44 ވަނަ ބީއެމްއެލް ގައުމީ ފެތުމުގެ މުބާރާތުގެ ޗެމްޕިއަންކަން ނިއުލެގޫންސް ސްވިމިން ކްލަބު ހޯދައިފިއެވެ.

އަންހެން އަދި ފިރިހެނުންގެ ކެޓަގަރީގެތަކުގެ ޗެމްޕިއަންކަން ނިއުލެގޫންސް ސްވިމިން ކްލަބު ހޯދިއިރު، މިއީ ފިރިހެނުންގެ ކެޓަގަރީގެ ޗެމްޕިއަންކަން ނިއުލެގޫންސް ސްވިމިން ކްލަބު ޖެހިޖެހިގެން ހޯދި ފަސްވަނަ ފަހަރެވެ.

މިފަހަރުގެ މުބާރާތުގައި 68 އަންހެން ފެތުންތެރިންނާއި، 104 ފިރިހެން ފެތުންތެރިން ވަނީ ވާދަކޮށްފައެވެ. ޖުމްލަ 9 ޓީމެއް ވާދަކުރި މި މުބާރާތުގައި ހިމެނުނީ އަންހެން 3 ޓީމާއި ފިރިހެން 6 ޓީމެވެ. މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 16 އިން 23 ގެ ނިޔަލަށެވެ.

މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ނިއުލެގޫންސް ހޯދިއިރު، ދެވަނަ ޓީމަކީ ސްޕޯޓްސް ނޭޗާ އެވެ. އަދި ތިންވަނަ ހޯދީ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަނެވެ. އަންހެން ބައިގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ނިއުލެގޫންސް ހޯދިއިރު، ދެވަނަ މަގާމު ހޯދީ ލައިފްގާޑް އެސޯސިއޭޝަނެވެ. އަދި ތިންވަނަ އަކީ ސްވިމް މޯލްޑިވްސް އެވެ.

މުބާރާތުގެ އޯޕަން ބައިގެ މާސްޓާ ކެޓަގަރީ (25 އަހަރުން މަތި) ގެ ފިރިހެން އެންމެ މޮޅު ފެތުންތެރިޔާގެ މަގާމު ހިއްސާކުރީ ހަސަން މުބާހާއި އިޒުޒާދު އަހުމަދެވެ. އަދި އަންހެން އެއްވަނަ އަކީ ޝިނޯ ޔަޝިކަވާ އެވެ.

ސީނިއާ ކެޓަގަރީ (14 އަހަރުން މަތި) އަންހެން އެއްވަނަ ހަމްނާ އަހުމަދު ހޯދިއިރު މި ބައިގެ ފިރިހެން އެއްވަނަ އަކީ މުހައްމަދު އާން ހުސެއިންވެ. ޖޫނިއާ ކެޓަގަރީ (14 އަހަރުން ދަށް) ފިރިހެން ބައިގެ އެއްވަނަ މުހައްމަދު ރިހާން ޝިހާމް ހޯދިއިރު ޖޫނިއާ އަންހެން ބައިގެ އެއްވަނަ ހޯދީ އައިޝަތު އައިނީ އަބްދުލްހަމީދެވެ.

މީގެ އިތުރަށް މިފަހަރު މުޅިން އަލަށް ބޭއްވި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކެޓަގަރީގެ ފިރިހެން ބައިގެ އެއްވަނަ އަކީ އަހުމަދު ނާއިލެވެ.

މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތު ރޭ ބޭއްވިއިރު، ރޭގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ. އަދި މި ހަފުލާގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް އާއި ކޮމިޝަނަރ އޮފް ސްޕޯޓްސް އަހުމަދު ސަލީމްގެ އިތުރުން ސްޕޯޓްސް ކައުންސިލްގެ ރައީސް އިބްރާހީމް އިސްމާއީލް އަލީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.