ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ އާއްމު ސިއްހަތަށް އޮތް އެންމެބޮޑު އެއް ގޮންޖެހުމެވެ. ރާއްޖޭގައި އެންމެގިނައިން މީހުން ބަލިމަޑުކަމާ ނުކުޅެދުންތެރިކަމަށް ހުށަހެޅޭ އަދި މަރުވާ އެއްސަބަބަކީ ވެސް ދުންފަތާ ދުންފަތުގެ އިސްތިޢުމާލުކުރުމާ ދުންފަތުގެ ދުމަށް ހުށަހެޅުންކަމަށް ސިއްހީ ދާއިރާތަކުން ބުނެއެވެ.

ފަހަކަށް އައިސް ދުނިޔޭގެ ކަންކޮޅުތަކުގައި އާއްމުވަމުންދާ އީ-ސިނގިރޭޓް ރާއްޖޭގެ ފުރާވަރުކުދިންނާ ޒުވާނުންގެ މެދުގައި ހަލުއި ދުވެއްޔެއްގައި އާއްމުވަމުންދާ ދިއުމަކީ، ދުންފަތް ކޮންޓްރޯލް ކުރުމަށް ރާއްޖެއިން މިހާރުކުރަމުންދާ މަސައްކަތްތަކަށް އިތުރު ގޮންޖެހުން ކުރިމަތި ކުރުވާނެ ކަމެކެވެ.

އީ-ސިނގިރޭޓަކީ ކޮބާ؟

އިލެކްޓްރޯނިކް ނިކޮޓިން ޑެލިވަރީ ސިސްޓަމްސް ނުވަތަ އީ-ސިނގިރޭޓް ދުންފަތާއި ދުންފަތުގެ އަރަޣެއް ކަމުގައިވާ ނިކޮޓީން ބޭނުން ކުރުމަށް ގެންގުޅޭ އާލާތެކެވެ. މިއާލާތުގެ ތެރެއަށް ތަފާތު ދިޔާ ބާވަތްތަކާ ދުންފަތް އަޅައިގެން ނުވަތަ ސިނގިރޭޓް ލައްވައިގެން، ހޫނުކޮށް ވޭޕަރ ނުވަތަ ދުން ބޭރުކޮށްގެން މި އާލާތް ބޭނުންކުރެއެވެ.

ވޭޕް ކުރުމަށް ބޭނުންކުރާ ދިޔާތަކެތީގައި އެކި މާއްދާތައް އެކުލެވެއެވެ. އޭގެތެރޭގައި ދުންފަތުގައި ހިމެނޭ ދެވިހިފާ މާއްދާ ނިކޮޓިން، އަދި މީގެ އިތުރުން އެކި ރަހަ ޖެއްސުމަށް ބޭނުންކުރާ ފްލޭވަރ (މެންތޯލް، މެޓާ، އެކި މޭވާ އަދި އެހެނިހެން ކާތަކެތީގެ ރަހަ) އަދި ތަފާތު އިތުރު ކެމިކަލްތައް ހިމެނެއެވެ.

އީ-ސިނގިރޭޓް ކާޓްރިޖްތަކުގައި ހުންނަ މާއްދާތައް

އީ ސިނގިރޭޓްގައި 460 އަށްވުރެ ގިނަ ބާވަތް ދުނިޔޭގެ ބާޒާރުގައި ވިއްކަން ހުރިއިރު އެތަކެތީގެ 15,000 އަށްވުރެ ގިނަ ރަހަތައް (ފްލޭވާރސް) ހިމެނެއެވެ. އަދި މިތަކެތީގައި ބޭނުންކުރެވޭ ހާރޑްވެއަރ، އަދި ކާޓްރިޖަށް އަޅާފައިވާ ކެމިކަލްތައް ދަނީ ވަރަށް ހަލުވިކަމާއެކު ބަދަލުވަމުން، އިތުރުވަމުންނެވެ. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އީ-ސިނގިރެޓަކީ މީގެކުރިން ރެގިއުލޭޓް ކުރެވިފައި ނުވާ އެއްޗަކަށް ވުމުން، މި އުފެއްދުންތަކުގައި ހުންނަނީ ކޮން މާއްދާތަކެއް ކަމާއި، އެމާއްދާތައް ހުންނަނީ ކިހާ މިންވަރަކަށްކަން އެނގެން ގިނަފަހަރު ނުހުންނަކަމަށް ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ.

