ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު އޮންލައިން ވިޔަފާރި އެންމެ ފުޅާކޮށް ކުރަމުންދަނީ ރާއްޖޭގައި ކަމަށް ވޯލްޑް ބޭންކުން ކޮށްފައިވާ ސާވޭ އަކުން ދައްކައިފި އެވެ.

ވޯލްޑް ބޭންކުން ކޮށްފައިވާ "ފައިނޭންޝަލް އިންކްލޫޝަން އިން މޯލްޑިވްސް 2018" ސާވޭ އިން ދެއްކި ގޮތުގައި، 18 އަހަރު ފުރިފައިވާ ކޮންމެ ތިން ދިވެއްސެއްގެ ތެރެއިން އެކަކު ވަނީ ފާއިތުވެދިޔަ އަހަރުގެ ތެރޭގައި އޮންލައިންކޮށް އެއްޗިހި ގަނެފައެވެ. މި ސަރވޭއިން ދައްކާގޮތުގައި މިއީ ބައްރުގެ ގައުމުތަކުގެތެރެއިން މައުލޫމާތު ލިބެން ހުރި އެހެން ގައުމުތަަކާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި އެހެންގަުމުތަކުގެ މި ނިސްބަތްް އުޅެނީ ވަރަށް ދަށުގައި ކަމަށް މި ސާވޭގައި ބުނެފައިވެ އެވެ.

މި ސާވޭ އިން ދެއްކި ގޮތުގައި، އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ގިނަ މީހުން ފައިސާ ދައްކަނީ ވެސް އޮންލައިންކޮށެވެ. އެގޮތުން، އޮންލައިންކޮށް ވިޔަފާރިކުރާ ތިންބައިކުޅަ ދެ ބައި މީހުންނަކީ އޮންލައިންކޮށް ފައިސާ ދައްކާ މީހުން ކަމަށް އެ ސާވޭގައި ބުންނެވެ. އެއާ ހިލާފަށް، ގަތް އެއްޗެއް ޑެލިވާ ކުރުމުން ނަގުދު ފައިސާ އިން ފައިސާ ދައްކަނީ ތިންބައިކުޅަ އެއް ބައި މީހުންނެވެ.

މި ސަރވޭއިން ދައްކާގޮތުަގއި ދެކުނު އޭޝިއާގެ ދެވަނަ އަށް އެންމެ ގިނަ ޒުވާނުން ބޭންކް އެކައުންޓް ގެންގުޅޭ ގައުމަކީ ދިވެހިރާއްޖެ އެވެ. އެންމެ ގިނަ ޒުވާނުން ބޭންކް އެކައުންޓް ގެންގުޅެނީ މި ސަރަހައްދުން އިންޑިއާގަ އެވެ. އެކަމަކު އެއީ ނިސްބަތުން ރާއްޖެއާ ވަރަށް ކުޑަ ފަރަގަކުންނެވެ.

ވޯލްޑް ބޭންކުން ބުނި ގޮތުގައި ރާއްޖޭގެ ޒުވާނުން ބޭންކް އެކައުންޓް ގެންގުޅޭ އަދަދު ގިނައީ އާމްދަނީގެ ހަމަހަމަ ކަމުގެ ސަބަބުންނެވެ.

ބޭންކް އެކައުންޓް ގެންގުޅޭ ޒުވާނުންގެ ތެރެއިން 85 އިންސައްތައަކީ ފިރިހެނުންނެވެ. އެކައުންޓް ގެންގުޅޭ އަންހެނުންގެ ނިސްބަތަކީ 75 އިންސައްތައެވެ.

ދެކުނު އޭޝިއާގެ ގައުމުތަކަށް ބަލާއިރު ރާއްޖެ އަކީ އެންމެ ގިނަ ޒުވާނުން ފޯނުގެ ޒަރީއާ އިން ފައިސާގެ މުއާމަލާތް ކުރާ ގައުމެވެ. އެގޮތުން ރާއްޖެގޭ 23 އިންސައްތަ ޒުވާނުން އިންޓަނެޓް ބޭންކިން ނުވަތަ މޯބައިލް ބޭންކިން ބޭނުންކުރެ އެވެ.