ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ 3 މަގާމެއް ހުސްވުމާ ގުޅިގެން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށެވެ. މިގޮތުން ފުރުސަތު ހުޅުވާލާފައިވަނީ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގެ 12:00 އާ ހަމައަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 30 އަހަރު ފުރިފައި ވުމާއި، ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 7 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން ހިމެނެއެވެ. އަދި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން އަދި އެ ސެޓްފިކެޓަކީ ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތަކުން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓަކަށް ވާންވާނެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ހުޅުވާލާފައި މިވަނީ ގާނޫނުއަސާސީގެ 148 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމަށްޓަކައެވެ. ފަނޑިޔާރުކަމަށް ބޭފުޅުން އައްޔަންކުރުމަށް ގާނޫނުގައި އޮންނަނީ ޖޭއެސްސީގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ނަންތަކެއް މަޖިލީހަށް ހުށަހަޅައި މަޖިލީހުން ފާސްކޮށްގެނެވެ. އެގޮތުން ޖޭއެސްސީން އާންމުކޮށް ހުޅުވާލައި ފުރުސަތުގައި ކުރިމަތިލައްވާ ބޭފުޅުންގެ އިތުރަށް ރައީސަށް ފެންނަ ބޭފުޅުންގެ ނަންތައް ޖޭއެސްސީގެ ލަފަޔަށް އެދި ފޮނުވުމުގެ އިޚުތިޔާރު ވެސް ގާނޫނުން ރައީސަށް ލިބިދެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ތިން މަގާމުގެ ތެރެއިން ދެމަގާމަކީ އުއްތަމަފަނޑިޔާރަކަށް ހުންނެވި ޑރ.އަހުމަދު އަބްދުﷲ ދީދީއާއި ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ހުސްވި ދެމަގާމެވެ. އަނެއް މަގާމަކީ ފަނޑިޔާރު އަބްދުﷲ އަރީފް ރިޓަޔާކުރެއްވުމުން ހުސްވި މަގާމެވެ.

ޑރ.އަހުމަދު އަބްދުﷲ ދީދީއާއި އާދަމް މުހައްމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރުމުގެ ކުރިން އެބޭފުޅުން ދެމަސްދުވަހަށް ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމުމުން ސުޕްރީމް ކޯޓު ހިންގުން ހަވާލުކޮށްފައި އޮތީ ވެސް ފަނޑިޔާރު އަރީފާއެވެ. ނަމަވެސް އަރީފް ރިޓަޔާކުރެއްވުމުން ސުޕްރީމް ކޯޓު ހިންގެވުމުން ޑރ.އަޒްމިރާލްދާއާ މިހާރު ވަނީ ހަވާލުކޮށްފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ 3 މަގާމު ހުސްވެ، އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެކޯޓުގެ އިތުރު ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ވެސް ޖޭއެސްސީން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވަކިކުރުމަށް ހުށަހެޅީ އޭނައާ ގުޅޭގޮތުން ބެލި ސުލޫކީ މައްސަލަ ކޮމިޝަނުގެ ތަހުގީގަށް ސާބިތުވުމުންނެވެ. ފަނޑިޔާރު ޣަނީ މިހާރު ވަނީ ސަސްޕެންޑް ކޮށްފައެވެ.

ސުޕްރީމް ކޯޓުގެ އިތުރަށް ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ވެސް ގާޒީން ހޯދުމަށް ޖޭއެސްސީން ވަނީ އިއުލާންކޮށްފައެވެ. ކްރިމިނަލް ކޯޓަށް 1 ގާޒީ އަދި ސިވިލް ކޯޓަށް 4 ގާޒީން ހޯދުމަށް އިއުލާންކޮށްފައިވާއިރު، މި މަގާމުތަކަށް އަސާސީ މުސާރައަށް 30،000 ރުފިޔާ، ލިވިން އެލަވަންސަށް 15،000 ރުފިޔާ ލިބެއެވެ. އަދި ކްރިމިނަލް ކޯޓު ގާޒީއަކަށް ރިސްކު އެލަވަންސަށް 3،300 ރުފިޔާ ސިވިލް ކޯޓު ގާޒީއަކަށް ރިސްކު އެލަވަންސަށް 1،650 ރުފިޔާ ލިބެއެވެ. މިމަގާމަށް ކުރިމަތިލާން ހުޅުވާލާފައިވަނީ ޑިސެމްބަރު 2 ވަނަ ދުވަހުގެ 1300 އާ ހަމައަށެވެ.