މިހާތަނަށް ކުރެވުނު ދިރާސާތަކުން އީ-ސިނގިރޭޓް ކާޓްރިޖްގައި ފާހަގަކުރެވިފައިވާ އިތުރު މާއްދާތަކުގެ ތެރޭގައި ފްލޭވަރިންގގެ އިތުރުން ގްލައިސިރިން، އެތަނޯލް (ރަލުގެ ބާވަތެއް)، މެރުއާނާއިން ތައްޔާރުކޮށްފައިވާ ބާވަތްތައް، އަދި އެކި ބާވަތުގެ ވިހަ މާއްދާތައް ފާހަގަ ކުރެވިފައިވެއެވެ.

ތަހުލީލުތަކުން ދައްކާގޮތުގައި ބައެއް ބްރޭންޑްތަކުން ތައްޔާރުކޮށްފައިވާ އީ-ސިނގިރޭޓްގެ ލޭބަލްގައިވާ މިންވަރަށްވުރެ އިތުރަށް ނިކޮޓިންއާއި އިތުރު މާއްދާތައް އޭގައި އެކުލެވިގެންވެއެވެ. އެހެންކަމުން ލޭބަލްއިން ބެލުމުން މިތަކެތީގައި ހުރި ހުރިހާ މާއްދާތަކެއް ނޭނގޭނެއެވެ.

މީގެއިތުރުން ކާޓްރިޖަށް އަމިއްލައަށް އެކިބާވަތުގެ ސޮލިއުޝަން އަޅައިގެން ބޭނުންކުރަން ތައްޔާރުކޮށްފައިވާ އީ-ސިނގިރޭޓްވެސް މާރކެޓްގައި އެބަހުއްޓެވެ. އެހެންކަމުން އަމިއްލައަށް އެކި ބާވަތްތަކުގެ ނުރައްކާތެރި ކެމިކަލްތަކާއި ޑްރަގްސް އަޅައިގެން މިތަކެތި ބޭނުންކުރުމުގެ ފުރުސަތު އެބައޮތްކަމަށް ސިއްހީ ދާއިރާގެ ބޭފުޅުން ފާހަގަކުރައްވައެވެ.

އީ-ސިނގިރޭޓްގެ ބާވަތްތައް ގިނަވުމާއި، އޭގެ އާ ބާވަތްތައް ބާޒާރަށް ނުކުންނަ މިންވަރު ގިނަވުމާއެކު، މިތަކެތީގައި ހުރި މާއްދާތައް ރަނގަޅަށް ދެނެގަނެ، ރެގިއުލޭޓް ކުރުމުގެ ގާބިލިއްޔަތުކަން މިވަގުތު ރާއްޖޭގައި ނެތްކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން މައުލޫމާތު ދެއްވައެވެ.

އީ-ސިނގިރޭޓް- މަސްތުވާތަކެއްޗަށް ހުޅުވޭ ދޮރެއް!

އީ-ސިނގިރޭޓް ފަރުމާކޮށް މާރކެޓްކުރާގޮތާއި، އޭގައި ބޭނުންކުރާ މާއްދާތަކާއި، ބޭނުން ކުރާގޮތަށް ބަލާއިރު، އެތަކެތި ބޭނުންކުރާ މީހުންނާއި ކައިރީގައި ތިބޭ މީހުންނަށް ވަރަށް ބޮޑެތި ސިއްހީ ނުރައްކާ ކުރިމަތިވެއެވެ. މިއީ މަސްތުވާތަކެތި ފަސޭހައިން ބޭނުންކުރުމާ ދުންފަތުގެ އިސްތިޢުމާލުކުރަން އަލުން ފެށުމަށްވެސް އޮތް މަގަކަށްވުމުގެ އިތުރުން، މިއީ މިހާރު ފިޔަވަޅުއަޅަންޖެހޭ، ނުވަތަ މިހާރު ނުހުއްޓުވައިިފިނަމަ، ފަހުން ކޮންޓްރޯލްކުރަން ވަރަށް ދަތިވާނޭ އާދައެއްކަމުގައި ބެލެވޭކަމަށް ސިއްހީ ދާއިރާގެ ފަރާތްތަކުން ދެކެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ މެޑިކަލް އޮފިސަރ ޑރ ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، މަސްތުވާފަދަ ބާވަތްތަކުން އުފައްދާފައި ހުންނަ އީ-ލިކުއިޑް މިހާރުވެސް މާކެޓްގައި ލިބެން އެބަހުރިކަމަށެވެ. އަދި މިހާތަނަށް މިކަމުގެ ގެއްލުން ލިބިފައިވާ މީހުންނަށް ބަލާއިރުވެސް ފުއްޕާމެޔަށް ގެއްލުންވެފައިވާ ގިނަ މީހުންނަކީ މިފަދަ މާއްދާތައް އެކުލެވޭ އީ-ސިނގިރޭޓް ބޭނުން ކުރާ ފާރާތްތައް ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

