މަސްވެރިކަމުގެ އުފެއްދުންތައް ފުޅާ ދާއިރާއެއްގައި ރާއްޖެއާއި ބައިނަލްއަގުވާމީ ބާޒާރަށް ވިއްކަމުންގެންދާ، އެންސިސްގެ އާ ކާރުހާނާގެ އެކިއެކި ވަޒީފާތަކަށް މީހުން ނެގުމަށް އެކުންފުނިން ބާއްވާ އޯޕަންޑޭ ފަށައިފި އެވެ.

އެންސިސްގެ އޯޕަންޑޭ ފައްޓަވައިދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމެވެ.

އެންސިސް ކުންފުނިން ބުނީ އެކުންފުނީގެ އާ މަސްދަޅު ފެކްޓަރީގައި 400 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އޭގެތެރޭގައި، އެކައުންޓިން، އެޑްމިން އަދި އިންޖިނިއަރިންގެ ދާއިރާގެ ވަޒީފާތަކަށްވެސް މީހުން ބޭނުންވާކަމަށް އެންސިސްއިން ބުނެއެވެ.

މީގެ އިތުރުން، މަސް ސާފުކުރުމުގެ މަސައްކަތަށް ގިނަ އަދަދަކަށް މީހުން ބޭނުންވާތީ، އެ ކުންފުނިން ވަނީ ވަޒީފާއަށްނުގޮސް ގޭގައި ތިބޭ އަންހެނުންނައް މިފަދަ މަސައްކަތްކުރުމަށް ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އެންސިސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް ވިދާޅުވީ އަންހެން ބޭފުޅުންނަައް ފަސޭހަވާނެފަދަ ގޮތަކަށް ޑިއުޓީ ގަޑިތައް ބަހާލައިގެން މަސައްކަތް ކުރިޔަށްގެންދިޔުމުގެ ފުރުސަތު އެންސިސްއިން ލިބޭނެ ކަމަށެވެ.

"މިފެކްޓްރީ އަކީ ދަޅުމަސް ފެކްޓްރީއެއް ކަމަށްވީމަ ގިނައިން ބޭނުންވާނީވެސް އަންހެންބޭފުޅުން. އަންހެން ބޭފުޅުންނަށް ވަރަށް ބޮޑު ފުރުސަތެއް އެބައޮތް މިކޮޅުގަ. އަޅުގަނޑުމެން އެންމެ ބޮޑަށް މި ހުށައަޅާ ހުށައެޅުމަކީ ކޮންމެހެން ފުލްޓައިމް މަސައްކަތުގަ ނޫޅެވުނަސް، ދުވާލަކު މިނިމަމް ހަތަރު ގަޑިއިރު ވަންދެން މަަސައްކަތް ކޮށްލީމަ އޯކޭ. ނޫނީ ހެނދުނު ދަރިފުޅު ސުކޫލައް ލާފަ، ދަރިފުޅު ބަލާ ދަންދެން މަަސައްކަތް ކުރުމުގެ ފުރުސަތުވެސް އެބައޮތް ހަމަ"
އެންސިސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް

ވަސީމް ވިދާޅުވީ މިމަސައްކަތަށް 170 މީހުން ނެގުމަށް ނިންމާފައިވާ ކަމަށެވެ.

އެންސިސްގެ މަސް ފެކްޓްރީގައި މަސް ރައްކާކުރުމަށް 1200 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމްކޮށްފައިވާއިރު މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށް 100 ޓަނުގެ އައިސްޕްލާންޓެއް ވެސްވަނީ ޤާއިމްކޮށްފައިވާ ކަމަށް ވަސީމް ވިދާޅުވިއެވެ.

މި ފެކްޓަރީން ދުވާލަކު 25 ޓަނުގެ މަސް ބަންދުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން މަހުން އުކާލެވޭ ބައިތައް ބޭނުންކުރުމަށް ފިޝްމީލް ޕްލާންޓެއްވެސް މި ކާރުހާނާގައި ގާއިމްކޮށްފައި ވެއެވެ.

ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯންގައި ހުންނަ އެންސިސް ކޭނިން ފެކްޓްރީގައި ކުރިޔަށްގެންދާ އޯޕަންޑޭ ހޮނިރުދުވަހުގެ ރޭގަނޑު 8:00 އިން 10:00 އަކަށް ކުރިޔަށްދާއިރު، މިގަޑިތަކުގައި ފެކްޓަރީ އަށް ޒިޔާރަތްކުރާ މީހުންނަށް ފެކްޓަރީ ބަލާލުމުގެ ފުރުސަތު ލިބޭނެއެވެ.

މީގެ އިތުރުން، އެ ދުވަހު ފެކްޓަރީއަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ލަކީޑްރޯއެއް ނެގުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން، ޑިސެމްބަރު 10 ގައި މަސްފެކްޓަރީ ހުޅުވަން އެންސިސްއިން ވަނީ ނިންމާފަ އެވެ.

ހުޅުމާލޭގައި އެންސިސް އިން އަޅާފައިވާ ފެކްޓަރީއަކީ 25 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.

އެންސިސްއިން ބުނީ ގްރޭޓަރ މާލޭ ސަރަހައްދުގައި ހުޅުވޭ ފުރަތަމަ ދަޅުމަސް ބަންދުކުރާ ކާރުހާނާގެ ސަބަބުން ރާއްޖޭގައި ދަޅުމަސް ބަންދުކުރެވޭ އަދަދު އިތުރުވެ، ދިވެހިން ބާނާ މަހަށް ވެލިއު އެޑް ކުރުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމުގައެވެ. އަދި ރާއްޖެއިން އެކްސްޕޯޓްކުރެވޭ ރޯމަހުގެ އަދަދު މަދުވެ، ރާއްޖޭގެ އަމިއްލަ އުފެއްދުންތައް ބައިނަލްއަގުވާމީ މާރުކޭޓަށް އެކްސްޕޯޓްކުރެވޭ މިންވަރު އިތުރުވެގެންދާނެ ކަމަށްވެސް އެންސިސްއިން ބުނެފައިވެއެވެ.

އެންސިސްއިން ބުނީ މި ކާރުހާނާގެ ސަބަބުން އާންމުންނަށްވެސް ބޮޑު ލުއިފަސޭހައެއް ވެގެންދާނެ ކަމުގައެވެ. އެގޮތުން ގިނަ އަދަދެއްގެ ދަޅުމަސް އެކަށީގެންވާ އަގެއްގައި އާންމުންނަށް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް ބުނެއެވެ.