• މިއީ ދުނިޔޭގެ ބްރޯޑްކާސްޓަރުންގެ އަހަރީ އާންމު ބައްދަލުވުން
  • މި އާންމު ބައްދަލުވުމުގައި ރާއްޖެއިން މިފަހަރު ބައިވެރިވީ ހަމައެކަނި ވީމީޑިއާ

ބްރޯޑްކާސްޓަރުންގެ މެދުގައި ދުނިޔޭގައި އުފައްދާފައިވާ އެންމެ ބޮޑު ޖަމިއްޔާ، އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަން (އޭބީޔޫ) ގެ 56 ވަނަ އާންމު ބައްދަލުވުން ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި މިއަދު ފެށިއްޖެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 600 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވި އޭބީޔޫ ޖެނެރަލް އެސެމްބްލީ ކުރިއަށްދަނީ ޓޯކިޔޯގެ ހަޔަތު ރީޖަންސީ ހޮޓަލުގައެވެ. މިއަހަރުގެ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޖަޕާނުގެ އިންޓަރނަލް އެފެއާޒް އެންޑް ކޮމިޔުނިކޭޝަންސް މިނިސްޓަރ، މިސް ސަނައޭ ޓަކައީޗީ އެވެ.

2 ދުވަހުގެ މުއްދަތަށް ކުރިއަށްދާ އާންމު ބައްދަލުވުން ފެށުމުގެ ކުރިން ބްރޯޑްކާސްޓިންގ އާއި ގުޅުންހުރި ތަފާތު ބައްދަލުވުންތަކާއި ތަމްރީނު ޕްރޮގްރާމްތައް މިމަހުގެ 16 އިން ފެށިގެން ކުރިއަށް ގެންގޮސްފައި ވެއެވެ.

އޭބީޔޫ ޖެނެރަލް އެސެމްބްލީގެ ތެރެއިން

ބްރޯޑްކާސްޓިންގ އަށް އަންނަ ބަދަލުތަކާއި ކުރިއެރުންތަކަށް މެންބަރުން އަހުލުވެރިކުރުވައި، ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދުނިޔޭގެ އެންމެ ފުންނާބު އުސް ބްރޯޑްކާސްޓަރުންގެ ތަޖުރިބާ އާއި ލަފަޔާ އިރުޝާދު މި ބައްދަލުވުންތަކުގައި ހިއްސާކުރެވެއެވެ. މީގެ އިތުރުން ޓެކްނޮލޮޖީ އަށް އަންނަ އަވަސް ކުރިއެރުންތައް ދެނެގަނެ، މުސްތަގުބަލަށް އިންވެސްޓްކުރުމުގެ އެންމެ ރަގަޅު ވިސްނުން ހޯދޭނެގޮތްތައްވެސް ބުނެދެވެއެވެ.

މިއަހަރުގެ އާންމު ބައްދަލުވުމުގެ ޝިޢާރު ގުޅުވާފައިވަނީ ބްރޯޑްކާސްޓަރުންނާއި ޚިދުމަތް ހޯދާ ފަރާތްތަކާ ދެމެދު އޮންނަ އިތުބާރު ދެމެހެއްޓުމުގެ މައްޗަށެވެ. އަދި ބެލުންތެރިންނާއި އެހުންތެރީންނަށް ފައިދާހުރި ތަޖުރިބާތައްކުރުމަށް ފުރުސަތު ދިނުމުގެ މައްޗަށެވެ. ބަދަލުވަމުންދާ ދުނިޔޭގައި ބްރޯޑްކާސްޓިންގ އެކި ޕްލެޓްފޯމްތަކަށް ބެހިގެންދާއިރު ކޮންޓެންޓް އުފެއްދުމުގައްޔާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ގާއިމުކޮށް ދެމެހެއްޓުމުގައި ޖަޕާނުގެ ގައުމީ ބްރޯޑްކާސްޓަރ އެންއެޗްކޭގެ ތަޖުރިބާތައް މި ބައްދަލުވުންތަކުގައި ވަރަށް ފުޅާ ދާއިރާއެއްގައި ހިއްސާކުރެވިގެން ދިޔައެވެ. އެންއެޗްކޭ އިން މިހާރު ވަނީ 8ކޭ ގައި ބްރޯޑްކާސްޓްކުރަން ފަށާފައެވެ.

