ސްޕެނިޝް ލީގުގައި އިއްޔެ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް ވެސް މޮޅުވެއްޖެ އެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުން ތާވަލުގެ އެއްވަނައިގައި އޮތް ބާސާ ވަނީ ފުލުގައި އޮތް ލެގަނޭސް އަތުން 2-1 އިން މޮޅުވެފައެވެ.

ލެގަނޭސްގެ ދަނޑުގައި އިއްޔެ ކުޅުނު މެޗުގެ 12 ވަނަ މިނެޓުގައި އެޓީމުން ބާސާ ކޮޅަށް ގޯލު ޖަހައި މެޗުގެ ލީޑު ނަގާފައެވެ. މި ގޯލު ކާމިޔާބުކުރީ ޔޫސުފް އެން-ނޭސްރީ އެވެ.

މި މެޗުގައި ބާސާއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، މެޗުގައި އެޓީމުން ނަތީޖާ އެއްވަރުކުރީ ދެވަނަ ހާފު ފަށައިގެން 8 ވަނަ މިނެޓުގައެވެ. މެސީ ހުރަސްކޮށްދިން ބޯޅައަކުން މި ގޯލް ޖެހީ ފޯވާޑް ލުއިސް ސުއަރޭޒް އެވެ. އަދި މެޗުން ބާސާ މޮޅުކޮށްދިން ގޯލް މެޗު ނިމެން 11 މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ އާޓޫރޯ ވިޑާލް އެވެ.

މި މޮޅާއެކު ބާސާ އެއްވަނައިގައި އޮތީ 13 މެޗުން 28 ޕޮއިންޓާއެކު އެވެ. ލީގުގައި ރޭ ރެއާލް ސޮސިއެޑާޑް އަތުން 3-1 އިން މޮޅުވެ ރެއާލް މެޑްރިޑުންވެސް ވަނީ 13 މެޗުން 28 ޕޮއިންޓު ހަމަކޮށްފައެވެ. ބާސާއަށް ކުރިލިބެނީ ގޯލުގެ ތަފާތުންނެވެ.

ރެއާލް އާއި ސޮސިއެޑާޑް ބައްދަލުކުރި މެޗުގެ ތެރެއިން ---

ރެއާލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ގޯލް ޖެހީ ސޮސިއެޑާޑުންނެވެ. މެޗުގެ ދެވަނަ މިނެޓުގައި މި ގޯލު ޖެހީ ހޯސޭ ޑަ ސިލްވާ އެވެ.

ރެއާލްއިން މެޗުޗގައި ނަތީޖާ އެއްވަރުކުރީ 37 ވަނަ މިނެޓުގައެވެ. ލޫކާ މޮޑްރިޗް ދިން ބޯޅައަކުން މި ގޯލް ޖެހީ ފޯވާޑް ކަރިމް ބެންޒެމާ އެވެ. އަދި މެޗުގައި ރެއާލުން ލީޑު ނެގީ ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައެވެ. މި ގޯލް އެޓީމަށް ޖަހައިދިނީ ފެޑެރިކޯ ވަލްވޭޑޭ އެވެ. އަދި ރެއާލްގެ ތިންވަނަ ގޯލް 74 ވަނަ މިނެޓުގައި ޖެހީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މޮޑްރިޗެވެ.