އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ދައުލަތުން ހުށަހަޅާފައިވާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓަށް 366 މިލިއަން ރުފިޔާ އިތުރުކުރުމަށް ނިންމާ ކޮމިޓީން ބަޖެޓް ފާސްކޮށްފިއެވެ.

ބަޖެޓް ކޮމިޓީން ރޭ ބޭއްވި ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުންގެ އަގުލަބިއްޔަތުން ވަނީ ބަޖެޓަށް 366 އިތުރުކޮށް ބަޖެޓް ފާސްކޮށްފައެވެ. އެހެންކަމުން އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓު 37.8 ބިލިއަން ރުފިޔާއަށް އިތުރުވެގެންދާނެއެވެ.

ބަޖެޓަށް އިތުރުކުރުމަށް ކޮމިޓީން ނިންމާފައިވާ 366 މިލިއަން ރުފިޔާއަކީ ޕީއެސްއައިޕީ ޕްރޮގްރާމުތަކަށާއި އޮފީސްތަކުގެ ޚަރަދުތައް ހަމަޖެއްސުމަށް އިތުރުކޮށްފައިވާ ފައިސާއެވެ. ބަޖެޓަށް އިތުރުވި އަދަދަށް ފައިނޭންސް ހޯދަން ނިންމާފައި ވަނީ 929 މިލިއަން ރުފިޔާގެ ޓީބިލު ވިއްކައިގެންނެވެ.

ބަޖެޓް ދިރާސާ ކުރާ ކޮމިޓީ އެކުލަވާލަނީ ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ މެންބަރުންނާއި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރުން ހިމެނޭ ގޮތަށެވެ. އެ ކޮމިޓީން ބަޖެޓަށް 366 މިލިއަން ރުފިޔާ އިތުރު ކުރިޔަސް އެ ގޮތަށް ފާސްވާނީ މަޖިލީހުގެ ތަޅުމުން އެ ގޮތަށް ފާސްކުރުމުންނެވެ.

ބަޖެޓަށް އިތުރު ކުރި މި އަދަދާއެކު، ބަޖެޓް ޑެފިސިޓް 5.9 ބިލިއަން ރުފިޔާއަށް އިތުރުވާނެއެވެ. ބަޖެޓް ޑެފިސިޓްގެ ފައިސާ ހޯދަން ޖަޕާނަށް 300 މިލިއަން ޑޮލަރުގެ ސަމުރާއީ ބޮންޑެއް ވިއްކަން ވަނީ ނިންމާފަ އެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އެ 300 މިލިއަން ޑޮލަރުގެ ބޮންޑު ގެރެންޓީ ކުރާނީ ޖަޕާން ބޭންކް ފޮ އިންޓަނޭޝަނަލް ކޯޕަރޭޝަން (ޖޭބިކް)އިން ކަމަށެވެ.

މަޖިލިހަށް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ 2020ވަނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އެއް އަމާޒަކީ، ރާއްޖެއަށް ބޭނުންވާ އަސާސީ އުމްރާނީ ވަސީލަތްތައް ޤާއިމުކުރުންކަމަށެވެ. ފިނޭންސް މިނިސްޓަރ ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓު ވެގެންދާނީ ދިވެހި އެންމެހާ ރައްޔިތުންނަށް ގަދަރުވެރި ދިރިއުޅުމެއް ހޯދައިދިނުމަށް މަގުފަހިކޮށްދޭނެ ބަޖެޓަކަށްކަމަށެވެ.

އަންނަ އަހަރު ޖުމްލަ ޢާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި 29.9 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވާއިރު ޢާމްދަނީގެ އެންމެ ބޮޑު ބައެއް ޙިއްސާކުރަނީ ޓެކުހުގެ ގޮތުގައި ލިބޭ ފައިސާއިންނެވެ.