ހޮންގްކޮންގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައަށް ތާއީދުކުރުމާއި އަދި ޗައިނާއިން އިންސާނީ ހައްގުތަކަށް އަރައިގަތުމާ ދެކޮޅަށް އިންޒާރުކޮށް އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން ދެބިލެއް ފާސްކޮށްފިއެވެ.

މި ދެބިލްގެ ސަބަބުން، ޗައިނާއާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ މައްސަލަތަކުގައި ވަމުންދާ އަރާރުންތައް އިތުރަށް ހޫނުވެގެން ދާނެކަމަށް ބެލެވިފައި ވެއެވެ.

އެމެރިކާއިން މިފަދަ ބިލްތަކެއް ފާސްކުރި މިވަގުތަކީ، ހޮންގްކޮންގައި މުޒާހަރާ ކުރަމުންދާ މީހުންގެ ތެރެއިން ބަޔަކު ޔުނިވަރސިޓީއެއްގެ އިމާރާތަކުން ހިމާޔަތް ހޯދައިގެން ތިއްބައި، ހޮންގްކޮންގ ފުލުހުން އެ އިމާރާތް ވަށާލާފައިވާ ވަގުތެއްވެސް މެއެވެ.

މުޒާހަރާތައް ރޫޅާލައި، މުޒާހަރާގެ ބައިވެރިން ކޭމްޕް ޖަހައިގެންތިބި ބައެއް ތަންތަނަށް ހޮންގްކޮންގ ފުލުހުން ގަދަބާރުން ވަދެގަނެ އާންމުންނަށް ބޮޑެތި އަނިޔާތައް ކުރަމުންދާ ކަމުގެ ރިޕޯޓްތައްވެސް މީޑިއައިން އާންމުކުރަމުން އެބަގެންދެއެވެ.

"ހޮންގްކޮންގ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ އެކްޓް" ހައުސްއިން ފާސްކޮށްފައިވަނީ 417 ވޯޓުންނެވެ. ދެކޮޅަށް ވޯޓްދެއްވީ އެންމެ މެމްބަރެކެވެ. ހޮންގްކޮންގައި އިންސާނިއްޔަތާ ޚިލާފް އަމަލުތައް ހިންގާ އޮފިޝަލުންނާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ އިޚްތިޔާރު މި ބިލްގައިވާގޮތުން އެމެރިކާގެ ޚާރިޖިއްޔާއަށް ލިބިދެއެވެ.

ހައުސް އޮފް ރެޕްސްއިން ފާސްކޮށްފައިވާ ދެވަނަ ބިލަކީ، މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް ބޭނުންކުރާ ބައެއްކަހަލަ ތަކެތި ހޮންގްކޮންގަށް އެތެރެކުރުން ހުއްޓުވުމުގެ ބިލެވެ. 417 ވޯޓުން ފާސްވި މިބިލްގައި ކަނޑައަޅާފައިވަނީ، ކަރުނަގޭހާއި، ޕެޕަރސްޕްރޭއާއި، ރަބަރުވަޒަނާއި، ދުންބޮން ކަހަލަ ސާމާނު އެތެރެކުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށެވެ.

އެމެރިކާއިން މި ދެބިލް ފާސްކުރުމުން، ޗައިނާ ސަރުކާރުގެ ނޫހަކުންވަނީ އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުކިޔައި ނުރުހުން ފާޅުކޮށްފައެވެ. ބުނެފައިވަނީ، ބިލްގެ ނަން "ހަމަނުޖެހުން ހިންގުމަށް ތާއީދުކުރާ ބިލް" ކީނަމަ މާ ރަނގަޅުވީސް ކަމަށެވެ.