ސްރީލަންކާގެ ރައީސްކަން ކުރިން ދެފަހަރެއްގެމަތިން ކުރައްވާފައިވާ މަހިންދަ ރާޖަޕަކްސަ، އެގައުމުގެ ބޮޑުވަޒީރުކަމުގެ ހުވާ ދާދި ދެންމެއަކު ކުރައްވައިފިއެވެ.

މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާފައިވަނީ، ވެރިރަށް ކޮޅުނބުގައި ހުންނަ ސްރީލަންކާ ރައީސްގެ އޮފީހުގައެވެ. މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވީ، ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަގެ ކުރިފުޅުމަތީގައެވެ.

މަހިންދަ ރާޖަޕަކްސަ ސްރީލަންކާގެ ރައީސްކަން ކުރައްވާފައިވަނީ 2005 އިން 2015 އަށެވެ.

އޭނާ ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ ހުވާ މިއަދު މިކުރެއްވީ، ސްރީލަންކާގެ ބޮޑުވަޒީރުކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ އިއްޔެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ރަނިލް ވިކްރަމަސިންހަ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވީ، މިދިޔަ ހޮނިހިރު ދުވަހު ސްރީލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރަނިލްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ފަރާތުން ވާދަކުރެއްވި ސާޖިތު ޕްރެމަދާސަ ބަލިވެވަޑައިގަތުމާ ގުޅިގެންނެވެ.

ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ ޕާޓީގެ ފަރާތުން ވާދަކުރެއްވި ގޮޓަބާޔަ ރާޖަޕަކްސަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ، ވޯޓުގެ %52 ކާމިޔާބު ކުރައްވައިގެންނެވެ.

މިނަތީޖާއާ ގުޅިގެން ބޮޑުވަޒީރުކަމުން ރަނިލް އިސްތިއުފާ ދެއްވުމުން، ދެން އެކުލަވާލެވޭ ވަގުތީ ސަރުކާރުގެ ބޮޑުވަޒީރަކަށް މަހިންދަ ރާޖަޕަކްސަގެ ނަންފުޅު ހުށަހެޅުއްވީ ރައީސް ގޮޓަބާޔަ ރާޖަޕަކްސައެވެ.

ސްރީލަންކާގެ ޕާލަމެންޓްގައި މިވަގުތު އަޣުލަބިއްޔަތު އޮތީ، ބޮޑުވަޒީރުކަމުން އިއްޔެ އިސްތިއުފާ ދެއްވި ރަނިލްގެ ޕާޓީއަށް ކަމުން، މަހިންދަ ރާޖަޕަކްސަ އެކުލަވާލައްވާ ސަރުކާރު ވެގެންދާތީ އަޣުލަބިއްޔަތު ނެތް ސަރުކާރަކަށެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު އާންމު އިންތިޚާބު ބޭއްވުމަށްވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ.

މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމާއެކު، ސްރީލަންކާ ސަރުކާރުގެ އެންމެމަތީ ބާރުތައް އަނެއްކާވެސް ރާޖަޕަކްސަގެ އާއިލާއަށް ނަގުލްވެގެން ދިޔައީއެވެ. އަދި މިއީ، ސްރީލަންކާ ސަރުކާރުގެ އެންމެމަތީ ދެބާރުގެ ވެރިކަން އެއްބަނޑު އެއްބަފާ ދެބޭފުޅުން ކުރައްވާ ފުރަތަމަ ފަހަރުވެސް މެއެވެ.

އުމުރުފުޅުން 70 އަހަރުގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސައަކީ މަހިންދަ ރާޖަޕަކްސައާ އެއްބަނޑު އެއްބަފާ އެންމެ ހަގު ކޮއްކޯފުޅެވެ. އޭނާގެ ބޭބޭފުޅު، މަހިންދަ ރާޖަޕަކްސަގެ އުމުފުޅަކީ 74 އަހަރެވެ.