ދިރާސީ އަހަރެއްގެ ކިޔެވުން ނިމި މިއަދު މިވަނީ ސްކޫލުތަކުގައި ކިޔެވި ދަރިވަރުންނަށް ރިޕޯޓު ފޯމު ދޫކުރަން ފަށާފައެވެ. މިނިމިދާ ދިރާސީ އަހަރަކީ އައު ވަޒީރަކާއެކު އައު ސިޔާސަތުތަކެއް ތަންފީޒުކުުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދިޔަ އަހަރެކެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށިގެން އައީ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. ރާއްޖޭގެ 213 ސްކޫލެއްގައި އެލްކެޖީން ފެށިގެން ގްރޭޑް 12 އަށް ޖުމުލަ 73،035 ދަރިވަރުންނާއެކުއެވެ. ސްކޫލްތަކުގައި މި އަހަރު ފެށުނުއިރު ކިޔަވައިދިނުމަށް މުދައްރިސުންގެ ގޮތުގައި 7900 ދިވެހިންނާއި 1900 ބިދޭސީ މުދައްރިސުންނާއެކު ޖުމްލަ 9800 މުވައްޒަފުން ސްކޫލުތަކުގައި ތިއްބެވެ.

އެހެންނަމަވެސް އަހަރު ފެށުނުއިރު ބައެއް މުދައްރިސުން މަދުކަމުގެ ޝަކުވާތައް ބެލެނިވެރިން ދިޔައީ ކުރަމުންނެވެ. އެގޮތުން އެންމެ ފާހަގަކުރެވުނު އެއް މައްސަަލައަކީ އަރަބިއްޔާ ސްކޫލަށް ބޭނުންވާ އަދަދަށް ޓީޗަރުން ނެތް މައްސަލައެެވެ. އެސްކޫލްގައި 22 ޓީޗަރުންނާއެކު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަން ނިންމި ނަމަވެސް ދިރާސީ އާ އަހަރުގެ ކިޔަވަން ފެށިއިރު އަރަބިއްޔާ ސްކޫލަށް އަލްއަޒްހަރު ޔުނިޔާވިސިޓީން ފޮނުވާފައި ވަނީ ފޮނުވުމަށް ނިންމި 18 ޓީޗަރުންގެ ތެރެއިން އެންމެ 4 ޓީޗަރުންނެވެ. އެހެންކަމުން ކުދިންނަށް ކިޔަވައިދިނުމުގެ ކަންކަން ހަމަޖައްސަމުން ގެންދިޔައީ ވަގުތީ ޓީޗަރުންނާ އެކުގަ އެވެ. އެހެންނަމަވެސް އެޔުނިވާސިޓީއިން ފޮނުވަން ނިންމި ޓީޗަރުންގެ އެންމެ ފަހު 4 ޓީޗަރުން ވަނީ އެމަހުގެ 18 ވަނަ ދުވަހު މާލެ އައިސްފައެވެ.

މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުނުއިރު ޖުމްލަ 213 ސްކޫލެއްގައި 7000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރުމަށް ވަނީ ރަޖިސްޓްރީކޮށްފައެވެ. 185 ސްކޫލެއްގައި އޯލެވެލް ފެންވަރަށް ކިޔަވައި ދެމުންދިޔައިރު 50 ސްކޫލެއްގައި އޭލެވެލް ފެންވަރަކަށް ދިޔައީ ކިޔަވައިދެމުންނެވެ. މިއަހަރުގެ އޯލެވެލް އިމްތިހާން ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު 5284 ދަރިވަރުންނާއެކު ފަށާފައިވާއިރު އޭލެވެލް އިމްތިހާން ވަނީ 5569 ދަރިވަރުންނާއެކު އޮކްޓޫބަރު މަހުގެ 6 ވަަނަ ދުވަހު ފަށާފައެވެ.

