އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެގޮތުން، ސިފައިން މަގުތަކަށް ނުކުމެ މުޅި ސްރީލަންކާގައި އާންމު ހަމަޖެހުން ދެމެހެއްޓުމަށް ސްރީލަންކާގެ ރައީސް ގޯޓަބާޔަ ރާޖަޕަކްސަ، އަސްކަރިއްޔާއަށް އަންގަވައިފިއެވެ.

ސްރީލަންކާގެ ރައީސް މިކަމަށް އެންގެވީ އަސްކަރިއްޔާގެ މައްޗަށް ނެރުއްވި ޚާއްސަ ގެޒެޓް ނޯޓިސްއެއްގައެވެ.

އެ ނޯޓިސްގައި ރައީސް ގޮޓަބާޔަ ރާޖަޕަކްސަ ވަނީ، ސްރީލަންކާގެ އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެގޮތުން ސިފައިން މަގުތަކަށް ނުކުމެ އާންމު ހަމަޖެހުން ގާއިމްކުރުންމަތީ ދެމިތިބުމަށް ގޮވާލައްވާފައެވެ.

އެގޮތުން، ސްރީލަންކާގެ ވެރިރަށް ކޮޅުނބުވެސް ހިމެނޭގޮތުން ސްރީލަންކާގެ 25 ޑިސްޓްރިޓްގައި އެއްގަމާއި، ކަނޑާއި ވައިގެ ސިފައިން ނެރެ ބެލެހެއްޓުމަށް އަންގަވާފައި ވެއެވެ.

ސްރީލަންކާގެ އާ ސަރުކާރުގެ ދިފާއީ ވަޒީރު ކަމާލް ގުނަރަޓްނަ ކޮޅުނބުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ރައީސް ގޮޓަބާޔަ ރާޖަޕަކްސަ ޚާއްސަ ގެޒެޓް ނޯޓިސްއެއް ނެރުއްވައި އަސްކަރިއްޔާގެ މައްޗަށް މިފަދަ އަމުރެއް މިކުރެއްވީ، މުޅި ސްރީލަންކާގައި ގާނޫނީ ހުކޫމަތު ދެމެހެއްޓެވުމަށް ކަމަށެވެ. މިކަމަކީ، އަސްކަރީ ވެރިކަމެއް ކުރެއްވުމުގެ ނިޔަތުގައި ރައީސް އެޅުއްވި ފިޔަވަޅެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.

ދިފާއީ ވަޒީރު ކަމާލް ގުނަރަޓްނަ ވިދާޅުވީ، ސްރީލަންކާގައި ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކަންކަމާއި ގުޅިގެން ސިޔާސީ އެއްވެސް ހަމަނުޖެހުމެއް އެއްވެސް ފަރާތަކުން ހިންގުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫންކަމަށެވެ. އެފަދަ ކަމެއް ކޮށްފިނަމަ އެކަމުގައި ހިމެނޭ އެންމެން ސިފައިން ހައްޔަރުކުރާނޭ ކަމަށްވެސް ދިފާއީ ވަޒީރު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ސްރީލަންކާގެ ރައީސްކަމުގެ ހުވާ ކުރެއްވި ދުވަހު އައު ރައީސް ގޮޓަބާޔަ ރާޖަޕަކްސަވަނީ، ގައުމީ ސަލާމަތީ ކަންކަން ވަރަށް ވަރުގަދަ ކުރައްވާނޭ ކަމަށް ވައުދުވެވަޑައި ގެންފައެވެ. އަދި ސްރީލަންކާއަކީ އެއްވެސް ބިރުވެރިކަމެއްނެތި އެންމެނަށްވެސް ސުލްހަވެރިކަމާއެކު އުޅެވޭނެ ގައުމަކަށް ހައްދަވާނޭ ކަމަށްވެސް ވައުދުވެވަޑައި ގެންފައި ވެއެވެ.