އަންނަ މަހު ފަށާ ސައުތު އޭޝިއަން ގޭމްސްގެ ފުޓުބޯޅަ އިވެންޓުގައި ވާދަކުރާ ރާއްޖޭގެ 23 އަހަރުންދަށުގެ ޓީމަށް ސްޕެއިންގައި ތަމްރީނު ހަދަމުން އަންނަ ރާއްޖޭގެ އުއްމީދީ ފުޓުބޯޅަ ކުޅުންތެރިޔާ އިސްމާއީލް ޒާން އާމިރު ބައިވެރިވާން ފަށައިފިއެވެ.

އުމުރުން 19 އަހަރުގެ ޒާން މިހާރު ކުޅެމުން އަންނަނީ ސްޕެއިންގެ ހަތަރުވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ޔޫޑީ ކެނަލްސްއަށެވެ. އެ ޓީމުގައި މިހާތަނަށް މޮޅު ކުޅުމެއް އޭނާ ދަނީ ދައްކަމުންނެވެ. އޭގެކުރިން އޭނާ ވަނީ އިނގިރޭސިވިލާތުގެ އެޑިއުކިކް މެންޗެސްޓަރ އަށްވެސް ކުޅެފައެވެ. އޭނާ ގައުމީ ޓީމާއި ގުޅިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. ނަމަވެސް އޭނާއަށް އަދި ފައިނަލް ސްކޮޑުން ޖާގަ ލިބޭނެކަމާމެދު އަދި ޔަގީނެއް ނޫނެވެ.

ސްކޫލް މުބާރާތްތަކުން ވިދާލި ޒާން ވަނީ މީގެކުރިން ރާއްޖޭގެ 16 އަހަރުންދަށުގެ ގައުމީ ޓީމަށްވެސް ކުޅެފައެވެ. މިހާތަނަށް އޭނާ ވަނީ ގައުމީ ޓީމުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ. އެންމެފަހުން ޒާން ގައުމީ ޓީމަށް ކުޅެފައިވަނީ މީގެ ހަތަރު އަހަރު ކުރިންކަން ފާހަގަކޮށްލެވެއެވެ.

ސާފް ގޭމްސްއަށް ތައްޔާރުވުމަށް ބޭއްވި ފަރިތަކުުރުންތަކުގެ ތެރެއިން ޒާން -- ފޮޓޯ: އެފްއޭއެމް

އެފްއޭއެމްޒާން ވަނީ 2016 ވަނަ އަހަރު ބޭއްވި ޔޫތު ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ކުލަބް ވެލެންސިޔާއަށް ކުޅެފައެވެ. މިހާރުގެ ކޮމިޝަނަަރ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމަށް ބޮޑުބޭބެ ކިޔާ ޒާން އަކީ ރާއްޖޭގައި މިވަގުތު ތިބި އެންމެ އުއްމީދީ ކުޅުންތެރިންތަކުގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.

ސައުތު އޭޝިއަން ގޭމްސްގެ ފިރިހެން ފުޓުބޯޅަ އިވެންޓުގައި ރާއްޖެ ހިމެނެނީ ގްރޫޕް ބީ ގައެވެ. މި ގްރޫޕުގައި ރާއްޖެއާއެކު ހިމެނޭ ޓީމުތަކަކީ އިންޑިއާ އާއި ސްރީލަންކާ އެވެ. ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ނޭޕާލާއި ބަންގްލަދޭޝް އަދި ބޫޓާނެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ ދެ ވަނަ ދުވަހު ބައްދަލުކުރާނީ އިންޑިއާއާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި ޑިސެމްބަރު ހަތަރު ވަނަ ދުވަހު ނުކުންނާނީ ސްރީލަންކާއާއި ދެކޮޅަށެވެ.