މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ސަލަފް ޖަމިއްޔާގެ މެމްބަރަކާ ސުވާލުކޮށްފައިވާކަމަށް ބުނެ ދައްކަވާ ވާހަކަތައް ޖަމިއްޔަތުއްސަލަފުން ދޮގުކޮށްފިއެވެ.
ސަލަފް ޖަމިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޖަމިއްޔަތުއްސަލަފުގެ ނައިބްރައީސް ހަސަން މޫސާ ފިކުރީ ވިދާޅުވީ މަރު ކޮމިޝަނުން ހާމަކޮށްފައިވާ ރިޕޯޓުގައި ޖަމިއްޔާގެ އިސް ޝެއިޚެއްގެ ހައިސިއްޔަތުން ޝެއިޚް ލަތީފާ ސުވާލުކުރައްވާފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް ޝެއިޚް ލަތީފަކީ އެއްވެސް އިރެއްގައި ސަލަފުގެ ޝެއިޚެއް ނޫން ކަމަށާއި އެއީ އަދާލަތު ޕާޓީގެ މެމްބަރެއް ކަމަށް ޝެއިޚް ހަސަން ފިކުރީ ވިދާޅުވިއެވެ. ޝެއިޚް ލަތީފާއި އަދިވެސް އިތުރު ބައެއް ޝެއިޚުން ސަލަފުން ބާއްވާ ފޯރަމްތަކާއި ދަރުސްތަކުގައި ދަރުސް ދެއްވާކަމަށާއި އެގޮތަށް ދަރުސް ދެއްވަން ވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަކީ ސަލަފުގެ ރަސްމީ މެމްބަރުން ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ އަފްރާޝީމްގެ މަރުގެ ތުހުމަތު ޖަމިއްޔަތުއްސަލަފްގެ ބޮލުގައި އަޅުވަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ވިދާޅުވެ ޝެއިޚް ހަސަން ފިކުރީ ވަނީ ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި ފަތުވާ ނެރުމަކީ އާންމުކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި އެއީ ޑރ. އަފްރާޝީމް ވިޔަސް ނުވަތަ އެނޫން ބޭފުޅަކުވެސް އަވަހާރަކޮށްލަންޖެހޭ ވަރުގެ ސަބަބެއްނޫންކަމަށް ހުރިހާ އެންމެންވެސް އެއްބަސްވާނެކަމަށް ޝެއިޚް ވިދާޅުވިއެވެ.
ޑރ. އަފްރާޝިމް އަލީގެ މަރުގެ ތުހުމަތު ޖަމިއްޔަތުއްސަލަފުގެ ބޮލުގައި އަޅުވަނީ ދީނީ ގޮތުން ދީފައިވާ ރައްދެއްގެ ސަބަބުން ކަމަށާއި އެއީ އެއްވެސް ތާކުންތާކު ނުޖެހޭ ވާހަކައެއްކަމަށް ޖަމިއްޔަތުއްސަލަފްގެ އިލްމުވެރިންގެ ގޮފީގެ ރައީސް ޝެއިޚް އަހުމަދު ސަމީރު ވިދާޅުވިއެވެ. ސަބަބަކީ ދީނީ ގޮތުން ދީފައިވާ ރައްދުތަކަށްވުރެ މާބޮޑެތި ރައްދުތަކާއި މާ ހޫނު ބަހުގެ ހަމަލާތައް ސިޔާސީ ގޮތުން ދީފައިވާކަމަށް ސަމީރު ވިދާޅުވިއެވެ. އަދި އަފްރާޝިމްވެސް މިފަދަ ހަމަލާތަކުގެ ވާހަކަތައް ދައްކަވާފައި އެބަހުރިކަމަށް ޝެއިޚް ސަމީރު ވިދާޅުވިއެވެ. މީގެ ކުރިންވެސް އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ ތަހުގީގުކޮށްފައިވާއިރު އޭރުވެސް އެކަން ކޮށްފައިވަނީ ސިޔާސީ މަގުސަދެއްގައިކަން ހާމަވެފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން މިފަދަ ކަންކަން ހުރިއިރު އެކަންކަމަށް ފަރުވާލެއް ނުބަހައްޓައި ހަމައެކަނި ސަލަފުގެ ބޮލުގައި މިކަން އެޅުވުމުން މީގެ ފަހަތުގައި އެހެން މަގްސަދެއް އެބައުޅޭކަން އެނގޭކަމަށް ޝެއިޚް ސަމީރު ވިދާޅުވިއެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝެއިޚް އަލީ ޒާހިރު ވަނީ ޖަމިއްޔަތުއްސަލަފަކީ މިހާތަނަށްވެސް ގިނަ ބައެއްގެ ލޯބި ލިބިގެން ހިންގާ ޖަމިއްޔާއެއްކަން ފާހަގަކުރައްވާފައެވެ. އަދި މިޖަމިއްޔާ އުވާލަފާނެ ކަމުގެ ބިރު މިހާރު އެބައޮތް ކަމަށާއި ޖަމިއްޔާ އުވާލިކަމުގައިވިޔަސް އިސްލާމްދީނުގެ ހިމާޔަތުގައި ޖަމިއްޔާގެ މެމަބްރުން އަބަދުވެސް މަސައްކަތްކުރައްވާނެކަމަށެވެ. އަދި ހުރިހާ ދިވެހިރައްޔިތުންވެސް އިސްލާމްދީން ހިމާޔަތްކުރުމަށް މަސައްކަތްކޮށްދިނުމަށް އެނާ ވަނީ އިލްތިމާސްކުރައްވާފައެވެ.