ބޮޑުޗުއްޓީއާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ ގޮތުން "އޮޕަރޭޝަން ނިޔާމަ" މިއަދު ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ކޮންމެ އަހަރެއްގެ ބޮޑުޗުއްޓީއާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ ބޮޑުޗުއްޓީގައި ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ކަނޑު ދަތުރުކުރާ ދުވަސްވަރަކަށްވުމާ އެކު، ދަތުރުކުރާ އުޅަނދާއި ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމުގެ ގޮތުން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށެވެ.

މި އޮޕަރޭޝަންގައި އުޅަނދުފަހަރުގައި ޕަސިންޖަރުން އުފުލުމަށް ކަނޑައެޅިފައިވާ އަދަދަށްވުރެ އިތުރަށް އުފުލާތޯއާއި، އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ އެމްއެންޑީއެފް ކޯސްޓްގާޑުން ބަލަމުން ގެންދާނެކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އެގޮތުން މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށްވެސް އެމްއެންޑީއެފުން ވަނީ ހަމަޖައްސާފައެވެ.

އެމްއެންޑީއެފުން ބުނީ މާލޭގެ އިތުރުން، އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގައި ވެސް މި އޮޕަރޭޝަން ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މާލެއާއި ރަށްރަށުގެ ބަނދަރުތަކުން ފުރާ އުޅަނދުތަކާއި ބަނދަރުތަކަށް ވަންނަ އުޅަނދުފަހަރުތައް އަދި ކަނޑުމަގުން ބައެއް އުޅަނދުތައް ކޯސްޓްގާޑުން ޗެކްކުރަމުން ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.