ރާއްޖޭގައި އިސްލާމިކް ފައިނޭންސިންގެ ދާއިރާ ކުރިއެރުވުމަށް ޓްރެއިނިން ޕްރޮގްރާމެއް، ކެޕިޓަލް މާކެޓް ޑިވޮލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ފަށައިފި އެވެ.

މިއަދުންފެށިގެން މިމަހުގެ 27 ގެ ނިޔަލަށް ކުރިޔަށްގެންދާ މި ޓްރެއިނިން ޕްރޮގްރާމަކީ އިސްލާމިކް ޑިވެލޮމްޕަންޓް ބޭންކް، އައިޑީބީގެ އިސްލާމިކް ރިސަރޗް އެންޑް ޓްރެއިނިންގ އިންސްޓިޓިއުޓް، "އިރްތީ" އާއި ގުޅިގެން ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ.

ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރެވިފައިވާ ގިނަ ކުންފުނިތަކުން ބައިވެރިވާ މި ޕްރޮގްރާމުގައި އައިޑީބީގެ އިސްލާމިކް ރިސަރޗް އެންޑް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ތަޖްރިބާކާރު ބޭފުޅުން މައުލޫމާތު ދެއްވާނެ ކަމަށް ސީއެމްޑީއޭއިން ބުނެއެވެ.

އިސްލާމިކް ފައިނޭންސްގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށާއި މިދާއިރާ ތަރައްޤީކޮށް ކުރިއެރުވުމުގައި ޙަރަކާތްތެރިވާ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބާއްވާ މިޓްރެއިނިންގ ޕްރޮގްރާމްގައި، އަމިއްލަ ކުންފުނިތަކާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން 30 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.

ނޫސްވެެރިންނަށް މައުލޫމާތުދެއްވަމުން ސީއެމްޑީއޭގެ ހެޑް އޮފް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ އަބްދުﷲ ޒަކަރިއްޔާ ވިދާޅުވީ ސީއެމްޑީއޭއާއި، އިރްތީ ގުޅިގެން ކޮންމެ އަހަރަކު އިސްލާމިކް ފައިނޭންސްއާއި ގުޅުންހުރި ޓްރެއިނިންގ ޕްރޮގާރާމުތައް ހިންގާކަމަށެވެ. އެގޮތުން މިދިޔަ އަހަރު އިސްލާމިކް ފައިނޭންސިންގެ ބޭސިކް ޕްރޮގާރާމެއް ބާއްވާފައިވާނެކަމަށާއި، މި އަހަރު ކުރިޔަށްދަނީ އެޑްވާންސްޑް ޕްރޮގްރާމެއްކަމަށެވެ.

ޗަންޕާ ސެންޓްރަލް ހޮޓެލްގައި ތިން ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މި ޕްރޮގްރާމުގެ ޒަރިއްޔާއިން ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ޕްރޮޑަކްޓްތައް އިތުރަށް ތަޢާރަފްކުރެވި ރާއްޖޭގެ އިސްލާމިކް މާކެޓް ކުރިއަށްގެންދިއުމަށް މަގުފަހިވާނެކަމަށް ސީއެމްޑީއޭއިން ބުނެއެވެ.