ދިރާސީ އަހަރު ފެށުނުއިރު އެންމެ ބޮޑަށް ފާހަގަކޮށްލެވުނު ކަމަކީ ރާއްޖޭގައި މިހާތަނަށް އިމާރާތް ކުރެވުނު އެންމެ ބޮޑު ސްކޫލު ހުޅުވިގެން ދިޔަކަމެވެ. ހުޅުމާލޭގައި އަލަށް ހުޅުވި ހުރަވީ ސްކޫލަކީ 1700 ކުދިންގެ ޖާގައިގެ ސްކޫލެކެވެ. މިއަހަރު އެސްކޫލުގައި ގްރޭޑް 1-9 އަކަށް އަދި ގްރޭޑް 11 އަށް ކިޔަވާދީފައިވީނަމަވެސް އަންނަ އަހަރު ގްރޭޑް 10 އަދި 12 އަށް ކިޔަވައިދޭނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމަނޭ ސްކޫލްތަކުގައި ފެށި "ނާސްތާ" ޕްރޮގްރާމަކީވެސް ވަކި ކުޑަ ކަމެއް ނޫނެވެ. ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު 25 ސްކޫލެއްގައި ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ފެށި މިޕްރޮގްރާމް ދެވަނަ ޓާމް ފެށުނުއިރު ހުރިހާ ސްކޫލެއްގައި ވަނީ ފަށާފައެވެ. ފާޑުކިޔުންތަކާއެކުވެސް ރާއްޖޭގައި އަލަށް ފެށި މިޕްރޮގްރާމް ވެގެންދިޔައީ މެދުނުކެނޑި ކުރިއަށް ގެންދެވުނު ކާމިޔާބު ޕްރޮގްރާމެއްގެގޮތުގައި މިނިސްޓްރީން ދެކެއެވެ. އެގޮތުން އަހަރު ނިމުނުއިރު 213 ސްކޫލެއްގެ 57000 އަށް ވުރެ ގިނަ ކުދިން ދިޔައީ ނާސްތާ ޕްރޮގްރާމްގައި ބައިވެރިވެ ހެނދުނުގެ ނާސްތާ ނަގަމުންނެވެ.

މީގެ އިތުރަށްވެސް ފާހަގަކުރެވޭ ގިނަކަންތައްތަކެއް ސަރުކާރުންނާއި އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ކޮށްފައެވެ. އެގޮތުން އަތޮޅުތެރޭގެ ރަށްތަކަށް ވަޑައިގެން އެކި ސްކޫލުތަކުގެ ހާލަތު ހުރިނެތްގޮތް ބަލައި އުންމީދީ ވާހަކަތަކެއް ވަނީ ދަރިވަރުންނަށާއި، ބެލެނިވެރިންނަށް އަދި މުދައްިރސުންނަށް ހިއްސާކުރައްވާފައެވެ. މީގެ އިތުރަށް ތަފާތު އެކި ވޯކްޝޮޕްތައް އެކި ފެންވަރުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ތައުލީމާއި ތަމްރީނާ ގުޅުންހުރި އަދި ދުޅަހެޔޮކަމާއި އަދި ޓީޗަރުންގެ އެކި ކަންކަމާ ގުޅުންހުރި ވޯކްޝޮޕްތައް އެކި ފެންވަރުގައި ވަނީ ބޭއްވިފައެވެ. އަދި ތައުލީމީ ދާއިރާ ހަރުދަނާ ކުރުމަށް އެކި ޕްރޮގްރާމްތައް ވަނީ ތައާރަފް ކުރެވިގެންގޮސްފައެވެ.

