މި އަހަރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ އެކެޑަމީ ޓީމުތަކުން ވާދަކުރި މުބާރާތްތަކުގައި ހޯދާފައިވާ ކާމިޔާބީތައް ރޭ ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.

މާޒިޔާ އެކެޑަމީން ވަނީ މި އަހަރު އެފްއޭއެމްއިން އިންތިޒާމުކޮށްގެން ބޭއްވި ދިރާގު ޔޫތު ލީގުގެ 12 އަހަރުން ދަށުގެ މުބާރާތާއި 14 އަހަރުން ދަށުގެ މުބާރާތުގެ އިތުރަށް އިންޑިއާގައި ބޭއްވި 14 އަހަރުން ދަށުގެ އިންޓަނޭޝަނަލް ކަޕް އޮފް ޖޯއި މުބާރާތް ކާމިޔާބުކޮށްފައެވެ.

ރޭ ޓާރފް ދަނޑުގައި ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. އަދި މި ހަފުލާގައި ކުޅިވަރު އާއިލާގެ މެމްބަރުން ވަނީ ބައިވެރިވެފައެވެ.

މި ހަފްލާ ވަނީ މާޒިޔާގެ އެކެޑަމީ ޓީމުތަކުން ހޯދި ކާމިޔާބީއާ ގުޅިގެން އެ ކުޅުންތެރިންނާއި، ޓީމުގެ އޮފިޝަލުންގެ އަގުވަޒަން ކޮށްފައެވެ. އަދި ވަނީ އެ އެކެޑަމީ އަށް އެންމެ ބުރަ މަސައްކަތްތަކެއް ކޮށްދޭ ކޯޗު އިބްރާހިމް ޝާފިއު (ސާއްކޮ) ގެ އަގުވަޒަންކުރުމުގެ އިތުރުން މާޒިޔާގެ ސްޕޮންސަރެއްގެ ގޮތުގައި އެލް މޯޅްޑިވްސް އިން ކޮށްދޭ ޚިދުމަތާއި ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމްގެ ރައީސް ބައްސާމް ކުރައްވާ މަސައްކތަުގެ އަގުވަޒަންވެސް ކޮށްފައެވެ.

މާޒިޔާ އެކެޑަމީގެ ކާމިޔާބީތައް ފާހަގަކުރުން -- ފޮޓޯ: މާޒިޔާ

މި ހަފުލާގައި ބައްސާމް ވިދާޅުވީ އެފްއޭއެމްގެ މިހާރުގެ ހިންގާ ކޮމިޓީ އަށް ތިން އަހަރު ފުރުން ފާހަގަކުރާ މި ދަނޑިވަޅުގައި މާޒިޔާގެ މި ކާމިޔާބީ ފާހަގަކުރާތީ ހާއްސަ އުފަލެއްވާ ކަމަށާއި އެފްއޭއެމްގެ އެންމެ ބޮޑު މަގުސަދަކީ ރަނގަޅު ޒުވާން ކުޅުންތެރިންތަކެއް ބިނާކުރުން ކަމަށެވެ.

މާޒިޔާ އަކީ ރާއްޖޭގައި އެންމެ ހަރުދަނާކޮށް ހިންގާ ކްލަބު. އަޅުގަނޑު އެދެނީ އެހެން ކްލަބުތަކުން ވެސް މި ފެންވަރުގައި ނޫނީ މި އަށ ވުރެ ވެސް ރަނގަޅަށް ކްލަބުތައް ހިންގުން. ހަގީގަތުގައި ވާދަވެރިކަން އޮންނަން ޖެހޭނީ ދަނޑުމަތީގައި އެކަންޏެއް ނޫން. މާޒިޔާގެ އެކެޑަމީގެ އާއިލާތަކާއި މާޒިޔާގެ އާއިލާ ފުޓްބޯޅަައިގައި މި ފަދަ ހަރަކާތެއް ބާއްވާތީ އަޅުގަނޑު އުފާކުރަން.
ބައްސާމް

1996 ވަނަ އަހަރު މާޒިޔާ އުފެދުނުއިރު، އެެ ޓީމުގެ އެކެޑަމީ ވުޖޫދަށް އައިސްފައިވަނީ 2015 ވަނަ އަހަރު އެވެ.