އާއްމުކޮށް ރާއްޖެއަށް ވޭޕް ކުރުމާއި ގުޅޭ އާލާތްތަކާއި ލިކުއިޑްތައް ގެންނަނީ އޮންލައިންކޮށް ނުވަތަ ފޮށީގައި ކަމަށްވާތީ، ރާއްޖޭގައިވެސް މިވަގުތު މިތަކެތި ލިބެން ހުރުމަކީ އެކަށީގެންވާ ކަމެއްކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

ޑރ ނަޒްލާ އިތުރަށް ވިދާޅުވީ ބައެއް ކާޓްރިޖްތަކަކީ އަމިއްލައަށް ލިކުއިޑް އަޅަން ތައްޔާރުކޮށްފައިވާ އެއްޗެހިކަމުން އެއަށް އަމިއްލައަށްވެސް މަސްތުވާތަކެތި އަޅައިގެން ބޭނުންކުރުން އެކަށީގެންވެއެވެ.

ރަލުގެ ބާވަތެއް ކަމަށްވާ އެތަނޯލްވެސް ބައެއް ކާޓްރިޖްތަކުގައި ހުރިކަމަށް ދިރާސާތަކުން ދައްކައެވެ. މިގޮތަށް އެތަނޯލް ހުރިކަމަށް ފާހަގަކުރެވިފައިވާ ބައެއް ކާޓްރިޖްގެ ލޭބަލްގައި އެތަނޯލް ހުރިކަމަށް ފާހަގަކޮށްފައެއް ނުވެއެވެ. ބައެއް ކާޓްރިޖްގައި އެތަނޯލް ހުންނަ މިންވަރު ގިނަކަމުން، އެތަކެތި ވޭޕް ކުރުމަށްފަހު ރަލުގެ ސަބަބުން ކުރާފަދަ އަސަރުތައް މީހާގެ ހަށިގަނޑުން ފެންނަ ކަމަށްވެސް ޑރ ނަޒްލާ ފާހަގަކުރައްވައެވެ.

އީ-ސިނގިރެޓަށް އަޅާ ބާވަތްތަކަކީ އެ ބޭނުންކުރާ މީހާ ބޭނުންވަރަކަށް އެއަށް އެތަކެތި އެޅޭގޮތަށް ފަރުމާކޮށްފައިވާ، އަދި އީ-ސިނގިރޭޓް ޑިވައިސްއަކީ، އޭގެ ރައްކާތެރިކަން ދުނިޔޭގެ އެއްވެސް ޤައުމަކުން ކަށަވަރުކޮށްދީފައިވާ އެއްޗެއް ނޫންކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

އަމާޒަކީ ކުޑަކުދިން!

ޑރ ނަޒްލާވަނީ މިކަމުގެ ނުރައްކަލާއި އެއްވަރަށް ކުޑަކުދިންނާއި ޒުވާނުން އެއަށް ޝައުގުވެރިވާ ގޮތަށް އީ-ސިނގިރޭޓް ހަދާފައިވާކަން ފާހަގަކުރައްވާ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އާއްމުކޮށް ބޭނުންކުރާ އީ-ސިނގިރޭޓުގެ ބާވަތްތަކުގެ އެންމެ ކާޓްރިޖެއްގައި 20 ސިނގިރޭޓުގައި ހިމެނޭ މިންވަރަށް ނިކޮޓިން ހުރެއެވެ.

އީ-ސިނގިރޭޓްގައިވާ ފްލެވަރިންގެ މައިގަނޑު ބޭނުމަކީ ކުޑަކުދިން އެއަށް ދެވިހިފުމެވެ. ފްލޭވަރިންގެ ސަބަބުން ދުންފަތުގެ ނުބައި ރަހަތައް ކެނޑި، ކުޑަކުދިންނަށް ބޭނުންކުރަން ފަސޭހަވެއެވެ. އީ-ސިނގިރޭޓް އުފައްދާ ކުންފުނިތަކުން ތައްޔާރުކޮށްފައިވާ ފްލޭވަރތަކުގައި ހުންނަނީ ކުޑަކުދިން ޢާއްމުކޮށް ބޭނުންކުރާ ނުވަތަ ކުޑަކުދިންނަށް މަޤްބޫލު ކާތަކެއްޗާއި ބުއިންތަކުގެ ފްލޭވަރއެވެ.

