އެސްއެމްއީ ބޭންކުން ދަނޑުވެރިންގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހިތްވަރުދިނުމަށް ދޫކުރަމުންގެންދާ "ދަނޑުވެރި ނަފާ" ލޯނުގެ ދަށުން މިހާތަނަށް 2 މިލިއަން ރުފިޔާގެ ލޯން ދޫކޮށްފައިވާ ކަަމަށް ސަރުކާރުން ބުނެފިއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ހަތަރު ދާއިރާއަކުން ލޯނަށް ހުޅުވާލާފައިވާއިރު، މިތަނުން އެއް ދާއިރާއަކީ ދަނޑުވެރިކަމުގެ ދައިރާއެވެ. ދަނޑުވެރިަމުގެ ލޯނަށް ހުޅުވާލިތާ 8 މަސް ވެފައިވާއިރު، މިހާތަނަށް 2،075،000 ( ދެ މިލިއަން ހަތްދިހަ ފަސްހާސް) ރުފިޔާގެ ލޯން ދޫކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

މި ލޯން ސްކީމާ ގުޅޭގޮތުން ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މިޕްރޮގްރާމުގެ މަގުސަދަކީ އިގްތިސޯދަށް ފައިދާވާ ގޮތަށް އަދި ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ގޮތަކަށް ކުރެވޭ މަސައްކަތަކަށް ދަނޑުވެރިކަމުގެ މަސައްކަތް ހެދުން ކަމަށެވެ. އަދި މި ސްކީމަކީ ދަނޑުވެރިކަން ކުރުމަށާއި، ދަނޑުވެރިކަމުގެ އުފެއްދުންތައް ތައްޔާރުކުރުމަށާއި، ޓެރަސް ނުވަތަ ވާޓިކަލް ދަނޑުވެރިކަން ކުރުމަށާއި، ވެލިއުއެޑިޝަން، ކުދި ޖަނަވާރު ގެންގުޅުމަށާއި އަދި ގަހުގެ ނާސަރީ ފަދަ ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ލޯނު ދޫކުރާ ސްކީމެއް ކަމުގައެވެ.

މިޕްރޮގްރާމް ފެށުމުގެ ގޮތުން ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވަނީ މި ސްކީމްގެ ދަށުން 75،000 ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާއާއި ދެމެދުގެ އަދަދުތަކުން ލޯން ދޫކުރުމަށް ނިންމާފައެވެ. އޮފިޝަލް ވިދާޅުވީ އަމިއްލަ ފަރުދަކަށްނަމަ އެންމެ ގިނަވެގެން ދޫކުރާނީ ފަސްލައްކަ ރުފިޔާގެ ލޯން ކަމަށާއި ކޯޕަރޭޓިވްސް ނުވަތަ ކުންފުންޏަކަށްނަމަ ގިނަވެގެން ދެ މިލިއަން ރުފިޔާގެ ލޯން ދޫކުރާނެ ކަމަށެވެ.

ދަނޑުވެރިކަން ކުރިއަރުވާ ތަރައްގީކުރުމަށް ލޯން ޕްރޮގްރާމެއް ތައާރަފްކޮށް ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.