• އޮތީ އެންމެ 19،000 ޑޮލަރުގެ މައްސަލައެއް
  • ކަމާ ގުޅުންހުރި ސާބިތު ހެއްކެތް ނެތް

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ތަފްސީލްތައް ލިބުނު އިރު އެއް މިލިއަން ޑޮލަރަށް ކުރި ދައުވާ ބަދަލުވެފައި އޮތީ 19،000 ޑޮލަރަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއަށް އައު މެމްބަރުންތަކެއް ގުޅުމަށް އެޕާޓީގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން ގިނަ ވާހަކަތަކެއް ތަފްސީލުކޮށްދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ޚިޔާނާތުގެ ފައިސާ ކަމަށް ބުނެ މި ސަރުކާރުން އެންމެ ފުރަތަމަ ދައުވާ ކުރީ 1 މިލިއަން ޑޮލަރަށް ކަމަށާއި އެ އަދަދު އަޑު އިވުމުން ކޮންމެ މީހަކުވެސް ސިއްސައިގެން ދާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ޝަރީއަތެއްގެ އާންމު އުސޫލަކީ، ކޮންމެ މައްސަލައެއްވެސް ތަހުގީގު ނިމުމަށް ފަހު ވެއްދުމާއި އެ މައްސަލައަކާ ގުޅުންހުރި ހުރިހާ ލިޔެކިޔުންތައް މައްސަލަ ރައްދުވާ ފަރާތައް ހިއްސާކުރެވި ކޯޓަށް ވެއްދިފައި ހުރުން ކަމަށެވެ. އެހެންނަމަވެސް ބޮޑު އަދަދެއްގެ ދައުވާއެއް ކޮށްފައިވާއިރު މައްސަލާގެ ޝަރިއަތުގެ އިބްތިދާއީ މަރުހަލާ ނިމުނު އިރުވެސް އަދި މައްސަލަ ބަލައިގަންނާނީތޯ ނުވަތަ ނޫންތޯ ނިންމި އިރުވެސް އެބުނާ އަދަދުތައް ބަލަލާލާނެ ފުރުސަތު އެމަނިކުފާނާއި އެމަނިކުފާނުގެ ގާނޫނީ ޓީމަށް ލިބިފައި ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ ތަފްސީލުތައް ނުލިބޭތީ ހުދު އެމަނިކުފާނުވެސް ހީކުރީ އެކައުންޓަށް އެ އަދަދުގެ ފައިސާ ވަދެގެން އުޅެނީ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މައްސަލައިގެ ލިޔެކިޔުންތައް ލިބި އަދަދުތައް ބަލާލިއުރު އެސްއޯއެފް ގެ އަމިއްލަ ފައިސާ އޭރުވެސް 8 ލައްކަ އަށް ވުރެ ގިނަ ޑޮލަރު ހުރި ކަމަށެވެ. އަދި އޭގެ ފަހުންވެސް އެކި ފަހަރު މަތިން 9 ލައްކައަށް ވުރެ ގިނަ ޑޮލަރު އެ ކުންފުނީގެ އެކައުންޓަށް ވަދެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެ ހުރިހާ އަދަދުތައް ގުނައި ހިސާބު ހަދާ ނިމުނު އިރު މައްސަލަ ދިމާވެފައި ވަނީ ހަމަ އެންމެ 19،00 ޑޮލަރުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހުރިހާ ހިސާބުތައް އަޅާކިޔާ ނެޓް ކޮށްލިއިރު ، މިއުލޭ މައްސަލއަކީ 19،000 ޑޮލަރުގެ މައްސަލައެއް، މިހުރީ ކަންކަން ސިޔާސީކޮށް ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން މި ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް، އަޅުގަނޑުމެންނަކަށް އޭގެ ރައްދެއް އޭރަކު ނުދެވޭ، އެއީ އަޅުގަނޑުމެން އަތުގައި މި ހިސާބުތައް ނެތީމަ ހުދު އަޅުގަނޑުވެސް ހީކުރީ މިއުޅޭނީ އަޅުގަނޑުގެ އެކައުންޓަށް 1 މިލިއަން ޑޮލަރު ވަދެގެނޭ
ރައީސް ޔާމީން
ރައީސް ޔާމީން: ވީފޮޓޯ: އަހުމަދު ޝުރާއު