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި، ޚާއްސަކޮށް ޒުވާނުންނާއި ސްކޫލްކުދިން އީ-ސިނގިރޭޓް ބޭނުންކުރާ މިންވަރު ދަނީ ކަންބޮޑުވާ ވަރަށް އިތުރުވަމުންކަން ޑޮކްޓަރުން ފާހަގަކުރައްވާއިރު ރާއްޖޭގައިވެސް ފުރާވަރު ކުދިން އާއްމުތަންތަނުގައާއި ސްކޫލްތަކުގައިވެސް އީ-ސިނގިރޭޓް ބޭނުންކުރާކަމާއި މިއީ މިހާރު މި ޢުމުރުފުރާގެ ކުދިންގެ މެދުގައި މަގްބޫލުވަމުން އަންނަ އާލާތެއްކަން ވަނީ ފާހަގަ ކުރެވިފައިކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ. އަދި އީ-ސިނގިރޭޓްގެ އެ ހިމެނޭ ރަހަތަކުގެ ތެރޭގައިވެސް، ފުރާވަރުގެ އުމުރުގެ ކުދިން އެއަށް ބޭނުންވާފަދަ ރަހަތައް ހިމަނާފައިވާކަން ޑރ ނަޒްލާ ފާހަގަކުރެއްވިއެވެ.

އީ-ސިނގިރޭޓް ބޭނުންކުރާ ގިނަ ކުދިންނަކީ، ކުރިން ދުންފަތުގެ އިސްތިޢުމާލު ކޮށްފައިނުވާ ކުދިންކަން ފާހަގަކުރެވޭއިރު މިކުދިން މުސްތަގްބަލުގައި ޢާއްމުކޮށް ދުންފަތުގެ އިސްތިޢުމާލުކުރަން ފެށުމަށް އީ-ސިނގިރޭޓް މަގުފަހިކޮށްދޭކަން ފާހަގަކޮށްލަން ޖެހޭކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި ފުރާވަރުގެ ކުދިން އީ-ސިނގިރޭޓު ބޭނުންކުރާނަމަ، އެކުދިން ދުންފަތުގެ ބޭނުންކުރުމުގެ ފުރުސަތު ދެގުނައަށް އިތުރުވެއެވެ. އެހެންކަމުން އީ-ސިނގިރޭޓުގެ ސަބަބުން ދުންފަތުގެ ބާވަތްތައް ބޭނުންކުރަން ފެށުމުގެ ފުރުސަތު ބޮޑުކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ.

ފުރާވަރުގެ ކުދިންނަށް ކުރާ އަސަރު

އެމެރިކާގައި ހެދިފައިވާ ދިރާސާތަކުން ދައްކާގޮތުގައި މިހާރު އެޤައުމުގައި އީ-ސިނގިރޭޓްގެ އެކި ބާވަތްތައް ބޭނުންކުރާ ފުރާވަރުގެ ކުދިންގެ އަދަދުދަނީ ކަންބޮޑުވާންޖެހޭ މިންވަރަށް އިތުރުވަމުންނެވެ. 2017 އާއި 2018 އާއި ދެމެދު، 1.5 މިލިއަން ސްކޫލް ކުދިން އަލަށް އީ-ސިނގިރޭޓް ބޭނުންކުރަންފެށިކަމަށް ދިރާސާތަކުން ދައްކައެވެ.

އީ-ސިނގިރޭޓް ބޭނުންކުރާ ޒުވާނުންނާއި ފުރާއުމުރުގެ ކުދިން ވަރަށް ހަލުވިކަމާއެކު އިތުރުވަމުންދާ ކަމަށް ޔޫރަޕްގެ ބައެއް ގައުމުތަކުގައިވެސް ފާހަގަކުރެވިފައިވެއެވެ.

އެމެރިކާގެ އެލް.އޭ ޓައިމްސްއިން 1 އޮކްޓޯބަރ 2019 ގައި ޝާއިއު ކުރި ލިއުމެއްގައިވާ ގޮތުން، މީގެ ހަތަރު އަހަރު ކުރިން އެމެރިކާގެ އެފް.ޑީ.އޭއިން ފްލޭވަރ ހުރި އީ-ސިނގިރޭޓް ވިއްކުން މަނާކުރުމަށް ގަވާއިދެއް ތައްޔާރުކުރިއެވެ. އޭގެ މަގަސަދަކީ ކުޑަކުދިން ނިކޮޓިންއަށް ދެވިހިފުން ހުއްޓުވުމެވެ.

