ލިޓަސް ބެޑްމިންޓަން އެސޯސިއޭޝަން ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ކުޅުންތެރިއަކަށް ފާތިމަތި ނަބާހާ ހޮވިއްޖެ އެވެ.

މުޅިން އަލަށް ބޭއްވި ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގައި ނަބާހާ ވަނީ ވާދަކުރި ތިން އިވެންޓުންވެސް ޗެމްޕިއަންކަން ހޯދާފައެވެ. އޭނާ ވަނީ މި ފަހަރުގެ މުބާރާތުގައިވެސް އަންހެން ސިންގަލްސް، އަންހެން ޑަބަލްސް އަދި މިކްސް ޑަބަލްސްގެ ޗެމްޕިއަންކަން ހޯދާފައެވެ.

އަންހެން ސިންގަލްސް ބައިގެ ޗެމްޕިއަންކަން ނަބާހާ ހޯދީ އިއްޔެ ހަވީރު އިންޑޯ ބެޑްމިންޓަން ކޯޓުގައި ކުޅުނު ފައިނަލް މެޗުގައި ނީލާ ނަޖީބު ބަލިކޮށްގެންނެވެ. ފައިނަލް މެޗުގެ ސެޓުތައް ނަބާހާ ގެންދިޔައީ 21-14 އަދި 21-14 އިންނެވެ.

އަންހެން ޑަބަލްސް ބައިގެ ޗެމްޕިއަންކަން ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާގެ ޕެއާ އިން ހޯދީ ފައިނަލުގައި މާޝާ ރަޝީދާއި އައިމިނަތު އަލީގެ ޕެއާ ބަލިކުރުމަށް ފަހު އެވެ. އަދި މިކްސް ޑަބަލްސް ބައިން ޒަޔާން ޒަކީ އާއި ފާތިމަތު ނަބާހާގެ ޕެއާ ޗެމްޕިއަންކަން ހޯދީ އިއްޔެ ކުޅުނު ފައިނަލުގައި ނިބާލް އަހުމަދާއި މައިސާ ފަތުހުﷲ ގެ ޕެއާ އަތުން މޮޅުވެގެންނެވެ.

ޒަޔާން، ނަބީހާ އަދި ނަބާހާ ----

މީގެ އިތުރުން މިފަހަރުގެ މުބާރާތުގެ ފިރިހެން ސިންގްލްސްގެ ޗެމްޕިއަންކަން ހޯދީ ޒަޔާން ޒަކީ އެވެ. މި ބައިގެ ޗެމްޕިއަންކަން ޒަޔާން ހޯދީ އިއްޔެ ކުޅުނު ފައިނަލް މެޗުގައި ނިބާލް އަހުމަދު އަތުން ފަހަތުން އަރާ 2-1 ސެޓުން މޮޅުވެގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ނިބާލް ގެންދިޔައީ 21-16 އިންނެވެ. އެކަމަކު ޒަޔާން ވަނީ އަނެއް ދެ ސެޓުގައި ކުޅުން ރަނގަޅުކޮށް މެޗު ނަތީޖާ އަނބުރާލާފައެވެ. އަނެއް ދެ ސެޓު އޭނާ ގެންދިޔައީ 21-13 އަދި 21-10 އިންނެވެ.

މީގެ އިތުރުން ޒަޔާން ވަނީ މި މުބާރާތުގެ ފިރިހެން ޑަބަލްސް ބައިގެ ފައިނަލްގައިވެސް ވާދަކޮށްފައެވެ. އެކަމަކު މިބައިގެ ފައިނަލްގައި ޒަޔާން އާއި އަހުމަދު ތޯއިފްގެ ޕެއާ ވަނީ ހަސަން އަފްޝީން އާއި މުހައްމަދު ހިޝާމްގެ ޕެއާ އަތުން ބަލިވެފައެވެ.

މިފަހަރުގެ މުބާރާތުގައި އެންމެ ފަހުގެ ގައުމީ ޗެމްޕިއަން މުހައްމަދު އަޖުފާން ރަޝީދު އަނިޔާގެ ސަބަބުން ކުޅެފައެއް ނުވެއެވެ.