13 ވަނަ ސައުތު އޭޝިއަން ގޭމްސް ގައި ވާދަކުރާ ދިވެހި ފެތުންތެރިންގެ ޓީމު އިތުރު ތަމްރީނުތަކަށް އިންޑިއާއަށް ފުރައިފިއެވެ.

މިފަހަރުގެ ގޭމްސްގައި ވާދަކުރާ ފެތުންތެރިންގެ ޓީމުގައި ހިމެނެނީ 4 އަންހެން ފެތުންތެރިންނާއި 6 ފިރިހެން ފެތުންތެރިންނެވެ. އެ ފެތުންތެރިންނަކީ އާއިޝަތު ސައުސަން، އާއިޝަތު ސާޖިނާ، އާއިޝަތު އުލްޔާ ޝާއިގް، ހަމްނާ އަހުމަދު، މުބާލް އައްޒާމް އިބްރާހީމް، އަލީ އިއްމާން، ޙަސަން އަޝްރަފް، ހުސައިން ހާއިޝް ހަސަން، ހުސައިން މުބާހު އަދި މުހައްމަދު އާން ހުސައިން އެވެ.

މީގެތެރެއިން އިންޑިއާގައި ކޭމްޕް ކުރާނީ މުބާލް އައްޒާމް އިބްރާޙީމާއި އާއިޝަތު ސާޖިނާ ފިޔަވާ ދެން ތިބި ފެތުންތެރިންނެވެ. މި ދެފެތުންތެރިންނަކީ އޮސްޓްރޭލިއާ އަދި މެލޭޝިޔާގައި، އޮލިމްޕިކް ސްކޮލާޝިޕްސްގެ ދަށުން ފަރިތަކުރުންތައް ފުރިހަމަކުރަމުންދާ 2 ފެތުންތެރިން ކަމަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މައުލޫމާތު ދެއެވެ.

އިންޑިއާގައި ތަމްރީނުތައް ފުރިހަމަ ކުރުމަށްފަހު ޓީމު ނޭޕާލަށް ފުރާއިރު، މިފަހަރުގެ ޓީމުގެ މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ކުރިން ގައުމީ ރެކޯޑުތައް ހަދާފައިވާ އޮލިމްޕިކް ފެތުންތެރިޔާ ފާތިމަތު ފާރިހާ އެވެ. އަދި ކޯޗުންގެ ގޮތުގައި ގައުމީ ޓީމުގެ ހެޑް ކޯޗު އިބްރާޙީމް މޫސާ އާއި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އާދަމް މުހައްމަދު ބައިވެރިވާ ކަމަށްވެސް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މައުލޫމާތު ދެއެވެ.