އެހެންނަމަވެސް އިންޑަސްޓްރީގެ ފިއްތުންތަކުގެ ސަބަބުން މިގަވާއިދު ފާސްވިއިރު، ފްލޭވަރ ހުރި އީ-ސިނގިރޭޓު މަނާކުރާ ބައި އެއިން އުނިކުރިއެވެ. އެ ގަވާއިދު ވުޖޫދަށް އައުމާއެކު، ޖޫލް (އީ-ސިނގިރޭޓު އުފެއްދުމުގައި އެންމެ ކުރީގައި އުޅޭ އެއް ކުންފުނި) އިން އުފައްދާ ބާވަތްތައް ވިކޭ މިންވަރު 6 ގުނައަށް އިތުރުވެގެން ދިއައެވެ. އޭގެ ނަތީޖާއަކީ 2018 އާއި ހަމައަށް އައިއިރު 4.9 މިލިއަން ސްކޫލްކުދިން އީ-ސިނގިރޭޓު ބޭނުން ކުރަން ފެށުމެވެ.

އާ ބައްޔެއް!

އީ-ސިނގިރޭޓްގެ ނުރައްކާ ދުނިޔޭގެ ގިނަ ގައުމުތަކުގައި ތަޖުރިބާ ކުރަމުންދާއިރު އީ-ސިނގިރޭޓްގެ އެންމެ އާއްމު ވައްތަރުކަމުގައިވާ ވޭޕް ކުރުމުގެ ސަބަބުން އެމެރިކާގައި އެތައް ސަތޭކަ ބަޔަކު ބަލިވެ، ގިނަ ޒުވާނުންތަކެއްވަނީ މަރުވެފައެވެ.

ވޭޕްކޮށްގެން މިހާތަނަށް ދުނިޔޭގެ އެކި ހިސާބުތަކުން 2000 އަށްވުރެ ގިނަ މީހުންނަށް އެކި ގޮތްގޮތުން ސިއްހީ ގެއްލުންތައް ވެފައިވާއިރު މިހާތަނަށް 42 މީހަކު މަރުވެފައިވާކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުން ވިދާޅުވާގޮތުން މިއަހަރުގެ ތެރޭގައި ''ވޭޕް'' ކުރުމުން ނުވަތަ އީ-ސިނގިރޭޓް ބޭނުންކުރުމުގެ ސަބަބުން ފުއްޕާމެޔަށް ޖެހޭ އާ ބައްޔެއް ވަނީ ފެންނަން ފަށާފައެވެ.

އައިޖީއެމްއެޗްގެ ނޭޝަނަލް ސެންޓަރ ފޮރ ރެސްޕިރޭޓަރީ މެޑިސިންގެ، އެތެރެހަށީގެ ޑޮކްޓަރެއް ކަމުގައިވާ ޑރ މުހައްމަދު އަލީ ވިދާޅުވީ މިބަލީގެ ސަބަބުން މުޅި ފުއްޕާމޭ އެއްްކޮށް ހަލާކުކޮށްލާ ކަމަށެވެ. މިބައްޔަށް ޝިފާއެއް މިހާތަނަށް ހޯދިފައިނުވާއިރު، މި ބަލީގެ ސަބަބުން ފުއްޕާމޭ އެއްކޮށް ހަލާކުވެއެވެ. މިކަމަށް ހަމައެކަނި ކުރެވޭނެކަަމަކީ ޕުއްޕާމޭ ބަދަލުކުުރުންކަމަށްވެސް ޑރ މުޙައްމަދު އަލީ ވިދާޅުވިއެވެ.

ވޭޕް ކުރުމުން ފުއްޕާމެޔަށް ޖެހޭ އާ ބައްޔެއް ވަނީ ފެނިފަ

ސިއްހީ މައްސަލަތައް

އީ-ސިނގިރޭޓުން ކުރިމަތިވާ އެކި ޞިއްޙީ މައްސަލަތައް ވަނީ ފާހަގަކުރެވިފައެވެ.

އެމެރިކާގައި ވޭޕިންގެ ސަބަބުން ފުއްޕާމެއަށް އަސަރުކޮށްގެން 27 ސެޕްޓެމްބަރއާއި ހަމައަށް 805 ފަރާތެއްގެ ފުއްޕާމެއަށް ގެއްލުންވެ، އޭގެތެރެއިން 12 މީހުން ނިޔާވެފައިވާ ކަމަށް ސެންޓަރސް ފޯރ ޑިޒީޒް ކޮންޓްރޯލް އިން މައުލޫމާތު ދީފަވެއެވެ.

މިކަމާ ގުޅޭ ދިރާސާތަކެއް ހެދިފައި ވީނަމަވެސް މިކަން ދިމާވަނީ އީ-ސިނގިރޭޓް ގައި ހިމެނޭ ސީދާ ކޮން މާއްދާއެއްގެ ސަބަބުންކަން އެނގިފައެއް ނެތެވެ.

އީ-ސިނގިރޭޓްގައި އެސިޓަލް ޑިހައިޑް، ފޯރމަލްޑިހައިޑް، އެސިޓޯން ފަދަ ކެންސަރު ޖައްސާފަދަ މާއްދާތައް އެކުލެވެއެވެ.

