އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހަތުން އަރައި ޗެލްސީ 2-1 އިން ބަލިކޮށް ތާވަލުގެ ތިންވަނަ މަގާމަށް މެންޗެސްޓާ ސިޓީ ޖެހިލައިފި އެވެ.

ރޭގެ މޮޅާއެކު މެންޗެސްޓާ ސިޓީ ތިންވަނަ އަށް އެރީ 28 ޕޮއިންޓު ހަމަކޮށްގެންނެވެ. އަދި ކުރިން އެ މަގާމުގައި، 26 ޕޮއިންޓާ އެކު އޮތް ޗެލްސީ ވަނީ ހަތަރުވަނަ އަށް ވެއްޓިފަ އެވެ.

ރޭ ސިޓީގެ ދަނޑުގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ ޗެލްސީންނެވެ. މެޗުގެ 21 ވަނަ މިނެޓުގައި ކޮވަސިޗް ދިން ބޯޅައަކުން މި ގޯލް ޖެހީ އެންގޯލޯ ކާންޓޭއެވެ. އެކަމަކު އޭގެ 8 މިނެޓު ފަހުން ސިޓީން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ގޯލް އެޓީމަށް ޖަހައިދިނީ ކެވިން ޑި ބްރޭނާ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން 37 ވަނަ މިނެޓުގައި ރިޔާދު މަހުރޭޒް ވަނީ ރީތި ގޯލަކާއެކު ސިޓީއަށް ލީޑު ނަގައިދީފައެވެ.

ޕެލަސް އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން --

ލީގުގައި ރޭ ކްރިސްޓަލް ޕެލަސް 2-1 އިން ބަލިކޮށް ލިވަޕޫލުން ވަނީ އެއްވަނައިގައި މަގާމުގައި 8 ޕޮއިންޓުގެ ލީޑު ދަމަހައްޓާފައެވެ. މި މެޗުގައި އެންމެ ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ ލިވަޕޫލުންނެވެ. ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި އެންޑީ ރޮބަޓްސަން ހުރަސްކޮށްދިން ބޯޅައަކުން މި ގޯލް ޖެހީ ފޯވާޑް ސަޑިއޯ މާނޭ އެވެ. އެކަމަކު 82 ވަނަ މިނެޓުގައި ވިލްފްރެޑް ޒަހާ ވަނީޕެލަސްއަށް ނަތީޖާ އެއްވަރު ކޮށްދީފައެވެ. މެޗުން ލިވަޕޫލް މޮޅުވީ އޭގެ 2 މިނެޓު ފަހުން ރޮބާޓޯ ފިރްމީނޯ ކާމިޔާބުކޮށްދިން ގޯލުންނެވެ.

ރޭގެ މޮޅާއެކު ލިވަޕޫލް އެއްވަނައިގައި އޮތީ 13 މެޗުން ހޯދި 37 ޕޮއިންޓާއެކު އެވެ. ތާވަލުގެދެ ވަނައިގައި 29 ޕޮއިންޓާއެކު އޮތީ ރަށުން ބޭރުގައި ރޭ ބްރައިޓަން އަތުން 2-0 އިން މޮޅުވި ލެސްޓާ ސިޓީ އެވެ.

ވެސްޓް ހޭމް އާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން --

މީގެ އިތުރުން ލީގުުގައި ރޭ ހޯސޭ މޮރީނިއޯ ޓޮޓެންހަމް ހޮޓްސްޕާސްއަށް އިރުޝާދުދިން ފުރަތަމަ މެޗުން ވެސްޓް ހޭމް ޔުނައިޓެޑް އަތުން 3-2 އިން އެޓީމު ވަނީ މޮޅުވެފަ އެވެ.

މި މެޗުގައި ސޮން-ހެއުން މިން އާއި ލޫކަސް މޯރާ އަދި ހެރީ ކޭންގެ ގޯލްތަކުން ޓޮޓެންހަމް ލީޑު ނަގާފައި އޮއްވާ ވެސްޓް ހޭމް އަށް ތަފާތު ކުޑަކޮށްދިނީ ސްޓީވް ކުކް އާއި ސިމޮން ފްރަންސިސް އެވެ.

ރޭގެ މޮޅާއެކު ޓޮޓެންހަމް ވަނީ 17 ޕޮއިންޓާއެކު ނުވަވަނަ އަށް އަރާފައެވެ. އެކަމަކު 16 ޕޮއިންޓާ އެކު 10 ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް މިރޭ ޝެފީލްޑް ޔުނައިޓެޑް އަތުން މޮޅުވެއްޖެ ނަމަ ޓޮޓެންހަމް ވެއްޓޭނެ އެވެ.