ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ބެލްޖިއަމްގެ މީޑިއާ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ހިންގާ ފެމިލަރައިޒޭޝަން ދަތުރުތަކުގެ 18 ވަނަ ދަތުރުގައި ރާއްޖެ އައިސްފައިވަނީ ބެލްޖިއަމްގެ މަޝްހޫރު ޕަބްލިކޭޝަންތައް ކަމަށްވާ، ދަ ލިބްރޭ، މޭރީ ކްލެއާ ބެލްޖިއަމް، ޓުގެދާ މެގަޒިން، ހެޓް ނިއުސްބްލާޓް އަދި ސައިކޮލަޖީސް މެގަޒިންގެ ނޫސްވެރިންނެވެ.

މި ދަތުރުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައިވަނީ ތަފާތު ތިން ރިސޯޓުގައެވެ. އެގޮތުން ޕެރެޑައިޒް އައިލޭންޑް ރިސޯޓް އެންޑް ސްޕާ އާއި، ނިކަ އައިލޭންޑް ރިސޯޓް އެންޑް ސްޕާގެ އިތުރުން މީރު އައިލޭންޑް ރިސޯޓުގައި ދަތުރުގެ ބައިވެރިން މަޑު ކުރާނެއެވެ. މި ރިސޯޓް ތަކުން ދަތުރުވެރިންނަށް ޚާއްޞަކޮށްގެން ވޯޓަރ ސްޕޯޓްސްއާއި، ކަނޑު އަޑީގެ ރީތި މަންޒަރުތައް ބަލައިލުމުގެ އިތުރުން ރާއްޖޭގެ ސަގާފަތް ބަލައިލުމަށް ރިސޯޓް ކައިރީ ރަށް ތަކަށް ދަތުރުކުރާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

ބެލްޖިއަމް އިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު އެ ގައުމުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 20 އިންސައްތަ ވަނީ އިތުރުވެފައެވެ. އެމްއެމްޕީއާރުސީން ބުނީ މިއަދަދު އިތުރުވީ މިއަހަރު ޓޫރިޒަމް އިޝަތިހާރު ކުރުމަށް ހިންގި އެކި އެކި ހަރަކާތުގެ ސަބަބުން ކަމަށެވެ.