ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ހިންގާ ކޮމެޓީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ކުޑަކުދިންގެ ފެސްޓިވަލްގެ ހާއްސަ މެހެމާނެއްގެ ގޮތުން އައިވަރީ ކޯސްޓްގެ މިޑްފީލްޑަރު ޔާޔާ ޓޫރޭ ބައިވެރިވެއްޖެއެވެ.

ކުޑަކުދިންގެ ހަވީރު ކުރިޔަށްގެންގޮސްފައިވަނީ މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. މި ހަވީރުގައި ގިނަ އަދަދެއްގެ އެކަޑަމީތަކަށް ނިސްބަތްވާ ކުޑަކުދިން ވަނީ ބައިވެރިވެފައެވެ.

މި އިވެންޓުގައި ގާތްގަނޑަކަށް 600 ކުދިން ބައިވެރިވެފައިވާއިރު މި ހަރަކާތުގައި ޔާޔާ ޓޫރޭ އާއެކު ފުޓްބޯޅައިގެ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ކުދިންނަށް ވަނީ ލިބިގެންގޮސްފައެވެ. އަދި ޓޫރޭއާއެކު ފޮޓޯ ނެގުމާއި އޮޓޯ ގްރާފް ނެގުމުގެ ފުރުސަތުވެސް ހުޅުވާލިއެވެ. އަދި ގިނަ އަދަދެއްގެ ކުދިން މިކަމުގައިވެސް ބައިވެރިވިއެވެ.

ރާއްޖެ އައުމުގެ ކުރިން ޔާޔާ ޓޫރޭ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި ބުނީ ފީފާގެ ވިޝަން ޕްރެޖެކްޓް އެއްގައި ބައިވެރިވެވޭތީ އުފާކުރާ ކަމަށެވެ. މިއީ އެފްއޭއެމުން އެކަޑަމީތަކަށް ހުޅުވާލައިގެން މިހާތަނަށް ބޭއްވި އެންމެ ބޮޑު ހަވީރެވެ.

ޔާޔާ ޓޫރޭއާއެކު މާލޭގައި ބޭއްވި ކުޑަކުދިންގެ ފެސްޓިވަލްގެ ތެރެއިން -- ވީފޯޓޯ: ޝުރާއު

ވީސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އެފްއޭއެމްގެ މިހާރުގެ ހިންގާ ކޮމެޓީގެ އެންމެ ބޮޑު އަމާޒަކީ މުސްތަގުބަލަށް ކުޅުންތެރިން ބިނާކުރުމަށް ކަމަށާއި މިފަދަ ހަވީރެއް ބޭއްވުމުގެ މަގުސަދަކީވެސް އެއީ ކަމަށެވެ. އަދި ޓޫރޭ ފަދަ ކުޅުންތެރިންނަކީ ޓީވީން ފެންނަ މަޝްހޫރު ކުޅުންތެރިއެއް ކަމަށާއި ބޭނުންވަނީ މޮޅު ކުޅުންތެރިއަކަށް ވުމަށް ބޭނުންވާ ނުވަތަ އެ ހުވަފެން ދެކޭ ކުދިންނަށް އިތުރު ހިތްވަރެއް ދިނުން ކަމަށް ބައްސާމް ވިދާޅުވި އެވެ.

ޓޫރޭ ވަނީ ކެރިއަރު ނިންމާލުމުގެ ކުރިން ހަތް ކްލަބަކަށް ކުޅެފައެވެ. 2004 ވަނަ އަހަރު އައިވަރި ކޯސްޓުގެ ގައުމީ ސްކޮޑްގައި ހިމެނި ޓޫރޭ ވަނީ އެ ޓީމަށް ތިން ވޯލްޑް ކަޕްގައި ކުޅެފައެވެ. އެގޮތުން 2006 ވަނަ އަހަރާއި 2010 ވަނަ އަހަރުގެ އިތުރުން 2014 ވަނަ އަހަރު އޭނާ ވަނީ ކުޅެފައެވެ. ގައުމީ ޓީމުގެ އިތުރުން އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީގައިވެސް ޓޫރޭ ވަނީ ކާމިޔާބު އަހަރުތަކެއް ހޭދަކޮށްފައެވެ.