މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ރައީސް އަދި ނާއިބު ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން ފަށައިފި އެވެ.

އެމްޑީޕީގެ ރައީސްކަމަށް ވާދަކުރައްވަނީ މިހާރު ވެސް އެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. އަދި ނައިބު ރައީސްގެ މަގާމަށް ވާދަކުރައްވަނީ އެޕާޓީގެ މިހާރުގެ ވެސް ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒާއި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.

ވީނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެމްޑީޕީގެ ޑެޕިއުޓީ ސެކެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ ވޯޓުލުން މިއަދު ދޭ ކުން ހަވީރު 6 އަށް ރާއްޖޭގެ ހުރިހާ ރަށެއްގަ އާއި ރާއްޖެއިން ބޭރުން ކޮލޮންބޯގައި ކުރިއަށްދޭނެ ކަމަށެވެ. އަދި ވޯޓުލާން ހަމަޖެހިފައިވާ ވަގުތުގެ ފަހުން ވޯޓުލުމުގެ ފުރުސަތު ދޭންޖެހޭ ހާލަތެއް މެދުވެރި ވެއްޖެނަމަ ވަގުތު އިތުރު ކުރާނެކަމަށެވެ.

އަފްޝަން މިހެން ވިދާޅުވެފައި ވާއިރު މާލޭގައި ދިރިއުޅޭ އައްޑޫސިޓީ އަދި ފުވައްމުލަު ސިޓީ ފިޔަވާ އެހެން އަތޮޅުތަކުގެ އެމްޑީޕީގެ މެންބަރުންނާއި މާލެއަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރުން ވޯޓުލާ ފޮށިތައް ބަހައްޓާފައި ހުރި އިސްކަންދަރު ސްކޫލުގައި ލިސްޓުގައި ނަންނެތުމުން ވޯޓުލާން ގޮސްތިބި އެޕާޓީގެ ގިނަބަޔަކަށް ވޯޓު ނުލެވޭ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ.

މާލޭގައި ދިރިއުޅޭ އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ ރައްޔިތުން ވޯޓުލުން ކުރިޔަށްދަނީ އެމްޑިޕީ ހަރުގޭގަ އެވެ. މީގެ އިތުރުން ހުޅުމާލޭގައި އުޅޭ މީހުން ވޯޓުލާން ދާންޖެހެނީ ޣާޒީ ސްކޫލަށެވެ. އަދި ވިލިމާލޭގެ ވޯޓު ފޮށި ވިލިމާލެ އެމްޑީޕީގެ ހަރުގޭގައި ބަހައްޓާފައި ވާއިރު އަތޮޅުތަކުގެ ރަށްތަކުގައި ދިރިއުޅޭ އެމްޑީޕީ މެންބަރުން ވޯޓުލުން ކުރިޔަށް ގެންދަނީ އެރަށެއްގެ އެމްޑީޕީ ހަރުގޭގައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 87،439 މީހުންނަށް ލިބިފައިވާއިރު، މީގެތެރެއިން 80 އިންސައްތަ މީހުން މިއިންތިހާބުގައި ވޯޓު ލާނޭކަމަށް ބެލެވޭކަމުގައި އެޕާޓީން ބުންޏެވެ.