މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ވޯޓުލުން ހުކުރު ދުވަހުގެ މެންދުރުފަހު ކުރިއަށް ގެންދާނެ ކަމަށް އެޕާޓީން ބުނެފި އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ވިލިމާލޭ ދާއިރާގެ ރައީސް މުހައްމަދު އިބްރާހީމް މަނިކް ވިދާޅުވީ އެފާޓީގެ ޕްރައިމަރީގެ ވޯޓުލުން ހުކުރު ދުވަހުގެ މެންދުރުފަހު 2:00 އިން ފެށިގެން އިރުއޮއްސި 6:00 އަށް އެމްޑީޕީގެ ހަރުގެ ހުންނަ ހުރިހާ ރަށެއްގައި ކުރިއަށް ކުރިޔަށްގެންދާނެ ކަމަށެވެ.

މާލޭގައި ހުންނަ އެޕާޓީގެ މައި ހަރުގޭގައި ހުންނާނީ މާލޭގައި ދިރިއުޅޭ އައްޑޫ އާއި ފުވައްމުލަކުގެ އެމްޑީޕީގެ މެންބަރުން ވޯޓްލާންޖެހޭ ފޮށިތައް ކަމަށް މުހައްމަދު އިބްރާހީމް މަނިކް ވިދާޅުވިއެވެ.

މާލޭގައި ދިރިއުޅޭ އެހެން އަތޮޅުތަކުގެ އެމްޑީޕީގެ މެންބަރުން އަދި މާލެއަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރުން ވޯޓްލާންޖެހޭ ވޯޓު ފޮށިތައް ހުންނާނީ އިސްކަންދަރު ސްކޫލުގައި ކަމަށާއި، މީގެއިތުރުން ހުޅުމާލޭގެ ޣާޒީ ސްކޫލުގައި އަދި ވިލިމާލޭ އެމްޑީޕީ ހަރުގޭގައި ވެސް ވޯޓުފޮއްޓެއް ބެހެއްޓުމަށް ނިންމާފައިވާ ކަމަށް މުހައްމަދު އިބްރާހީމް މަނިކް ވިދާޅުވިއެވެ.

މީގެ އިތުރުން ސްރީލަންކާގައި ވެސް ވޯޓު ފޮށްޓެއް ބެހެއްޓުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

" 87 ދާއިރާއެއްގައި ވޯޓުފޮށި ބަހައްޓާއިރު، 87 ދާއިރާގެ ހުރިހާ ރަށެއްގަ ވޯޓު ލަމުންދާނެ. އެކަމަށްޓަކައި މިހާރު ހުރިހާ ކަމެއް މިވަނީ ހަމަޖެހިފަ. އޭގެ އިތުރަށް ކޮލަމްބޯގަވެސް ބަހައްޓާނެ ފޮއްޓެއް. ވޯޓުލުން 6 ޖަހަންދެން ކުރިޔަށްދާއިރު، 6 ޖެހުމުގެ ކުރިން ކިއުގައި ޖެހިއްޖެނަމަ ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެ."
މުހައްމަދު އިބްރާހީމް މަނިކް

އެމްޑީޕީންގެ އެތެރޭގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 87،439 މީހުންނަށް ލިބިފައިވާއިރު، މީގެތެރެއިން 80 އިންސައްތަ މީހުން މިއިންތިހާބުގައި ވޯޓު ލާނޭކަމަށް އަންދާޒާ ކުރެވޭކަމަށް މުހައްމަދު އިބްރާހީމް މަނިކް ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި، އެޕާޓީގެ ރައީސްގެ މަގާމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާއިރު، ނައިބު ރައީސްގެ މަގާމަށް ވާދަކުރައްވަނީ އެޕާޓީގެ މިހާރުގެ ވެސް ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒާއި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.