ޓޮޓެންހަމް ހޮޓްސްފާސްގެ ކޯޗުކަމުގެ މަގާމުން ދާދި ފަހުން ވަކިކުރި މައުރީސިއޯ ޕޮޗެޓީނޯ ހޯދުމުގެ ރޭހުގައި ބާސެލޯނާއިންވެސް ބައިވެރިވެއްޖެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބާސާ އާއި ބަޔާން މިއުނިކުންވެސް އަންނަނީ ޕޮޗެޓީނޯއަށް ފާރަލުމުންނެވެ. އަދި ބާސާއިން ޕޮޗެޓީނޯ ގެނައުމަށް މަސައްކަތް ކުރާއިރު، އެޓީމުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ދާދި އަވަހަށް މަގާމުން ވަކިކުރާނެ ކަމަށްވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މި ސީޒަނުގައި ބާސާއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، ބާސާގެ ގިނަ ސަޕޯޓަރުން އަންނަނީ ވަލްވޭޑޭ މަގާމުން ވަކިކުރަން ގޮވާލަމުންނެވެ.

މިއީ ބާސެލޯނާ ކޯޗުކަމުގައި ވަލްވޭޑޭ ހުންނަ ތިންވަނަ ސީޒަނެވެ. ސްޕެނިޝް ލީގުގައި ވަލްވޭޑޭ ކާމިޔާބު ހޯދި ނަމަވެސް، އޭނާ އަށް އަބަދުވެސް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވަނީ އޭނާގެ ކޯޗުކަމުގައި ޗެމްޕިއަންސް ލީގުގައި ބާސެލޯނާގެ ނާކާމިޔާބީތަކުގެ ސަބަބުންނެވެ. މިދިޔަ އަހަރު ސެމީ ފައިނަލުގައި ލިވަޕޫލް އަތުން ކެޓިއިރު، އޭގެ ކުރިން ފަހަރު ކުއާޓާ ފައިނަލުގައި ކެޓީ ރޯމާ އަތުންނެވެ.

ވަލްވޭޑޭގެ ބަދަލުގައި ޕޮޗެޓީނޯ ހޯދުމަށް ބާސާއިން މަސައްކަތް ފަށާފައިވާއިރު، މިދިޔަ ސީޒަނުގައި ޕޮޗެޓީނޯ ވަނީ އެއްވެސް ޚަރަދެއް ނުކޮށް ޓޮޓެންހަމަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރުސަތު ހޯދާދީފައެވެ. އަދި އޭނާ ވަނީ މިދިޔަ އަހަރުގެ އެންމެ މޮޅު ކޯޗުންގެ ނޮމިނޭޝަނުގައިވެސް ހިމެނިފައެވެ.

ބާސާގެ އިތުރަށް ދެން ޕޮޗެޓީނޯއަށް އެންމެ ބޮޑަށް ފާރަލާ ކްލަބަކީ ޖަރުމަންގެ ބަޔާން އެވެ. ބަޔާންގެ ކޯޗުކަމުގެ މަގާމުން ނިކޯ ކޮވަޗް ދާދި ފަހުން ވަކިކޮށްފައިވާއިރު، މިހާރު އެޓީމަށް އިރުޝާދުދެނީ އެސިސްޓަންޓް ކޯޗު ހަންސީ ފްލިކް އެވެ. ބަޔާނުން އެންމެ ފުރަތަމަ ހޯސޭ މޮރީނިއޯއަށް ފާރަލިއިރު، މޮރީނިއޯ މިހާރު ވަނީ ޓޮޓެންހަމާ ގުޅިފައެވެ. ދެން ބަޔާނުން ގެންނަން ބޭނުންވާ ކޯޗުންގެ ތެރޭގައި ޕޮޗެޓީނޯގެ އިތުރަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާވެސް ހިމެނެއެވެ.