ހުޅުމާލޭގައި އެންސިސް ފިޝަރީސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސްދަޅު ބަންދުކުރުމަށް ގާއިމްކޮށްފައިވާ ކާރުހާނާ ހުޅުވަން އެ ކުންފުނިން ތައްޔާރުވެއްޖެއެވެ.

25 މިލިއަން ޑޮލަރުގެ މި ޕްރޮޖެކްޓާ ގުޅޭގޮތުން އެންސިސްއިން ބުނީ، މި ކާރުހާނާއަކީ ދުވާލަކު 25 ޓަނުގެ ދަޅުމަސް ބަންދުކުރެވޭގޮތަށް ތަރައްގީކޮށްފައިވާ ކާރުހާނާއެއް ކަމުގައެވެ.

މި ކާރުހާނާގައި ފިނިކުރިމަސް ރައްކާކުރެވޭ ގޮތަށް 1200 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ބެހެއްޓުމަށް މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށް 100 ޓަނުގެ އައިސް ޕްލާންޓެއްވެސް މިކާރުހާނާގައި ގާއިމްކޮށްފައި ވާނެކަމަށް އެންސިސްއިން ބުނެފައިވެއެވެ.

މީގެއިތުރުން މަހުން އުކާލެވޭ ބައިތައް ބޭނުންކުރުމަށް ފިޝްމީލް ޕްލާންޓެއްވެސް މި ކާރުހާނާގައި ގާއިމްކޮށްފައި ވެއެވެ.

އެންސިސްއިން ބުނީ ގްރޭޓަރ މާލޭ ސަރަހައްދުގައި ހުޅުވޭ ފުރަތަމަ ދަޅުމަސް ބަންދުކުރާ ކާރުހާނާގެ ސަބަބުން ރާއްޖޭގައި ދަޅުމަސް ބަންދުކުރެވޭ އަދަދު އިތުރުވެ، ދިވެހިން ބާނާ މަހަށް ވެލިއު އެޑް ކުރުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމުގައެވެ. އަދި ރާއްޖެއިން އެކްސްޕޯޓްކުރެވޭ ރޯމަހުގެ އަދަދު މަދުވެ، ރާއްޖޭގެ އަމިއްލަ އުފެއްދުންތައް ބައިނަލްއަގުވާމީ މާރުކޭޓަށް އެކްސްޕޯޓްކުރެވޭ މިންވަރު އިތުރުވެގެންދާނެ ކަމަށްވެސް އެންސިސްއިން ބުނެފައިވެއެވެ.

އެންސިސްއިން ބުނީ މި ކާރުހާނާގެ ސަބަބުން އާންމުންނަށްވެސް ބޮޑު ލުއިފަސޭހައެއް ވެގެންދާނެ ކަމުގައެވެ. އެގޮތުން ގިނަ އަދަދެއްގެ ދަޅުމަސް އެކަށީގެންވާ އަގެއްގައި އާންމުންނަށް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް ބުނެއެވެ.

މި ކާރުހާނާ ހުޅުވުމަށް އެންސިސްއިން ވަުންގެންދާ ތައްޔާރީތަކުގެ ތެރެއިން އެންސިސްއިން ވަނީ މި ކާރުހާނާގެ އެކިއެކި ވަޒީފާތަކަށް މީހުން ނެގުމަށް އޯޕަންޑޭއެއް ބާއްވަން ނިންމާފައެވެ. މި އޯޕަންޑޭ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، މި ކާރުހާނާގެ މަސައްކަތްތައް ފެށުމުން ތަފާތު އެކި ދައިރާތަކުން 400 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް އެންސިސްއިން ބުނެފައިވެއެވެ.

މި އޯޕަންޑޭ 23 ނޮވެމްބަރު 2019 ވާ ހޮނިހިރު ދުވަހު ހަވީރު 16:00 އިން 18:00 އަށް، އަދި ރޭގަނޑު 20:00 އިން 22:00 އަށް ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯންގައި ހުންނަ އެންސިސް ކޭނިން ފެކްޓްރީގައި ކުރިއަށްދާނެ ކަމަށް އެންސިސްއިން ބުނެފައިވެއެވެ.