މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ލިބޭ ހައްޖު ކޯޓާގެ ފަހެއް އިންސައްތަ ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ މީހުންނަށް ޚާއްސަ ކުރުމަށް ނިންމައިފިއެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ ފަރާތްތަކުން ލިއުމާއިއެކު، އެކޯޕަރޭޝަނުން ކޮންމެ ހައްޖު މޫސުމަކާއި ދިމާކޮށް މި 5 އިންސައްތަ ކޯޓާއަށް ހުށަހެޅުމަށް އާންމުކޮށް ހުޅުވާލާނެ ކަމަށެވެ.
ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުންދާ މީހުންނަށް ޚާއްސަކޮށްފައިވާ ކޯޓާގެ ފުރުސަތު ހުޅުވާލުމުން އެމީހަކީ މިފަދަ ބައްޔެއް ތަހައްމަލްކުރާ މީހެއްކަން ބަޔާންކޮށްފައިވާ ޑޮކްޓަރުގެ ލިޔުން ހުށަހަޅަންވާނެކަމަށް އެކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އަދި މިގޮތަށް ހުޅުވާލުމުން ހުށަހަޅާ މީހުންގެ ތެރެއިން ހައްޖު ޖާގަ ލިސްޓަށް އަރާ ތަރުތީބުން މިފަރާތްތަކަށް ޖާގަ ދެވޭނެކަމަށް ބުނެފައިވެއެވެ. ޖާގަ ދިނުމުގައި އެ ފަރާތެއްގެ ބަލި ހާލަތަށް ރިއާޔަތްކޮށް ގިނަވެގެން 2 އެހީތެރިއަކަށް ޖާގަދިނުމުގެ އިހުތިޔާރު ކޯޕަރޭޝަނަށް ލިބިގެންވާކަމަށްވެސް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމުގައި، ބޮޑެތި ބަލިތައް ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އިސްކަން ދިނުމަށް ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ހައްޖު ކޯޕަރޭޝަންގެ ވެރިންގެ ކިބައިން މިދިޔަ ސެޕްޓެމްބަރު މަހު އެދިވަޑައިގެންފަ އެވެ.
މީގެ އިތުރަށް ހައްޖު ކޯޕަރޭޝަންގެ ހިދުމަތް ހޯދުމާއި ބެހޭ އުސޫލަށް ގެނެވުނު ދެވަނަ އިސްލާހުގެ ދަށުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ކުންފުނިތަކަށް މިހާރު އެކޯޕަރޭޝަންގައި ރަޖިސްޓްރީވެ މެންބަރުންނަށްވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިއިސްލާހުގެ ސަބަބުން އެ ކުންފުނިތަކުގެ މުވައްޒަފުން ހައްޖަށް ފޮނުވުމަށް އެ ކޯޕަރޭޝަނުގައި ރަޖިސްޓްރީކޮށް ފައިސާ ދެއްކޭނެ މަގުތަނަވަސްްވެގެންދާނެއެވެ.
މި އިޞްލާޙުގެ ދަށުން ރަޖިސްޓްރީ ކުރެވޭނީ ދިވެހި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ އިތުރަށް ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުންފުނިތަކުގެތެރެއިން ރަޖިސްޓްރީކުރިފަހުން 1 އަހަރު ހަމަވެފައިވާ، ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންގެ އަދަދު 10 އަށްވުރެ މަދުނޫން ކުންފުނިތަކަށެވެ.