ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރަމުންދާ މަނީލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނުނިމެނީސް ފަނޑިޔާރު އަލީ ރަޝީދަށް ފިޔަވަޅު އަޅައިދިނުމަށް އިދިކޮޅު ކޯލިޝަނުން އަނެއްކާވެސް ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ފަނޑިޔާރު އަލި ރަޝީދު އިންނެވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމުގައެވެ. އަދި ފަނޑިޔާރު އަލީ ރަޝީދަށް ފިޔަވަޅު އަޅައިދިނުމަށް އެކި ގޮތް ތަކަށް އެކި ފަހަރުުމަތިން ތަކުރާރުކޮށް އެދިފައިވާނެ ކަމަށެވެ.

އެގޮތުން އެކަމާ ގުޅޭ މައްސަލައެއް ޖޭއެސްސީއަށްވެސް ހުށަހަޅާފައިވާނެ ކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުންވެސް އެކަމަށް ފިޔަވަޅުއަޅައިދިނުމަށް އެދި ސުޕްރީމް ކޯޓާއި ކްރިމިނަލް ކޯޓުގައި އެދިފައިވާނޭ ކަމަށާއި އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޚުދު ރައީސް ޔާމީން އަމިއްލަފުޅަށްވެސް ފަނޑިޔާރު އަލީ ރަޝީދަށް ފިޔަވަޅު އަލައިދިނުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ހުކުމް ކުރަން ތާވަލުކޮށްފައިވާއިރު އަދިވެސް ފަނޑިޔާރު އަލީ ރަޝީދަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ އެ ކަމާ އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީންއަށް ހުކުމް ކުރާ ދުވަހުގެ ޝަރީޢަތުގެ މަޖިލިހުގައި ފަނޑިޔާރު އަލީ ރަޝީދު ހިމަނައިގެން ނުވާނެ ކަމަށް ވިދާޅުވީ އަބްދުއްރަހީމް ވިދާޅުވީ ޖޭއެސްސީ އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންވެސް ބައްދަލުވުމެއް ބާއްވައިގެން ނަމަވެސް ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ބެންޗުން އަލީ ރަޝީދު ނެންގެވުމަށްފަހު އެހެން ފަނޑިޔާރަކު އެ ބެންޗަށް ކަނޑައަޅާ ދިނުމަކީ އެދޭ އެދުމެއް ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ފަނޑިޔާރު އަލީ ރަޝީދަށް ފިޔަވަޅު އަޅައި ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަކި ކުރުމަކީ އެންމެ ރަނގަޅު އަދި އެންމެ މަސްލަހަތަށް ފުށޫ ނާރާނެ ގޮތް ކަމުގައި ގަބޫލުކުރައްވާ ކަމަށާއި އެހެންވީމާ އެކަން އެހެން ކޮށްދެއްވުމަށް ކަމާ ގުޅުންހުރި ހުރިހާ އިދާރާއަކަށް ގޮވާލާ ކަމަށެވެ.