ސްރީލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ފަހުން އެކުލަވާލެވުނު ވަގުތީ ސަރުކާރުގެ ކެބިނެޓްގެ ވަޒީރުން މަގާމުގެ ހުވާ ކުރެއްވިއިރު މިފަހަރުގެ ކެބިނެޓުގައި އެއްވެސް މުސްލިމް ވަޒީރަކު ހިމެނިވަޑައި ނުގަންނަވައެވެ.

ސްރީލަންކާގައި މީގެކުރިން އެކުލަވާލެވުނު ކޮންމެ ކެބިނެޓެއްގައި ސާޅީހަށްވުރެ ގިނަ ވަޒީރުން ހިމެނިވަޑައި ގެންނެވިއެވެ. އެހެންނަމަވެސް، މިފަހަރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވަނީ އެންމެ 15 ވަޒީރުންނެވެ.

ވަގުތީ ސަރުކާރުގެ ބޮޑުވަޒީރުކަމަށް ސްރީލަންކާގެ މިހާރުގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަގެ ބޭބޭފުޅު އަދި ކުރިން ދެދައުރު ރައީސްކަން ކުރައްވާފައިވާ މަހިންދާ ރާޖަޕަކްސަ އައްޔަން ކޮށްފައިވާއިރު، މި ސަރުކާރު ދެމިއޮންނާނީ އަންނަ އަހަރުގެ އާންމު އިންތިޚާބާ ހަމައަށެވެ.

މިފަހަރު ވަގުތީ ސަރުކާރެއް އެކުލަވާލެވުނު ނަމަވެސް، މިއީ ސްރީލަންކާގެ މުޅި ތާރީޚްގައިވެސް ކެބިނެޓްގައި މުސްލިމް ބޭފުޅަކު ހިމެނިވަޑައި ނުގަންނަވާ ފުރަތަމަ ފަހަރެވެ.

ވަގުތީ ސަރުކާރުގެ ކެބިނެޓްގެ ގިނަ ޒިންމާތަކެއް ވަނީ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައަށް ނަންގަވާފައެވެ. އެގޮތުން، ފިނޭންސް މިނިސްޓަރުކަމާއި، އިކޮނޮމިކް އެފެއަރޒް، ޕޮލިސީ ޑިވެލޮޕްމަންޓް، ބުއްދާ ސަސާނާ، ކަލްޗަރ، ވޯޓަރ ސަޕްލައި، އާރބަން ޑިވެލޮޕްމަންޓް އަދި ހައުސިންގެ ޒިންމާތައްވަނީ ބޮޑުވަޒީރަށް ނަންގަވާފައެވެ.

ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އެއްބަނޑު އެއްބަފާ އެންމެ ދޮށީ ބޭބޭފުޅު ޗަމާޕް ރާޖަޕަކްސައަށް ވަނީ، ކެބިނެޓްގެ މަހަވެލި ޑިވެލޮޕްމަންޓް، އެގްރިކަލްޗަރ އެންޑް ޓްރޭޑް ވަޒީރުކަން ދެއްވާފައެވެ.

ސްރީލަންކާ އާ ސަރުކާރުގެ ކެބިނެޓް:

އާ ސަރުކާރުގެ ކެބިނެޓްގެ އެއްވެސް މަގާމެއް މުސްލިމް ބޭފުޅަކަށް ދެއްވާފައި ނުވާތީ، މުސްލިމް ކައުންސިލް އޮފް ސްރީލަންކާގެ ލީޑަރ އެންއެމް އަމީންވަނީ، އެކަމާހެދި މުސްލިމުން ނާއުންމީދުވެފައިވާ ކަމަށް ވިދާޅުވެފައެވެ.

ސްރީލަންކާއަށް މިނިވަންކަން ލިބުނުފަހުން މިހާތަނަށްވެސް ކޮންމެ ސަރުކާރެއްގެ ކެބިނެޓްގައި މުސްލިމުން ތަމްސީލުކުރައްވާނެ ބޭފުޅަކު އިންނަވާ ކަމަށާއި، އެހެންކަމުން، ޕާލަމެންޓްގައި މިހާރުވެސް އެތައް މުސްލިމް މެމްބަރުން ތިއްބެވުމާއެކު އެއިން ބޭފުޅަކު ކެބިނެޓްގައި ހިމަނުއްވާނޭ ކަމުގެ އުންމީދު، އަމީން ފާޅުކުރެއްވިއެވެ.

ކެބިނެޓްގައި މުސްލިމް ބޭފުޅަކު ނެތްނަމަވެސް، ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ ބުދަދުވަހުވަނީ، ސްރީލަންކާގެ ނޯތު ވެސްޓަރން ޕްރޮވިންސްގެ ގަވަރުނަރުގެ މަގާމަށް މުސްލިމް ބޭފުޅެއް ކަމަށްވާ އޭޖޭއެމް މުޒައްމިލް އައްޔަން ކުރައްވާފައެވެ. އެއީ ވަޒީރުން ފެންވަރުގެ ބާރުތައް ދެއްވާފައިވާ މަގާމެކެވެ. ސްރީލަންކާގެ ނޯތު ވެސްޓަރސް ޕްރޮވިންސަކީ މުސްލިމުންގެ ބައިބޯ ސަހަރެކެވެ.

ސަރުކާރުގެ ކެބިނެޓުން މުސްލިމް ބޭފުޅަކަށް ފުރުސަތު ނުދެއްވި ނަމަވެސް، ސްރީލަންކާގެ ބައިމަދު ތަމަޅަ ދަރިކޮޅުގެ ދެ ބޭފުޅަކަށް ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ކެބިނެޓުން ފުރުސަތު ދެއްވާފައި ވެއެވެ. އެ ދެ ބޭފުޅުންނަކީ އަރުމުގަމް ތޮންޑަމަންއާއި، ޑަގްލަސް ދޭވަނަންދާއެވެ.