ހައްޖަށް ގެންގޮސްދޭނެ ކަމަށްބުނެ، މަލީޝާ ހައްޖު ގްރޫޕޫން އެތައް ބައެއްގެ އަތުން މިލިއަނުން ފައިސާ ނަގައި، އެފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސަސްގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފް 8 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މަލީޝާގެ ވެރިޔާގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ހައްޖަށް ގެންގޮސްދޭނެ ކަަމަށްބުނެ ގިނަ ބައެއްގެ އަތުން 8,626,00 (އަށްމިލިއަން ހަލައްކަ ސައްބީސްހާސް) ރުފިޔާ ނެގުމަށްފަހު އެފައިސާއަށް ހިޔާނާތްތެރިވިކަމުގެ ދައުވާއެވެ. އަދި އެ ދައުވާ އިސްމާއީލް އަބްދުއްލަތީފްގެ މައްޗަށް ކޮށްފައިވަނީ 92 މީހަކު ތަހުގީގަށް ދީފައިވާ ބަޔާންތަކަކަށް ރިއާޔަތްކޮށް ކަމަށްވެސް މި ދައުވާގައި ވެއެވެ.

މި މައްސަލަ ނިންމުމަށްފަހު ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ވަނީ ހައްޖަށް ގެންގޮސްދޭނެ ކަމަށްބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި ކަމަށާއި، އެފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަން ހެކިންގެ ހެކިބަހުންނާއި، އިސްމާއީލް އަބްދުއްލަތީފްގެ ވާހަކައިންވެސް އެނގެން އެބައޮތް ކަމަށެވެ. އަދި އެފައިސާ އަނބުރާ ފައިސާގެ ހައްގުވެރިންނާ ހަވާލުކޮށްފައި ނުވާކަމަށްވެސް ކްރިމިނަލް ކޯޓުގެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން މިކަމަކީ ހިޔާނާތުގެ އަމަލެއްކަމަށް ސާބިތުވާ ކަމަށާއި، އިސްމާއީލް އަބްދުއްލަތީފްގެ މައްޗަށް އަށް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވެއެވެ.

ހައްޖަށް ގެންގޮސްދޭނެ ކަމަށްބުނެ މަލިޝާ ހައްޖު ގްރޫޕުން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އެފައިސާއަށް ހިޔާނާތްތެރިވެފައިވީ ނަމަވެސް މީގެ ތެރެއިން ގިނަ ބަޔަކު މިހާރު ވަނީ ސަރުކާރުގެ ހަރަދުގައި ހައްޖަށް ގޮސްފައެވެ.