އީ-ސިނގިރޭޓުގައި ހިމެނޭ ބައެއް ނުރައްކާތެރި މައުދަން އަދި ކެމިކަލްތަކުން ފުއްޕާމޭ، ހިތް އަދި ސިކުނޑިއަށް ގެއްލުން ލިބޭކަމަށް ދިރާސާތަކުން ދައްކައެވެ.

މާބަނޑު މީހުން ވޭޕް ކުރުމުން ނުވަތަ އޭގެ ދުމަށް ހުށަހެޅުމުން، މައިމީހާއަށާއި ބަނޑުގައިވާ ދަރިފުޅަށް އޭގެ އަސަރުކުރެއެވެ. ޚާއްސަކޮށް ބަނޑުގައި އުފެދެމުންދާ ދަރިފުޅުގެ ސިކުނޑިއަށް އޭގެ އަސަރު ކުރެއެވެ.

މިއާލާތްތަކުގައި ހިމެނޭ ބައެއް ކެމިކަލްތަކުން ދިފާއީ ނިޒާމަށް އަސަރުކުރެއެވެ.

ޖުމްލަ ގޮތެއްގައި، މިހާތަނަށް ހޯދުނު ހޯދުންތަކުން، މައިމީހާގެ ބަނޑުން ފެށިގެން ތުއްތު ކުދިންނަށާއި، ކުޑަކުދިން، ފުރާވަރު އުމުރުގައި އަދި ބޮޑެތި މީހުންނަށްވެސް މީގެ ސަބަބުން ގެއްލުން ލިބޭކަމަށް އެނގިފައިވާއިރު މީގެތެރޭގައި ކެންސަރ ޖެހުމާއި، ފުއްޕާމޭ، ހިތާއި ލޭހޮޅިތައް އަދި ސިކުނޑިއަށާއި ދިފާއީ ނިޒާމު ބަލިކަށިވުން ފާހަގަކުރެވިފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

ބޭނުން ނުކުރާ ފަރާތްތަކަށް ލިބޭ ގެއްލުން

ދުންފަތުގެ ބާވަތްތަކެކޭ އެއްފަދައިން، އީ-ސިނގިރޭޓްގެ އާވީގެ ސަބަބުންވެސް، އެ އާވީގެ އަސަރުކުރާ ފަރާތްތަކަށް ސިއްހީ ގެއްލުން ލިބެއެވެ. މީގެތެރޭގައި ޚާއްސަކޮށް މާބަނޑު މީހުންނަށާއި، ބަނޑުގައިވާ ދަރިފުޅަށް އަދި ކުޑަކުދިންނަށް ދުމުގެ އަސަރުކުރުމުން ލިބޭ ގެއްލުންތައް ފާހަގަކޮށްލެވެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ ބުނީ އީ-ސިނގިރޭޓްގައި ބޭނުންކުރާ ލިކުއިޑް ބޮވުމުގެ ސަބަބުން ކުޑަކުދިން ވިހަވުމުގެ ކޭސްތައް ރިޕޯޓް ކުރެވިފައިވާކަމަށެވެ. މީގެ އިތުރަށް އީ-ސިނގިރޭޓްގެ ބައިތައް ހޫނުވެގެން ގޮވުމުގެ ސަބަބުން އަލިފާނުގެ ހިތާމަވެރި ހާދިސާތައް ހިނގާ، އެކަމުގެ އަސަރު އެބޭނުން ކުރާ މީހާއަށްވެސް ކޮށްފައި އެބަހުއްޓެވެ.

ގިނަ ގައުމުތަކުން ވަނީ މަނާކޮށްފައި!

ދުނިޔޭގެ ސިއްހީ ކަންކަން ދިރާސާކޮށް ގޮތްކިޔާ، ޤައުމުތަކަށް ލަފާދޭ ބައިނަލް އަޤްވާމީ ސިއްހީ އިދާރާތަކުންވަނީ އީ-ސިނގިރޭޓް ބޭނުން ނުކުރުމަށް ގޮވާލާފައެވެ.

އީ-ސިނގިރޭޓްގެ ތަފާތު ނުރައްކަލާ އަދި މިއީ ޒުވާނުން ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ތެރެއަށް ވެއްދުމަށް ދުންފަތުގެ ސިނާޢަތުގެ ރޭވުންތެރިކަމާއެކު މާރކެޓްކޮށްގެން ކުރާ ވިޔަފާރިއަކަށްވާތީ، ދުރާލާ މި ނުރައްކަލުން ސަލާމަތްވުމަށްޓަކައި، އަދި ޒުވާން ޖީލު ރައްކާތެރިކުރުމަށްޓަކާ، ގިނަ ޤައުމުތަކުން މިހާރުވަނީ އީ-ސިނގިރޭޓް އެއްކޮށް މަނާކޮށްފައެވެ. އަނެއްބައި ޤައުމުތަކުންވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް ވަނީ އަޅާފައެވެ.

