ދަނޑުވެރިކަމުގެ މަސައްކަތަށް ދޫކޮށްފައިވާ ލ. މެންދޫއިން ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ނެގި މައްސަލައިގަ އެރަށް ހިންގުމާ ހަވާލުވެ ހުރި ފަރާތް 275،000 (ދެލައްކަ ހަތްދިހަ ފަސް ހާސް) ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނެރެފައިވާ ބަޔާނެެއްގައި ބުނެފައިވަނީ މެންދޫގައި ދަނޑުވެރިކަން ކުރުމުގެ ގޮތުން އެރަށާ ހަވާލުވެ ހުރި ފަރާތް ކަމުގައިވާ ސ.މަރަދޫ، އަސްރާރުގެ ޙަސަން އާދިލް ވަނީ މީގެ ކުރިން ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކޮށް ރިޕޯޓެއް އެ އެޖެންސީއަށް ހުށައަޅާފައިވާ ކަމަށެވެ. އަދި އެރިޕޯޓް ފާސްކޮށް އީޕީއޭއިން އެރަށުގައި ދަނޑުވެރިކަން ކުރުމުގެ ހުއްދަ ދީފައިވާ ކަމަށް އީޕީއޭގެ ބަޔާނުގައިވެއެވެ.

އެހެންނަމަވެސް ގަވައިދާ ހިލާފުވެ، އީޕީއޭއިން ދީފައިވާ ހުއްދައިގެ ބޭރުން ރަށުގެ ވެރިފަރާތުން ތިމާވެއްޓަށް ގެއްލުންވާ ގިނަ ކަންކަން ކޮށްފައިވާ ކަމަށް އީޕީއޭއިން ބުނެފައިވެއެވެ. އެގޮތުން މި ރިޕޯޓާ ހިލާފުވެ، ރަށުގެ އިރު އުތުރުފަރާތުން ރުއްގަސް ނަގާ، 4822 (ހަތަރު ހާސް އަށް ސަތޭކަ ބާވީސް ) އަކަ މީޓަރުގެ މަގެއް ހަދާފައިވާކަމަށް ބަޔާނުގައިވެއެވެ.

އެހެންކަމުން މިއަމަލަކީ ދިވެހިރާއްޖޭގެ ތިމާވެށި ދެމެހެއްޓުމުގެ ގަވައިދާ ހިލާފަށް ކޮށްފައިވާ ކަމަކަށްވާތީ ލ. މެންދޫ ހިންގުމާ ހަވާލުވެހުރި ޙަސަން އާދިލް 275000 (ދެލައްކަ ހަތްދިހަ ފަސް ހާސް) ރުފިޔާއިން ޖުރިމަނާކޮށްފައިވާ ކަަމަށް އީޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މި ފައިސާ 30 ދުވަހުގެ ތެރޭގައި އީޕިއޭއަށް ދެއްކުމަށް ޙަސަން އާދިލަށް ވަނީ އަންގާފައެވެ.

ގަވައިދާ ހިލާފަށް އެއްވެސް ހުއްދައެއް ނެތި ރުއްގަސް ނަގާ މައްސަލަތައް އީޕިއޭއަށް ހުށައެޅޭ މިންވަރު ދަނީ އިތުރުވަމުންނެވެ. އެހެންކަމުން މިކަން ހުއްޓުވުމަށް އީޕީއޭއިން ދަނީ ރުއްގަސް ނަގާ ފަރާތްތައް ބޮޑެތި އަދަދުން ޖޫރިމަނާކުރަމުންނެވެ.