ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ކެމްޕޭނެއްގައި ވަޑައިގަންނަވާ ތަނެއްގައި އެއްދުވަސް ކުރީން އެ މަސައްކަތުގައި އަމަލީގޮތުން ހުންނަވާނެ ކަމަށް ފިލްމީ ދާއިރާގެ މަޝްހޫރު ޕްރޮޑިއުސަރ، ޑައިރެކްޓަރ އަދި އެކްޓަރ އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) ވިދާޅުވެއްޖެއެވެ.
އިއްސެ ވިދާޅުވީ އަބަދުވެސް އަޑުއަހަމުންދަނީ ޖުމްހޫރީ ޕާރޓީގެ ލީޑަރު އަބަދުވެސް އެހެން މީހުންގެ އަތްޕުޅުގައި ހިތްޕަވައިގެން އެބޭފުޅުންނަށް ފާގަތިކަމާއި ޝަރަފާއި ޢިއްޒަތާ ހޯއްދަވައިދެއްވަމުން ގެންދަވާ ވާހަކަ ކަމަށެވެ.
ދިވެހި ރައްޔިތުންގެ ނިކަމެތި ޙާލާއި ތަނަވަސްކަމެއްނެތި ބަލިމަޑުކަމުގައި އުޅުން ނިމުމަކަށް ގެނެސްދެއްވުމަށް ބޭސްފަރުވާގެ އެހީތެރިކަންވެސް ދެއްވަމުން ގެންދަވާ ޤާސިމްގެ އަތްޕުޅުގައި ހިތްޕަވައިގެން އުޅުއްވާ ބޭފުޅަކު ދިވެހި ބިމުގައި ނެތް ނަމަވެސް މިއަދު އެތައް ޒުވާނުންނަކާއި ރައްޔިތުން އެމަނިކުފާނުގެ އަތްޕުޅުގައި ހިފާނެ ކަމަށް އިއްސެ ދެކެވަޑައިގަންނަވައެވެ. މަޝްހޫރު ދިވެހި އަދަބިއްޔާތާއި ބަހުގެ ފަންނުގައި ކުޅަދާނަ ތަޖުރިބާކާރު ކޮޕީ މުޙައްމަދު ރަޝީދުގެ ދަރިކަލުން އިއްސެ ވިދާޅުވީ މިއީ މިއަދު ކޮންމެ މީހަކުވެސް ވިސްނާ ފިކުރުކުރަން ވެއްޖެ ކަމެއް ކަމުގައެވެ.
އިސްމާޢީލް ރަޝީދު ވިދާޅުވީ ސޮފްޓް ޕަވަރ އަކީ ހަމައެކަނި ޢިލްމާއި ޙިލްމު އުގެނުން ނޫން ކަމުގައެވެ. ނަމަވެސް އޭގެ ބޭނުން ހިފައިގެން ރައްޔިތުންނާއި ޤައުމަށް އިޚުލާޞްތެރިކަމާއި އެކު މަސައްކަތް ކޮށްދިނުން ކަމުގައެވެ. އެހެންވީމާ އެގޮތަށް މަސައްކަތްކުރައްވާ ބޭފުޅެއްގެ ފަހަތުގައި މަސައްކަތް ކުރެއްވުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށާއި އެކަމުގައި ހިތްވަރާއި އެކު މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ޤާސިމް ފަދަ ބޭފުޅަކު ދިވެހި ރައްޔިތުންނަށްޓަކައި ޤުރުބާނީތަކެއް ވެވަޑައިގަންނަވާއިރު އެމަނިކުފާނުގެ އަތްޕުޅުގައި ހިފާނެ ބަޔަކުވެސް ތިބެން ވާނެ ކަމުގައެވެ.
އިސްމާޢީލް ރަޝީދު ވިދާޅުވީ ޤާސިމަކީ އޯގާތެރި މާސިންގާ ހިތެއްގެ ވެރި ބޭފުޅެއް ކަމަށެވެ.
އަންގާރަ ދުވަހުގެ ރޭ ޖުމްހޫރީ ޕާޓީގެ މައި މަރުކަޒުގައި ބޭއްވި "އެންމެންގެ ޖުމްހޫރީ ޕާޓީ - ޤައުމީ ވިންދު" ޖަލްސާގައިި ވާހަކަ ދެއްކެވި ޒުވާންބޭފުޅެއް ކަމުގައިވާ ގދ. ތިނަދޫ އިބްރަހީމް މުޙައްމަދު ވިދާޅުވީ ދިވެހި ޤައުމަށް ވަފާތެރިކަމާއި އިޚުލާޞްތެރިކަމާއި އެކު މަސައްކަތް ކޮށްދެއްވާނެ ވެރިއަކީ ކޮންބޭފުޅެއްތޯ ވިސްނާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެ ކަމަށެވެ. އަދި އެއަށްފަހު ނިންމުމަކާއި ހިސާބަށް އާދެވުނުއިރު އެފަދަ ބޭފުޅަކަށް ފެނިވަޑައިގަތީ ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމް ކަމަށެވެ.
އެހެންވީމާ ކުރީން އެމްޑީޕީއަށް ސޯޝަލް މީޑިއާގައިވެސް މަސައްކަތް ކޮށްދެއްވި ނަމަވެސް މިއަދު އެވަރުގެ މަސައްކަތެއް ކޮށްދޭންވީ ކޮންބައަކަށްކަން އެނގިވަޑައިގެންނެވީ ކަމަށެވެ. އަދި އެ ބައަކީ ޖުމްހޫރީ ޕާޓީއާއި އެ ޕާޓީގެ ލީޑަރު ކަމަށްވާތީ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތީ ކަމަށެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ އެޖެންޑާ 19 ހޯދައިދިނުމަށްޓަކައި މަސައްކަތް ކުރި ނަމަވެސް ސަރުކާރަށް އެ އެޖެންޑާ 19 އިން ކޮށްދެވުނު ކަމެއް އަހަރަކަށް ދިގުލައިގެން ދިޔައިރުވެސް ފެނިވަޑައިގެންފައި ނުވާ ކަމަށެވެ. އެހެންވީމާ އެފަދަ މަސައްކަތެއް ކޮށްދޭންވީ ކޮންބައަކާ ގުޅިގެންތޯ ވަރަށް ރަނގަޅަށް ސާފުވެވަޑައިގެންފި ކަމަށެވެ.
އިބްރާހީމް މުޙައްމަދު ވިދާޅުވީ ބަޔަކަށް ތިނަގޫގައި ކެމްޕޭން ކުރެވެންޏާ އެބޭފުޅުންނަށްވެސް އެކަން ކުރެވޭނެ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ގޮތްޕެއް ވަރަށް އަވަހަށް އުފައްދައި ޕާޓީގެ ލީޑަރަށް ނަތީޖާނެރެ ދައްކަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.