ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު އެކްސްޕޯ "ފަންނު އެކްސްޕޯ 2019" ފަށައިިފިއެވެ.

މިމަހުގެ 22 އިން 28 އަށް ކުރިޔަށްގެންދާ މިއެކްސްޕޯ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެކްސްޕޯ ފެށުމަށް ދަރުބާރުގޭގައި ހާއްސަ ހަފުލާއެއް ބާއްވާފައިވާއިރު، މި ހަފްލާގައި ނާއިބުރައީސް ފައިސަލް ނަސީމްގެ އިތުރުން ދައުލަތުގެ ގިނަ އިސްވެރިންތަކެއްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖޭގެ އިގްތިސޯދުގައި ހިއްސާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތައް މާކެޓަށް ނެރެ، އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދިނުމުގެ މަގްސަދުގައި ކުރިޔަށްގެންދާ މި އެކްސްޕޯގައި 78 ކެޓަގަރީއެއް ހިމެނެއެވެ.

މައުރަޒުގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރޭގައި އަމިއްލަ ފަރުދުންނާއި، ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއާއި، ވިޔަފާރިތަކުގެ ދާއިރާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނުގައި ބަޔާންކުރާ ވިޔަފާރިތައް) އަދި ތައުލީމުދޭ މަރުކަޒުތަކުގެ ދާއިރާގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދާއިރާ އަދި ކްލަބް ޖަމިއްޔާ ހިމެނެއެވެ. އަދި ޒުވާނުންގެ ޓެކްނޮލޮޖީ ވެސް މި އެކްސްޕޯގައި ފެނިގެންދާނެއެވެ.

މި އަހަރުގެ ފަންނު އެކްސްޕޯގައި ޓެކްނޮލޮޖީގެ ދާއިރާއިން ވެސް ތަކެތި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މީގެ ތެރޭގައި އާ މެޝިނަރީޒް އާއި ރޮބޮޓިކްސް ފަދަ އުފެއްދުންތަކާއި އެޕްލިކޭޝަންތައް ވެސް ހިމެނެއެވެ.

ފަންނު އެކްސްޕޯގައި ބައިވެރިކުރާ އުފެއްދުންތަކުގެ ތެރެއިން ހޮވާލެވޭ ފަސް އުފެއްދުމަކަށް ހާއްސަ އެހީތަކެއް ލިބޭނެއެވެ. މިގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހަދާ ދިވެހި އުފެއްދުންތައް ވިއްކާ ފިހާރާގައި މި އުފެއްދުންތައް ޑިސްޕްލޭ ކުރެވޭނެއެވެ. އަދި ދުބާއީގައި އޮންނަ ހަމަސް ދުވަހަށް ދެމިގެންދާ "އެކްސްޕޯ 2020" ގައި އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

މީގެ އިތުރުން އެކްސްޕޯގައި ބައިވެރިކޮށްފައިވާ ހުށަހެޅުންތަކުގެ ތެރެއިން އެންމެ ފުރިހަމަ ފަސް ހުށަހެޅުމެއް ހޮވައި އޭގެ ތެރެއިން ކޮންމެ ފަރާތަކަށް އެފަރާތުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އެއް މިލިއަން ރުފިޔާގެ ލޯނެއް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެންމެ ފުރިހަމަ ފަސް ހުށަހެޅުމަށް ޖުމްލަ ފަސް މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ އެސްއެމްއީ ފައިނޭންސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި އެކްސްޕޯގައި މިފަހަރު ތަކެތި ދައްކާލުމަށް ހަމަޖެހިފައިވަނީ އަތޮޅުތަަަަކުން ލިބޭ، އަތޮޅުތަކަށް ހާއްސަ ތަކެތި އެއްތަނަކުން ލިބޭނެ ގޮތަކަށެވެ. މި ގޮތަށް ތަކެތި ދައްކާލުމުގެ ބޭނުމަކީ ތަކެތި ގަންނަން އަންނަ ފަރާތްތަކަށް ހާއްސަކޮށް، ފަތުރުވެރިންނަށް އެ ތަކެތި ލިބޭނެ ތަންތަނާއި ރާއްޖޭގެ އަތޮޅުތައް ފަސޭހައިން އެނގޭނެ ގޮތް ހެދުމަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ނޮވެމްބަރު 22 އިން 28ގެ ނިޔަލަށް ދަރުބާރުގޭގެ އިތުރުން ކަލާފާނު ސްކޫލާއި ކުޑަކުދިންގެ ބަގީޗާގައި ކުރިޔަށްދާ މި އެކްސްޕޯގައި މާލެއިން އެކަނިވެސް 100 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.