1964 ގައި އުފެދުނު އޭބީޔޫ އަކީ 71 ގައުމާއި ސަރަހައްދުތައް ތަމްސީލުކުރާ 270 އަށް ވުރެ ގިނަ މެމްބަރު ބްރޯޑްކާސްޓަރުން ހިމެނޭ ޖަމާޢަތެކެވެ. މި ޖަމާޢަތުގައި ދިވެހިރާއްޖެ ތަމްސީލުކުރަނީ ޤައުމީ ބްރޯޑްކާސްޓަރުގެ ހައިސިއްޔަތުން ފުލް މެންބަރެއްގެ ގޮތުގައި ޕީއެސްއެމް އާއި އެޑިޝަނަލް ފުލް މެންބަރެއްގެ ގޮތުން އައިލެންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ (ވީމީޑިއާ) އެވެ.

ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޭބީޔޫ ޖެނެރަލް އެސެމްބްލީގައި މިފަހަރު ރާއްޖެއިން ބައިވެރިވެފައިވަނީ ހަމައެކަނި ވީމީޑިއާ އިންނެވެ. ވީމީޑިއާ ތަމްސީލްކުރައްވަނީ ޗީފް އޮޕަރޭޓިންގ އޮފިސަރ މުޙައްމަދު އާސިފް އެވެ.

އޭބީޔޫ ޖެނެރަލް އެސެމްބްލީގެ ތެރެއިން

ކޮންމެ އަހަރަކުވެސް އާންމު ބައްދަލުވުމާ ގުޅުވައިގެން ބާއްވާ އޭބީޔޫ ޓީވީ ސޯންގް ފެސްޓިވަލްވެސް މިފަހަރު ބޭއްވީ އެންއެޗްކޭ އިންނެވެ. ދުނިޔޭގެ ބްރޯޑްކާސްޓަރުން މެދުވެރިކޮށް އެ ޤައުމުތަކުގެ އެންމެ މަޤްބޫލު އަދި މަޝްހޫރު ލަވަކިޔުންތެރިންނާއި މިޔުޒީޝަނުން މި ފެސްޓިވަލްގައި ކޮންމެ އަހަރަކުވެސް ބައިވެރިވެއެވެ. މިއަހަރުގެ ފެސްޓިވަލްގައި އެންމެ ޚާއްޞަ ހުށަހެޅުމެއްގެ ފެނިގެންދިޔައީ އިންޑިއާގެ މަޝްހޫރު ފަންނާނު އޭއާރް ރަހުމާންގެ ފަރާތުންނެވެ.

އޭބީޔޫ ޓީވީ ސޯންގް ފެސްޓިވަލްގައި އޭއާރް ރަހުމާނު

މި ފެސްޓިވަލްގައި ދިވެހިރާއްޖެ އެންމެ ފުރަތަމަ ބައިވެރިވީ މީގެ 6 އަހަރު ކުރިންނެވެ. ވީމީޑިއާގެ އިސްނެގުމަކަށް އެއަހަރު މަކާއޫގައި ރާއްޖެ ތަމްސީލުކުރީ ދިވެހި ލަވަކިޔުންތެރިޔާ މޫޝާން މުބާރިކް އާއި މިޔުޒީޝަން ފަޔާޒް އެވެ. އޭގެ ފަހުން ރާއްޖޭގެ އެކި ފަންނާނުން މި ފެސްޓިވަލްގައި ބައިވެރިވެފައިވެއެވެ.

ބްރޯޑްކާސްޓިންގ ތަރައްޤީކުރުމަށާއި ބްރޯޑްކާސްޓަރުން ތަމްރީނުކުރުމަށް މެންބަރު ޤައުމުތަކަށް ގިނަ ފުރުސަތުތަކާއި އެހީތެރިކަން ފޯރުކޮށްދޭ އޭބީޔޫގެ 57 ވަނަ އާންމު ބައްދަލުވުން 2020 ގައި ބާއްވާނީ ވިއެޓްނާމްގެ ހެނޯއީގައެވެ.