އީ-ސިނގިރޭޓްގެ ޞިއްޙީ ނުރައްކާތެރިކަމާމެދު މިހާރު ލިބިފައިވާ ފަންނީ މަޢުލޫމާތުތަކަށް ބިނާކޮށް އެމެރިކާގެ ސެންޓަރސް ފޯރ ޑިޒީޒް ކޮންޓްރޯލް (ސީ.ޑީ.ސީ) އާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފް.ޑީ.އޭ) ގުޅިގެން ނެރެފައިވާ ބަޔާނުގައި އީ-ސިނގިރޭޓް ބޭނުންކުރުން އެއްގޮތަކަށްވެސް ރައްކާތެރި ނޫންކަމަށާއި އީ-ސިނގިރޭޓް ބޭނުންކުރުން ހުއްޓާލުމަށް ގޮވާލާފައިވެއެވެ. އެމެރިކާގެ ބައެއް ސްޓޭޓްތަކުގެ އިތުރުން ދުނިޔޭގެ 25 ޤައުމެއްގައި މިހާރުވަނީ އީ-ސިނގިރޭޓް މަނާކޮށްފައެވެ. މީގެތެރޭގައި މި ސަރަޙައްދުގެ ޤައުމުތައް ކަމުގައިވާ ސިންގަޕޫރު، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮރެއާ، ނޭޕާލް، ތައިލެންޑް، ޓީމޯރލެސްތޭ، ސްރީލަންކާ އަދި އިންޑިއާ ހިމެނެއެވެ.

އޮންލައިން ވިޔަފާރިއެއް!

ރާއްޖޭގައި އާއްމުކޮށް އީ-ސިނގިރޭޓްގެ ވިޔަފާރި ކުރަނީ އޮންލައިން ޕްލެޓްފޯމްތަކުގައި މާކެޓްކޮށް އިސްތިހާރުކޮށް މިތަކެތި ވިއްކާ ގޭގެއިންނާއި ކުދިން ތިބިތަނަކަށް ސީދާ އެތަކެތި ފޯރުކޮށްދީގެންކަމަށް ހެލްތް ޕްރޮޓެކްޝަން އެެޖެންސީން ބުނެއެވެ.

ޑރ ނަޒްލާ ވިދާޅުވީ މޯލްޑިވްސް ކަސްޓަމްސްގެ ވޭތުވެދިޔަ 4 އަހަރުގެ ތަފާސްހިސާބަށް ބަލާއިރު އީ-ސިނގިރޭޓް ރަސްމީކޮށް އެތެރެކޮށްފައިވާ ކަމަށް ދައްކާ ޢަދަދު ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.

މިއީ މިތަކެތި ބޭނުންކުރާތަން ފެންނަ މިންވަރަށް ބަލާއިރު ދިމާވާ ހިސާބެއްކަމަށް ނުބެލެވޭކަމަށާއި ސަބަބަކީ އީ-ސިނގިރޭޓްގެ ބާވަތްތައް މިހާރު ޢާއްމުކޮށް އެތެރެކުރަނީ އޮންލައިންކޮށް އޯޑަރުކޮށްގެން ޕޯސްޓްގެ ޒަރީއާއިން ކޮންމެފަހަރަކު މަދު މިންވަރަކުން ކަމުގައި ވާތީކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

މިގޮތަށް އެތެރެކުރާ ތަކެއްޗަކީ ސަރުކާރަށް ޓެކްސްނުދައްކާ އަދި ގޭގެއިން ވިއްކުމުގެ ސަބަބުން އެއްވެސް ރަސްމީ ހުއްދައެއް ނުހޯދާ ކުރާ ވިޔަފާރިއެކެވެ. މީގެ ސަބަބުން ކުޑަކުދިންނަށް މިތަކެތި ފަސޭހައިން ލިބޭގޮތް މެދުވެރިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

ގޮންޖެހުންތަކާ ޤާނޫނީ ފުށުއެރުންތައް!

ދިވެހިރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލު ކުރުން ކޮންޓްރޯލްކޮށް، ދުންފަތުގެ ސީދާ އަދި ނުސީދާ ދުމުން ގެއްލުން ލިބޭ މިންވަރު ދަށްކޮށް އަދި ވަކިން ޚާއްޞަކޮށް މި ޢަމަލުކުރަން އަލަށް ފަށާފާނެ ފަރާތްތައް މިކަމުން ރައްކާތެރިކުރުމަށްޓަކައި ސަރުކާރާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަދި ފަރުދީ ފެންވަރުގައިވެސް ޒަމާނުއްސުރެ ދަނީ ގިނަގުނަ މަސައްކަތް ކުރެވެމުންނެވެ.