އަހަރު ފެށުނުއިރު ބައެއް ކުދިންގެ ފޮތްބައިތަަކާއި އެކްޓިވިޓީ ޔުނިފޯމް ހަމަނުވެ ހުރިކަމުގައިވިޔަސް ޖެނުއަރީ މަހުގެ ތެރޭގައި ވަނީ އެކަމަށް ހައްލު ހޯދިފައެވެ. އެހެންނަމަވެސް އަންނަ އަހަރަށް ބެނުންވާ ފޮތް ބައިތައް ދުވަސްތަކެއް ކުރިން ސްކޫލުތަކަށް ދޫކޮށް ނިމިފައިވާއިރު ރިޕޯޓު ފޯމު ދޫކުރުމުގެ ދެތިން ދުވަސް ކުރިން ގިނަ ސްކޫލުތަކުން ވަނީ ދަރިވަރުންނަށް ފޮތްބައި ދޫކޮށްފައެވެ.

ސިޔާސަތުތައް ތަންފީޒު ކުރަމުން ދިޔައިރުވެސް މިނިސްޓަރ ޑރ. އާއިޝަތު އަލީ އަބަދުވެސް ފާހަގަކުރައްވާ އެއް ކަމެއް އޮވެއެވެ. ޓީޗަރުންނަށް ދޭންޖެހޭ އުޖޫރައާއި އެމީހުންނަށް ދޭންޖެހޭ ގަދަރުވެސް ދުވަހަކަށް ވުރެ ދުވަހެއް ކުޑަވަމުން އަންނަ ވާހަކައެވެ. ޓީޗަރެއްގެ ގޮތުގައި "ހަރުނުލާ" ވާހަކައެވެ. މިވާހަކަތަކަށްވެސް މިނިސްޓަރ ވަނީ ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށްޓަކައި މުސާރައިގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފައިވާކަމަށް އޮގަސްޓް މަހުގެ ތެރޭގައި ވަނީ ހާމަކުރައްވާފައެވެ. އަދި މިހިނގާ ނޮވެމްބަރު މަހުގެ 6ވަނަ ދުވަހު މަޖިލީހަށް ހާޒިރުކޮށް އެކަމާ ބެހޭގޮތުން ސުވާލުކުރެއްވުމުން މިނިސްޓަރ ވަނީ ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށްޓަކައި މުސާރައިގެ އޮނިގަނޑު ބަދަލުކޮށް އެ އޮނިގަނޑު މިހާރު ޕޭ ކޮމިޝަނަށް ހުށަހަޅާފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ކިޔަވާ ނިމޭ ކުދިން މި ދާއިރާއަށް ޝައުގުވެރިކަން އިތުރުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ނޮވްމެބަރު މަހުގެ ހަވަނަ ދުވަހަކީ މިނިސްޓަރު މަޖިލީހަށް ހާޒިރުކުރި ދުވަހަށް ވާއިރު އެދުވަހަކީ އެޑިޔުކޭޝަން މިނިސްޓްރީއަށް ޚާއްސަ ދުވަހަކަށް ވެގެންދިޔަ ދުވަހަކެެވެ. އާންމުކޮށް މަޖިލީހަށް މިނިސްޓަރުން ހާޒިރުކުރުމުން "މިވަގުތު ތިސުވާލަށް ޖަވާބު ދެވެން ނެތޭ" ބުނާ އުސޫލު ދޫކޮށްލައި މިނިސްޓަރ ވަނީ ކެރުންތެރިކަމާއެކު ނަމޫނާ ދައްކަވާފައެވެ. ނަތީޖާއެއްގެ ގޮތުން މަޖިލީހުގެ ރައީސްވެެސް އައު ކަމެއް ކޮށްލައްވައި މިނިސްޓަރަށް ވަނީ "އޭ ސްޓާރ" ރިޕޯޓެއް ދެއްވާފައެވެ.

ކޮންމެއަކަސް، ބުރާސްފަތި ދުވަހު ދަރިވަރުންނަށްވެސް މިވަނީ ރިޕޯޓުފޯމް ދޫކޮށްފައެވެ. ބޮޑު ބަންދަކަށް ފަހު އަލުން ސްކޫލްތަކުގެ ކިޔެވުން ފެށޭނީ އަންނަ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ.

އުފާވެރި ބޮޑު ޗުއްޓީއަކަށް އެދެމެވެ!