކުރާ މައްސަލައިގެ ބާވަތުން ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުން ފަނޑިޔާރު ޢަބްދުލްޣަނީ ވަކިކުރަންޖެހޭ ކަމަށް ޖޭއެސްސީއަށް ފެންނާތީ ޖޭއެސްސީގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން 60 ދުވަހަށް ޢަބްދުލްޣަނީ ވަނީ ސަސްޕެންޑްވެސް ކުރައްވާފައެވެ.

އަރީފުގެ ބަލި ހާލަތު ހުންނެވިގޮތުން ރިޓަޔާކުރައްވާފައިވީ ނަމަވެސް އަރީފާ ގުޅޭ މައްސަލައެއްވެސް ޖޭއެސްސީއިން ދިޔައީ ތަހުގީގުކުރަމުންނެވެ. ފަނޑިޔާރު އަރީފާ ގުޅޭގޮތުން ބަލަމުންދިޔައީ ސުޕްރީމް ކޯޓުގެ ގާނޫނާ ހިލާފަށް ނިންމާފައިވާ ނިންމުންތަކުގެ މައްޗަށް އެކުލަވާލި ރިޕޯޓެއްގައި ފަނޑިޔާރު ޢަބްދުﷲ ޢަރީފުވެސް ހިމެނިވަޑައިގަންނަވާ މައްސަލަތަކެކެވެ. އަދި މިފަދަ މައްސަލަތަކަކާ ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އާދަމް މުހައްމަދުވެސް ވަނީ މިފަހުން މަގާމުން ވަކި ކުރައްވާފައެވެ.