އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޝެފީލްޑް ޔުނައިޓެޑުން ފަހު ވަގުތު ޖެހި ގޯލާއެކު މެންޗެސްޓާ ޔުނައިޓެޑާ 3-3 އިން އެއްވަރުކޮށްފި އެވެ.

ޝެފީލްޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގައި އެންމެ ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީވެސް އެޓީމުންނެވެ. އެގޮތުން މެޗުގެ 19 ވަނަ މިނެޓުގައި ޖޯން ފްލެކް ވަނީ ޝެފީލްޑަށް ލީޑު ނަގާދީފައެވެ. އަދި ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ލީސް މޫސޭ ވަނީ ޝެފީލްޑަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ ނަތީޖާ ޔުނައިޓެޑުން އެޓީމު ކޮޅަށް އަނބުރާލީ ހަތް މިނެޓުގެ ތެރޭގައެވެ. 71 ވަނަ މިނެޓުގައި ބްރެންޑަން ވިލިއަމްސް ޔުނައިޓެޑަށް ފަރަގު ކުޑަކޮށްދިންއިރު، އޭގެ ފަސް މިނެޓު ފަހުން މޭސަން ގްރީންވުޑް ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ޔުނައިޓެޑުން ލީޑު ނެގީ މެޗުގެ 79 ވަނަ މިނެޓުގައި މާކަސް ރެޝްފޯޑް ޖެހި ރީތި ގޯލުންނެވެ.

މެޗުން ޔުނައިޓެޑް މޮޅުވާން ދަނިކޮށް ޝެފީލްޑަށް ނަތީޖާ އެއްވަރުކޮށްދިނީ އިތުރުވަގުތުގައި އޮލިވާ މެކްބާނީ އެވެ.

ރޭގެ މެޗުން ލިބުނު ޕޮއިންޓަކާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ ނުވަވަނައިގައި 13 މެޗުން ލިބުނު 17 ޕޮއިންޓާއެކު އެވެ. ޕްރިމިއާ ލީގަށް އަލަށް ކޮލިފައިވި ޝެފީލްޑް އޮތީ ތާވަލުގެ ހަވަނައިގައި 13 މެޗުން 18 ޕޮއިންޓާއެކު އެވެ.