ދީނީ އިލްމުވެރިޔާ ޑރ އަފްރާޝީމް އަލީގެ މަރުގެ ރިޕޯޓު ދިރާސާ ކުރުމަށް ފަހު ސަބް ކޮމިޓީން ނެރުނު ރިޕޯޓާއި މެދު ސުވާލު އުފައްދައި އިދިކޮޅު މެންބަރުން ހުށަހެޅުއްވި ހުށަހެޅުންތައް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ފާސްނުވެ ރިޕޯޓު ތަޅުމަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމަށް ކޮމިޓީގެ މެމްބަރު ތ. ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ހުށަހެޅުއްވީ ފުރަތަމަ މަރު ކޮމިޝަންގެ މެންބަރުން ހާޒިރުކޮށް ރިޕޯޓުގެ ސައްހަކަން ކޮމިޓީން ބެލުމަށެވެ. ޣައްސާންގެ ހުށައެޅުމަށް ތާއިދުކުރެއްވީ ޕީއެންސީ އަށް ނިސްބަތްވެ ވަޑައިގަންނަވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ. މި ހުށަހެޅުން ހުށަހެޅުއްވިއިރު ކޮމިޓީގެ މުގައްރިރަކަށް ހުންނެވީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.

އެހެންނަމަވެސް ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ މެމްބަރުން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ. ކޮމިޓީގެ މެޖޯރިޓީއަކީ އެމްޑީޕީ މެމްބަރުންނެވެ. އެގޮތުން ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ކޮމިޓީގެ ރިޕޯޓަކީ ހުރިހާ މެމްބަރުންވެސް ތިއްބަވައިގެން ކުރިޔަށް ގެންދިޔަ ރިޕޯޓެއް ކަމަށެވެ. ރިޕޯޓާއި ބެހޭ ގޮތުން ތިން ފަހަރެއްގެ މަތިން ތިން ބައްދަލުވުން ބާއްވާފައިވާއިރު މިހާރުމީ ރިޕޯޓާއި މެދު ސުވާލު އުފައްދަން ޖެހޭ ވަގުތެއް ނޫން ކަމަށެވެ.

މި ހުށަހެޅުމާއި ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ މީގެކުރިން ބޭއްވި ކޮމިޓީގެ ސިއްރު ބައްދަލުވުންތަކުގައި ކޮމިޝަންގެ ރިޕޯޓާ މެދު އިދިކޮޅު މެމްބަރުން ސުވާލު އުފައްދަވާފައި ނުވާ ކަމަށެވެ. މިހާރު ސަބް ކޮމިޓީގެ މަސައްކަތް ނިންމައި މައި ކޮމިޓީގައި މަޝްވަރާ ކުރައްވައި ފާސްކޮށް ނިމުމުން ދެން ރިޕޯޓާ މެދު ސުވާލު އުފައްދައި ކޮމިޝަން ހާޒިރު ކުރަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ސަބް ކޮމިޓީގެ ރިޕޯޓް ފާސްކުރުމުގެ ވޯޓުގައި ބައިވެރިވެވަޑައިގަތުމަށްފަހު، ހުޅުވާލެވިފައިވާ ކޮމިޓީގައި އެހެން ގޮތަކަށް އަމަލު ކުރެއްވުމުން އެ ކުރައްވަނީ ހަމަޖެހޭ ކަމެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ފޮޓޯ: އަވަސް

ރޭގެ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ އަަފްރާޝީމްގެ މަރުގެ ރިޕޯޓާ ގުޅޭ ގޮތުން އެ ކޮމިޓީން އެކުލަވާލައި ފާސްކުރި ރިޕޯޓްގައިވާ ރެކޮމެންޑޭޝަންސްތަކަށް އަމަލު ކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރުމެވެ. އެހެންނަމަވެސް ކޮމިޓީން ފާސްކުރި ރެކޮމެންޑޭޝަންތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވޭ ގޮތް ވަނީ ނުވެފައެވެ. އެއީ މަރު ކޮމިޝަންގެ ރިޕޯޓްގެ ސައްހަ ކަމާމެދު ސުވާލު އުފައްދައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން އަޑުގަދަކޮށް ޒުވާބު ކުރައްވަން ފެއްޓެވުމުންނެވެ.

އަދި ކޮމިޓީގައި ހިމެނިވަޑައި ނުގަންނަވާ އިދިކޮޅު ދެ މެމްބަރުން ކަމުގައިވާ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވެސް ވަނީ ކޮމިޓީ ރޫމަށް ވަޑައިގެން ހަމަނުޖެހުން އުފައްދަވާފައެވެ. އިދިކޮޅު މެންބަރުންގެ އިހްތިޖާޖާ ގުޅިގެން ކޮމިޓީގައި ތިއްބަވާ އެމްޑީޕީގެ މެންބަރުން ވެސް އަޑުގަދަ ކުރެއްވިއެވެ. ކޮމިޓީ އިތުރަށް ކުރިއަށް ގެންދެވުނީ މެންބަރު އަހްމަދު ޝިޔާމާއި މުހައްމަދު ސައީދު ކޮމިޓީ ރޫމުން ނުކުމެވަޑައިގަތުމުންނެވެ.