ރައީސް ޔާމީން ވިދާޅުވީ އެ 19،000 ޑޮލަރުގެ ވާހަކަ ދައްކާއިރު، ދައުލަތުގެ ވަކީލު ބުނާ ބުނުން ފިޔަވައި ދެން އެއީ ވައްކަމުގެ ނުވަތަ ކޮރަޕްޝަނުގެ ފައިސާ ކަމެއް ތަހުގީގެއްވެސް ކުރެވިފައި ނެތް ކަމަށާއި ޝަރީއަތުގެ މަޖިލީހުގައި ސާބިތުވެސް ކުރެވިފައި ނެތް ކަމަށެވެ. އަދި އެސްއޯއެފާއި އެމްއެމްޕީއާރްސީއާއި ދެމެދު ހިނގާފައިވާ ފައިސާގެ މުއާމަލާތްތައް އޭސީސީން ތަހުގީގުކޮށްފައި ނުވާކަން ޝަރީއަތުގެ މަޖިލީހުގައިވެސް ހާމަވެފައިވާ ކަމަށް ރައީސް ޔާމިން ވިދަޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑައިރެކްޓަރ ޢަބްދުﷲ ޒިޔަތު ޝަރީއަތުގައި ދައުލަތުގެ ފަރާތުން ހެއްކެއް ގޮތުގައި ހުށަހެޅުމުން އެސްއޯއެފާއި އެމްއެމްޕީއާރްސީއާއި ދެމެދު ވިޔަފާރީގެ އެތައް މުއާމަލާތެއް ކޮށްފައިވާކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އެހެންނަމަވެސް އެފައިސާއާއި ގުޅޭގޮތުން އެއްވެސް ތަހުގީގެއް ކޮށްފައި ނުވާއިރު އެއީ ކޮން ފައިސާއެއް ކަމާއި އެއީ ކޮރަޕްޝަނުގެ ފައިސާ ކަމަށް ނިންމާނީ ކިހިނެތް ކޮންބައެއްތޯ އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ.

އެމްއެމްޕީއާރްސީ ހިންގުމާއި އެންމެ އިސްކޮސް ހަވާލުވެ ހުންނެވި ޒިޔަތު ވިޓްނެސްއެއްގެ ގޮތުގައި ހުށަހެޅުމުން ޗަރީއަތް ކުރިއަށް ގެންދިޔަ ފަނޑިޔާރުވެސް ސުވާލު ކުރެއްވި އެމްއެމްޕީއާރްސީއާއި އެސްއޯއެފާއި އެކު ވިޔަފާރީގެ މުއާމަލާްތ ހިނގާފައިވޭތޯ، އޭނަ ވިޓްނެސް ސްޓޭންޑްގައި ހުރެގެން ވިދާޅުވި އާނއެކޭ، އެހެންވީމާ ވިޔަފާރީގެ ގޮތުން ދެ ކުނފުންީގެ ދޭތެރޭގައި ހިނގާ މުއާމަލާތްތަކެއް ތަހުގީގުން އެހެން ގޮތަކަށް ސާބިތުނުކޮށް ޝަރީއަތުގެ މަޖިލީހުން އެއަށް ގޮތެއް ނުނިންމާހާ ހިނދަކު ކިހިނެތް ކާކުތޯ ނިންމާނީ އެއީ ގާނޫނާ ޚިލާފަށް ވަދެފައި ހުރި ފައިސާކަން
ރައީސް ޔާމީން
ރައީސް ޔާމީން: ވީފޮޓޯ: އަހުމަދު ޝުރާއު

ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލއަކި 2015 ވަނަ އަހަރު ފެށުނު މައްސަލައެއް ކަމަށާއި އެ މަނިކުފާނު ވެރިކަމުގައި ހުންނެވިއިރު އޭރުގެ އިދިކޮޅު އޮތީ އެމަނިކުފާނު ވެރިކަމުން ދުރުކުރެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތުގައި ކަމަށެވެ. މިއަދު އުފުލާފައިވާ ދައުވާއަކީ ސައްހަ ދައުވާއެއް ކަމަށް ވާނަމަ އޭރު އެ މައްސަލަ ނޫފުލީ ކީއްވެގެންތޯ ވެސް ރައީސް ޔާމީން ވަނީ ސުވާލު ކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މަގާމުގައި ހުންނެވިއިރު އެ ދައުވާ އުފުލާ ސާބިތު ކުރިނަމަ މަގާމުން ދުރަށް ވަޑައިގަންނަވާނީ އަމިއްލަފުޅަށް ކަމަށާއި ޝަރީއަތަކަށް ގޮސް ނުވަތަ ރައްޔިތުންގެ މަޖިލީހަކުން ވޯޓެއް ނަގައި އެމަނިކުފާނު މަގާމުން ދުރުކުރަން ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ އެ މައްސަލަ މިއަދު ނަގައިގެން އުޅުމުން އެއީ އަސާސެއް ނެތް ކަމެއްކަން ހާމަވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީއަކީ އެމަނިކުފާނުދެކެ ވަރަށް ލޯބިވާ ޕާޓީއެއް ކަމަށެވެ. ސިޔާސީ މައިދާނުން އެކަހެރިކުރަން މަސައްކަތް ކުރަނީ ވެސް އެހެންވެގެން ކަމަށެވެ. ރާއްޖޭގައި އުފދެނު ހުރިހާ ސިޔާސީ ލީޑަރުން އެމްޑީޕީ ފަހަތުގައި މިއަދު އެތިބީ "ނަގޫ ފިތިފައި" ތިބީމަ ކަމަށާއި އެ ޕާޓީން އެމަނިކުފާނު ދެކެ އެހާ ލޯބިވަނީ ސާބިތުކަންމަތީ ހުންނަވާތީ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.