މިހިނގާ އަހަރަކީ ސްކޫލުތަކުގެ އުމްރާނީ ތަރައްގީއަށް އެންމެ ބޮޑު ހޭދައެއް ކުރެވުނު އަހަރު ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ދިރާސީ އަހަރުގެ ކިޔެވުން ނިމުމާ ގުޅިގެން މިނިސްޓަރ ދެއްވި ޚިތާބުގައި ވިދާޅުވީ، ނިމިގެންމިދާ ދިރާސީ އަހަރަކީ ގިނަ ގޮތްގޮތުން ދަރިވަރުންނަށް މަންފާކުރުވަނިވި، އަދި ހުރިހާ ރޮނގަކުންވެސް ކާމިޔާބު އަހަރެއްގެ ގޮތުގައި މިންވަރުކުރެއްވި ކަމަށްޓަކައި ﷲއަށް ހަމްދުކުރާ ކަމަށެވެ.

މިނިސްޓަރގެ ހިތާބުގައި އެންމެ ފުރަތަމަވެސް ފާހަގަކުރެއްވީ، ރާއްޖޭގައި އަލަށްފެށި ހެނދުނުގެ ނާސްތާ ޕްރޮގްރާމެވެ.

އެއީ ވަރަށް ކާމިޔާބު ޕްރޮގްރާމެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، އެޕްރޮގްރާމްގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައިވެސް ހިމެނޭ ނާސްތާ ޕްރޮގްރާމް އެންމެ ފުރަތަމަ ފެށީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި 25 ސްކޫލެއްގައެވެ. އަދި ދެވަނަ ޓާމުގައި ހުރިހާ ސްކޫލެއްގައި މިޕްރޮގްރާމް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެއިތުރަށް މިނިސްޓަރ ވަނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމީ ނިޒާމުގެ ތެރެއިން ފަހު ފުރުސަތުތަކެއް ހޯދައިދިނުމަށް ގިނަ މަސައްކަތް ކުރެވިފައިވާކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން ތައުލީމީ ދާއިރާއިން ދެވޭ ހިދުމަތްތައް ރަނގަޅުކޮށް ފުޅާކުރުމަށް ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންގެ ނަމުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު ދިނުމަށް ޑިޕާޓްމަންޓެއް އުފައްދައި، ހިދުމަތް ދޭން މިއަހަރުތެރޭ ވަނީ ފަށާފައި ކަމަށް މީގެކުރިން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

"ސިންގަލް ސެޝަން ސްކޫލް" ޕައިލެޓް ޕްރޮޖެކްޓުވެސް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން 22 ސްކޫލެއްގައި މިޕރޮޖެކްޓް ހިންގުނުއިރު އޭގެ ނަތީޖާއަކާ ހަމައަށް އާދެވިފައިވާކަމަށް މިނިސްޓަރގެ ހިތާބުގައި ވަނީ ފާހަގަކުރައްވާފައެވެ.

އަދި އައު މަންހަޖަށް ކިޔަވައިދިނުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެކަން ހައްލުކުރުމަށް "ކަރިކިއުލަމް ރިވިއު ސިމްޕޯސިއަމް" އެއް ބޭއްވި އޭގެއަލީގައި މުގައްރަރުތަކާއި ޓެކްސްޓް ފޮތްތައް ރިވިއުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ދިރާސީ އަހަރު ނިމިގެންމިދަނީ ތައުލީމީ ދާއިރާގެ ސިޔާސަތުތަކާ އެއްގޮތަށް ކަނޑައެޅި ލަނޑުދަނޑިތައް ހާސިލު ކުރެވިގެންކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ތައުލީމީ ދާއިރާގެ އުމްރާނީ ތަރައްގީއަށް މީގެކުރިން ނުކުރާފަދަ ބޮޑު ހަރަދެއްކޮށް، މުވައްޒަފުންގެ އިލްމީ ގާބިލުކަމާއި ފަންނީ ހުނަރު ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ތައުލީމީ ދާއިރާގެ ކަންކަން ހާސިލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބްރައީސް ފައިސަލް ނަސީމްގެ އިތުރަށް ސޯޝަލް ސާވިސްގެ މެމްބަރުން ދެއްވި އަހަންމިއްޔަތުކަމާއި، އިރުޝާދުތަކަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ. ސްކޫލުތަކުގެ އިސްވެރިންނާއި، މުދައްރިސުންނަށާއި އެހެނިހެން މުވައްޒަފުންނަށްވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އަދި ކުރިއަށް މިއޮތް ބޮޑު ޗުއްޓީގައި ދަރިވަރުންނަށް ދަސްވެފައިވާ ކަންކަން އިތުރަށް ތަރައްގީކުރުމަށް މަސައްކަތް ކުރުމަށް މިނިސްޓަރ ވަނީ އެދިވަޑައިގަންނަވާފައެވެ. އަދި ދީނީ ވާޖިބުތައް އަދާކުރުމާއެކު، އެކުވެރި އަދި މަޖާ މާހައުލެއްގައި ޗުއްޓީ ތެރޭގައި ކުދިން ޝާމިލޮކޮށްދެއްވުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.