ނަތީޖާއެއްގެ ގޮތުން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލާ މީހުންގެ ޢަދަދު އިތުރުވެ ދުންފަތުގެ ނުރައްކަލާމެދު މީހުން ސަމާލުވާ މިންވަރު ދަނީ އިތުރުވަމުންނެވެ.

ނަމަވެސް އީ-ސިނގިރޭޓް ގެ ސަބަބުން، މި ކުރިއެރުންތައް ފަހަތަށް ޖައްސާ، ދުންފަތުގެ ތަފާތު ނުރައްކަލަކަށް ހުށަހެޅިގެންދާ އައު ޖީލެއް އުފެދުމުގެ ބިރު ވަރަށް ބޮޑުކަމަށް އެޗްޕީއޭއިން ބުނެއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނާއި ޤަވާއިދުތަކުގައިވާ ސިޔާސަތުތައް، ޚާއްސަކޮށް އާއްމު ތަންތާނގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުމުގެ ޤަވާއިދަކީ ދުންފަތާ މީހުން ދުރުކުރުވުމަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ކުރެވިފައިވާ ދިރާސާތަކުން، އެމަޤްސަދު ހާސިލް ކުރުމަށް އެންމެ އެކަށިގެންވާ ކަންކަން ކަމުގައި ފާހަގަކުރެވިފައިވާ ކަންތަކެވެ. އެހެންކަމުން، އީ-ސިނގިރޭޓާއި އެފަދަ ބާވަތްތައް ބޭނުންކުރުން އާއްމުވާނަމަ، މި ޤަވާއިދުތަކުން ހާސިލްކުރަން ބޭނުންވާ ނަތީޖާ ހާސިލެއް ނުވާނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

އާއްމު ތަންތާނގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރާ ގަވާއިދުގެ އެއް މަޤްސަދަކީ ދުންފަތުގެ އިސްތިއުމާލު ކުރުން މަދުކުރުމެވެ. އެހެން ނަމަވެސް މިތަންތަނުގައި ވޭޕް ކުރެވޭނަމަ، މަނާ ތަންތަނުގައި ތިބޭއިރުވެސް ނިކޮޓިން ހަށިގަނޑަށް ފޮނުވުން ނުހުއްޓެއެވެ. އެހެންކަމުން އެފަރާތްތަކުން ދުންފަތުގެ އިސްތިއުމާލު ކުރުން މަދުވުމުގެ ބަދަލުގައި އެއްވަރެއްގައި ދެމެހެއްޓެއެވެ.

މީގެ އިތުރުން ދުންފަތުގެ ދުމުން އެހެންމީހުން ރައްކާތެރިކުރުމުގެ މަގްސަދުވެސް ވޭޕް ކުރުމުން ގެއްލިގެން ދެއެވެ. އީ-ސިނގިރޭޓްގެ ދުމުގައިވެސް ޞިއްޙަތަށް ގެއްލުންވާ މާއްދާތައް އެކުލެވުމާއެކު ކައިރީގައި ތިބޭ މީހުންނަށް އޭގެ އަސަރުކުރެއެވެ.

އެޗްޕީއޭއިން ބުނީ އީ-ސިނގިރޭޓް މަނާކުރި ބައެއް ޤައުމުތަކުން، އެކަން ކުރި އެއް ސަބަބަކީ، އީ-ސިނގިރޭޓް އުފެއްދުމާ މާރކެޓް ކުރުމާ ބޭނުން ކުރުމުގެ ކަންކަން މިހާރު ހިނގާ މަގަށްބަލާއިރު، ކުރީބައިގައި، މިކަން ނުހުއްޓުވައިފިނަމަ، ކުރިއަތް އޮތްތާންގައި ޤާނޫނީ ގޮތުން މިކަން ކޮންޓްރޯލް ކުރުން ނުވަތަ ރެގިއުލޭޓްކުރުން ވަރަށް އުނދަގޫވާނެކަމަށް ޤަބޫލުކުރެވޭކަމަށާއި ދުންފަތް ކޮންޓްރޯލް ކުރުމަށް ހަދާފައިވާ އެހެން ޤަވާޢިދުތައް ތަންފީޒުކުރުމަށްވެސް މިކަމުން ހުރަސް އެޅޭނެކަމަށް ބެލިފައިވާކަމަށެވެ.