ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން ބާއްވާ ނޭޝަނަލް ސްކައުޓް ކްރާފްޓް ކޭމްޕް، އަންނަ ހޮނިހިރުދުވަހު ހުޅުމާލޭ ފޭސް 2 ގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

މިއީ، ރާއްޖޭގައި ނޭޝަނަލް ސްކައުޓް ކްރާފްޓް ކޭމްޕް ބާއްވާ 2 ވަނަ ފަހަރެވެ.

މި ނޮވެމްބަރުމަހުގެ 23 އިން 27 އަށް ހުޅުމާލޭ ފޭސް 2 ގައި ބާއްވާ މިކޭމްޕްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 24 ސްކޫލަކުން 335 ސްކައުޓުންނާއި 55 ސްކައުޓް ލީޑަރުން ބައިވެރިވާ ކަމަށް ސްކައުޓް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ. އަދި ކްރާފްޓް ކޭމްޕްގެ ހަރަކާތްތައް ހިންގުމުގައި ސްކައުޓް އެސޯސިއޭޝަންގެ ސާޅީސް މެމްބަރުންގެ ޓީމެއް ހަރަކާތްތެރިވާނެ ކަމަށްވެސް ބުނެއެވެ.

ނޭޝަނަލް ސްކައުޓް ކްރާފްޓް ކޭމްޕް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ސްކައުޓް ހަރަކާތުގައި އުޅޭ ދަރިވަރުންގެމެދުގައި މިހަރަކާތުން ދަސްކޮށްދޭ ތަފާތު ހުނަރުތައް ޕްރޮމޯޓްކުރުމާއި، އެފަދަ ހުނަރުތައް ދޮރުންބޭރުގައި އަމަލީގޮތުން ދައްކާލުމަށް ފުރުސަތު ދިނުމެވެ.

ކުރީ ފަހަރުގެ ކްރަފްޓް ކޭމްޕާ ޚިލާފަށް މިފަހަރުގެ ކޭމްޕްގައި ވާދަވެރި މާހައުލެއްގެ ތެރެއިން ސްކައުޓުން ދައްކާ ކޭމްޕްކުރުމުގެ ހުނަރުތަކާއި، ޓީމްވާރކް އަދި އެނޫންވެސް، އެ ސްކޫލެއްގެ ސްކުޓުން ދައްކާ ހުނަރުވެރިކަމަށް ބަލައި މުޅި ކްރާފްޓް ކޭމްޕުން އެންމެ ރަނގަޅު ސްކައުޓް ގްރޫޕް ހޮވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ސްކައުޓް އެސޯސިއޭޝަނުން ބުނެއެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި އުޅޭ ވިހާވެސް ގިނަ ސްކައުޓުން އެއްތަނަކަށް އެއްވެ، ސްކައުޓުންގެ މެދުގައި އޮންނަ އަޚްވަންތަކަމާއި، އެއްބައިވަންތަކަމުގެ ގުޅުންބަދަހި ކުރުމާއެކު، ސްކައުޓް ހަރަކާތުގެ ތެރެއިން އެއްބައެއްގެ ތަޖްރިބާ އަނެއްބަޔަކު ހިއްސާ ކުރުމާއި، އިޖްތިމާއީ ގުޅުންބަދަހި ކުރުމަކީވެސް ނޭޝަނަލް ކްރާފްޓް ކޭމްޕް ބޭއްވުމުގެ އެއް މަގްސަދެވެ.

މިކަންކަމުގެ އިތުރުންވެސް، އެޑްވެންޗަރ ވިލެޖާއި، ޑިވެލޮޕްމަންޓް ވިލެޖް ގާއިމްކޮށް ކަމާބެހޭ ތަޖުރިބާކާރުންގެ އެހީގައި ކޭމްޕްގެ ބައިވެރިންނަށް ތަފާތު އެކިއެކި ހަރަކާތްތައް ހިންގުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެގޮތުން، އިޖުތިމާއީ އެކިއެކި މައްސަލަތަކަށް ސްކައުޓް ކުދީން ހޭލުންތެރިކުރުމާއި، ސްކައުޓް ހަރަކާތުން ހިންގާ ދުނިޔޭގެ ފެންވަރުގެ އެކިއެކި ޕްރޮގްރާމްތަކާބެހޭ މައުލޫމާތު ދިނުމުގެ ވާރކްޝޮޕްތައް ހިންގުމުގެ އިތުރުން، ޗެލެންޖިންގ ހަރަކާތްތައްވެސް ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި މޫދުގެ ތަފާތު ހަރަކާތްތައްވެސް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް ސްކައުޓް އެސޯސިއޭޝަނުން ބުނެއެވެ.

މިއަހަރުގެ ނޭޝަނަލް ސްކައުޓް ކްރާފްޓް ކޭމްޕް ކުރިއަށް ގެންދެވެނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމުގައިކަން ސްކައުޓް އެސޯސިއޭޝަނުން ފާހަގަކުރެއެވެ.

އެގޮތުން، ނޭޝަނަލް ސްކައުޓް ކްފާރްޓް ކޭމްޕް ބާއްވާ ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، އެމްޑަބްލިޔޫއެސްސީ، ސްޓެލްކޯ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ، މާލޭ ސިޓީ ކައުންސިލް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް، އެމްއެންޑީއެފް ކޯސްޓްގާރޑު، މޯލްޑިވްސް ޕޮލިސް ސަރވިސް، ވެމްކޯ، ދިރާގު، ސްޓީލް ހާޑްވެއަރ، އެމްޓީސީސީ، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އަދި ހުޅުމާލޭ ހޮސްޕިޓަލްގެ ނަން ސްކައުޓް އެސޯސިއޭޝަނުން ޚާއްސަ ގޮތެއްގައި ފާހަގަ ކުރެއެވެ.

ނޭޝަނަލް ސްކައުޓް ކްރާފްޓް ކޭމްޕް ރަސްމީގޮތުން ހުޅުވަން ހަމަޖެހިފައިވަނީ 24 ނޮވެމްބަރު 2019 ވާ އާދީއްތަ ދުވަހުގެ ހަވީރުއެވެ. އަދި ނިންމުމުގެ ޚާއްސަ ރަސްމިއްޔާތު އޮންނާނީ 27 ނޮވެމްބަރު 2019 ވާ ބުދަދުބަހުގެ ރޭގައި ކަމަށް ސްކައުޓް އެސޯސިއޭޝަނުން ބުނެއެވެ.

ނޭޝަނަލް ސްކައުޓް ކްރާފްޓް ކޭމްޕް ބާއްވާ ސަރަހައްދަނީ 2020 ވަނަ އަހަރު ބާއްވާ 9 ވަނަ ނޭޝަނަލް ސްކައުޓް ޖަމްބޮރީ ބާއްވަން ރާވަމުންދާ ސަރަހައްދުކަމަށްވެސް ސްކައުޓް އެސޯސިއޭޝަނުން ބުނެއެވެ. ރާއްޖޭގައި ނޭޝަނަލް ސްކައުޓް ޖަމްބޮރީއެއް ބާއްވަން ތައްޔާރުވަމުން މިދަނީ 12 އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ.