ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން ދޭ އެހީތެރިކަމުގެ ފައިދާ، ރާއްޖޭގެ އިޤްތިޞާދުން ވަރަށް އަވަހަށް ފެންނަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް ވިދާޅުވެއްޖެއެެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އިގްތިސޯދުގައި ހިއްސާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތައް މާކެޓަށް ނެރުމުގެ ބޭނުމުގައި ކުރިއަށްގެންދާ "ފަންނު އެކްސްޕޯ" ހުޅުއްވައިދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މިފަދަ މައުރަޒުތައް ބާއްވައިގެން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ރަނގަޅު މާކެޓެއް ހޯދައިދެވިއްޖެނަމަ، ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑަށް ފައިދާކުރާނެ ކަމަށެވެ. މިފަދަ މައުރަޒުތަކުން، ރާއްޖޭގައި ތިބި ހުނަރުވެރި މަސައްކަތްތެރީންގެ މަސައްކަތްތައް، އާންމުކޮށް އެއް ތަނަކުން ފެނި، އެފަދަ އުފެއްދުންތަކަށް ހަމަ އަގު ލިބުމުގެ ފުރުޞަތުވެސް ފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ ގާތްގަނޑަކަށް 93 އިންސައްތައަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ބާވަތުގެ ވިޔަފާރިތައް، ރާއްޖޭގެ އިޤްތިޞާދުގައި އެކަށީގެންވާ ގޮތެއްގައި، އަދިވެސް ޝާމިލް ނުކުރެވޭކަން ފާހަގަކުރެވޭ ކަމަށެވެ. ރަސްމީކޮށް ރަޖިސްޓަރީކޮށްގެން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވުރެ، ރަޖިސްޓްރީ ނުކޮށް ހިންގާ އެ ބާވަތުގެ ވިޔަފާރިތައް މާގިނަކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

"މިދެންނެވި ބާވަތުގެ ވިޔަފާރިތައް ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށެއްގައި އެބަ ހިނގާ. އަދި ފަރުދުންގެ ޖީބަށް ސީދާގޮތެއްގައި ފައިސާ ވަންނަ، އެންމެ ފުޅާ ދޮރާއްޓަކީވެސް، މި ދެންނެވި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް. އެ ބާވަތުގެ ވިޔަފާރިތައް ކިތަންމެ ގިނަޔަސް، އެފަދަ ވިޔަފާރިތައް ކުރިއަރުވައި ތަރައްޤީ ކުރުމުގައި ވަރަށް ގިނަ ހުރަސްތަކެއް އެބަ ކުރިމަތިވޭ. އެފަދަ ވިޔަފާރިތަކުގެ ނާޒުކުކަމުންނާއި، ހަރުދަނާ އެކައުންޓިން ނިޒާމުތަކެއް ނެތުމުން، ބޭންކުތަކުން ލޯނުދޭން ފަސްޖެހުމަކީ، އެންމެ ބޮޑު ގޮންޖެހުން. އަމިއްލަ އުފެއްދުންތައް ރާއްޖެއާއި ރާއްޖޭން ބޭރުގެ ބާޒާރުތަކުގައި، ރަނގަޅަށް މާކެޓްކުރާނެ ފުރުޞަތު ނެތުމަކީވެސް ޙައްލުކުރަން ޖެހިފައިވާ ބޮޑު މައްސަލައެއް"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، އަމިއްލަ އުފެއްދުންތެރިކަން ކުރިއެރުވޭނެ ރަނގަޅު އޮނިގަނޑެއް ނެތުމުގެ ސަބަބުން، އިޤްތިޞާދަށް ވަރަށް ބޮޑެތި ގެއްލުންތައް ކުރިމަތިވާ ކަމަށެވެ. އަދި ރަނގަޅު ނަފާ ލިބޭނެ ގޮތަކަށް ދެމެހެއްޓެނިވި ގޮތެއްގައި، އެފަދަ ވިޔަފާރިތައް ނުހިންގެނީ މިފަދަ އެތައް ސަބަބުތަކެއް ހުރުމުން ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރެއިން، އެސް.އެމް.އީ ބޭންކެއް ޤާއިމުކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ފެށީވެސް، އެފަދަ ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމުގެ ބޭނުމުގައި ކަމަށާއި، އެސް.އެމް.އީ ބޭންކުން ޚިދުމަތް ދޭން ފެށި ދުވަހުން ފެށިގެން މިހާތަނަށް، 1.3 ބިލިއަން ރުފިޔާ ހޯދުމަށް އެކި ފަރާތްތަކުން އެ ބޭންކަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން މިހާތަނަށް އެކި ފަރާތްތަކަށް 233 މިލިއަން ރުފިޔާ ދިނުމަށް، އެ ބޭންކުން ނިންމައި، ބައެއް ފަރާތްތަކަށް މިހާރު ވަނީ އެ ފައިސާ ދޫކުރެވިފައިކަންވެސް ރައީސް ވަނީ ފާހަކަކުރައްވާފައެވެ.

"މިއިން އެނގެނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ޙަޤީޤަތުގައިވެސް ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވެފައިވާކަން. އެފަދަ ވިޔަފާރިތައް ހިންދެމިލުމަށް އިޤްތިޞާދީ ދާއިރާގެ ތަރައްޤީގެ ތެރެއިން ޖާގަ ހޯދައިދޭން އެބަޖެހޭ. އެކަމަށްޓަކައި ސަރުކާރުންވެސް މި އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އޮނިގަނޑު ހަރުދަނާކޮށް، އެފަދަ ވިޔަފާރިތަކުގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތް، ސަރުކާރު ކަމާގުޅޭ އިދާރާތަކުން ވަރަށް ބާރަށް ކުރަމުން އެބަގެންދޭ."
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

މި ފެށޭ 2020 ވަނަ އަހަރުގެ ތެރޭގައި އެސް.އެމް.އީ ބޭންކް މެދުވެރިކޮށް 450 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް، ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު އެކްސްޕޯ "ފަންނު އެކްސްޕޯ 2019" ނޮވެމްބަރު 22 އިން 28ގެ ނިޔަލަށް ދަރުބާރުގޭގެ އިތުރުން ކަލާފާނު ސްކޫލާއި ކުޑަކުދިންގެ ބަގީޗާގައި ކުރިޔަށްދާއިރު، މި އެކްސްޕޯގައި މާލެއިން އެކަނިވެސް 100 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.