ސަރުކާރުން މާލެ ސަރަހައްދުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ސައިޒްގެ ސްވިމިން ޕޫލް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ކައިރި މުސްތަގުބަލެއްގައި ފެށިގެންދާނެ ކަމަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިސްމާއީލް އަލީ ވިދާޅުވެއްޖެ އެވެ.
މާލެ ސަރަހައްދުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ސައިޒްގެ ސްވިމިން ޕޫލް ކޮމްޕްލެކްސް އަޅާނެ ބިން ލިބި، އެ ބިން ސާފުކުރުމުގެ މަސައްކަތް ފަށާފައިވަނީ އޯގަސްޓް މަހުގެ ތެރޭގައެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކުޅިވަރުގެ ވައުދުތަކުގެ ތެރެއިން ނުނިމިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ ސްވިމިން ޕޫލް ކޮމްްޕްލެކްސް އަޅާ ސަރަހައްދަކީ ދުވާ ޓްރެކް ސަރަހައްދު ކައިރީގައި ކުރިންހުރި ކުނިގޮނޑު އޮތް ބިމެވެ.
ވީސްޕޯޓްސް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިސްމާއީލް އަލީ ވިދާޅުވީ ިހާރު އެ ބިން ސާފުކޮށް ނިމިފައިވާ ކަމަށެވެ. އަދި ޔޫތު މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އަދި މާލޭ ސިޓީ ކައުންސިލް ގުޅިގެން ވަރަށް ރަނގަޅަށް މަސައްކަތް ކުރިއަށްދާ ކަމަށާއި، މިހާރު ސްވިމިން ޕޫލް ކޮމްޕްލެކްސްގެ ކުރެހުން ތައްޔާރު ކުރެވިފައިވާ ކަމަށެވެ. އަދި ކުރެހުން ފައިނަލް ކުރުމަށްފަހު ކައިރި މުސްތަގުބަލެއްގައި އެ ތަނުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
މިއަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ސްވިމިން އެސޯސިއޭޝަނާ ބައްދަލުކޮށް، ޕޫލްގެ ކުރެހުމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށާއި އަދި މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ފަންޑު ހޯދައި، ވަރަށް އަވަހަށް އެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
އަދި 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ރާއްޖޭގައި ބާއްވާއިރު، އެޕޫލަކީ މުބާރާތް ބޭއްވޭ ވަރުގެ އިންޓަނޭޝަނަލް ސްޓެންޑާޑްގެ ޕޫލަކަށް ވެގެންދާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު ވަނީ ދެއްވާފައެވެ.