އަންނަ އަހަރު 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް މަސައްކަތްކުރުމަށް ސަރުކާރުން އަމާޒު ހިފައިފިއެވެ.

ރާއްޖެއަށް ދޮޅު މިލިއަންވަނަ ފަތުރުވެރިޔާ ޒިޔާރާތްކުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހިދު ވިދާޅުވީ އަންނަ އަހަރަށް 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒު ކަނޑައަޅުއްވާފައިވާ ކަމަށާއި، މިކަމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާވެސް މަޝަވްރާކުރައްވާފައިވާ ކަމަށެވެ.

އަދި މި ޓާގެޓަށް ވާސިލްވެ، 2 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގައި އެމަނިކުފާނުވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަލީ ވަހީދު ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރައީސް ސޯލިހުވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާ ކަމަށެވެ. އަދި މިއަދު މި ޓާގެޓަށް ވާސިލްވުމުގެ އެންމެ ބޮޑު މެދުވެރިއަކީވެސް އެއީ ކަމަށް އަލީ ވަހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހިރާއްޖެއަކީ އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ އެންމެ ހިތްފަސޭހަކަމާއެކު ޗުއްޓީ ހޭދަކޮށްލެވޭ މަންޒިލްގެ ގޮތުގައި ހެދުމަކީ 2020 ވަނަ އަހަރަށް ކަނޑައަޅާފައިވާ އަމާޒެއް ކަމަށްވެސް އަލި ވަހީދު ވިދާޅުވިއެވެ. އަލީ ވަހީދު ވިދާޅުވީ 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ކަނޑައަޅާފައިވާ ޓާގެޓް ހާސިލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް ބުރަ މަސައްކަތާއެކު އެއްވެސް ކަމަކީ ނުވާނެ ކަމެއް ނޫން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި މިކަން ހާސިލްކޮށްދިނުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން މަސައްކަތް ކޮށްދެއްވުމަށް އަލީ ވަހީދު ވަނީ އެދިވަޑައިގެންފައެވެ.

މި ސަރުކާރަށް އަހަރެއް ފުރުނުތާ ހަފްތާއެއްގެ ތެރޭގައި ސަރުކާރުން ކަނޑައަޅާފައިވާ 1.5 މިލިއަން ފަތުރުވެރިންގެ ޓާގެޓް ހާސިލްވުމަކީ މި ސަރުކާރަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ގޮސްފައިވާކަން ހާމަވާ ކަމެއް ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

މިއަހަރަށް ކަނޑައަޅާފައިވާ ދޮޅުމިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމުގެ ޓާގެޓު ހާސިލްކުރެވިފައިވާއިރު، ދޮޅުމިލިއަން ވަނަ ފަތުރުވެރިޔާއަކީ ރަޝިއާއަށް ނިސްބަތްވާ މަރީނާ ކަޒަކޮވާއެވެ. މަރީނާއަށް އެއާޕޯޓުން ވަރަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ.