ޗައިނާގައި މިހާރު ކުރިޔަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ޝޯޓްބޯޑް އޯޕަން ބައިން ރާއްޖޭގެ ހުސެއިން އަރީފް (އިބޫ) ލޯ މެޑަލް ހޯދައިފި އެވެ.

ޗައިނާގެ ޝިއާންޓާއޯގައި ކުރިއަށްދާ މި މުބާރާތުގެ ޝޯޓްބޯޑް އޯޕަން ބައިގެ ފައިނަލްގައި ރާއްޖޭގެ ދެ ރާޅާއެޅުންތެރިން ވަނީ ވާދަކޮށްފައެވެ. އެއީ އިބޫގެ އިތުރަށް އިސްމާއިލް ރަޝީދު (ސްމައިލީ) އެވެ.

މިއަދު ކުރިއަށްދިޔަ ފައިނަލް ހޯޓުގައި އިބޫ ތިންވަނަ ހޯދިއިރު، ސްމައިލީ ވަނީ ފައިނަލުން ހަތަރުވަނަ ހޯދާފައެވެ.

ފައިނަލުން އިބޫ ޖާގަ ހޯދީ އިއްޔެ ކުރިއަށްދިޔަ ސެމީ ފައިނަލުގައި ހީޓުގެ ދެވަނަ ހޯދައިގެންނެވެ. އަދި ސްމައިލީވެސް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި ހީޓުގެ ދެވަނަ ހޯދައިގެންނެވެ. ސެމީ ފައިނަލުގައި އިބޫ އާއި ސްމައިލީ ވާދަކޮށްފައިވަނީ ޗައިނާ އާއި ޖަޕާން އަދި ސްރީ ލަންކާގެ ސާފަރުންނާއެވެ.

އޭޝިއާ މުބާރާތުން ރާއްޖޭގެ ރާޅާއެޅުންތެރިން ރަނގަޅު ކާމިޔާބެއް ހޯދިއިރު، މި އިބޫ އާއި ސްމައިލީވެސް ވަނީ މީގެ ކުރިން ޖަޕާނުގެ މިޔަޒާކީގައި ކުރިއަށްދިޔަ ވޯލްޑް ސާފިން ގޭމްސްގެ ދެވަނަ ބުރުންވެސް ފުރުސަތު ހޯދާފައެވެ.

އޭޝިއާ މުބާރާތުގައި އިބޫ އާއި ސްމައިލީގެ އިތުރަށް ރާއްޖޭގެ އަހުމަދު އާގިލް ވެސް ވަނީ ވާދަކޮށްފަ އެވެ. އޭނާ ވެސް ވަނީ މި މުބާރާތުން ރަނގަޅު ކުރިއެރުމެއް ހޯދާފައެވެ.