ސްރީލަންކާގެ ހުރިހާ އެއަރޕޯޓްތަކެއް ކުއްލި ސަމާލުކަމަށް ގެނެސްފިއެވެ.

ސްރީލަންކާ ސަރުކާރުން މިފިޔަވަޅު އެޅީ، ސްރީލަންކާ ފުލުހުންގެ ޑިޓެކްޓިވުން ފިއްލަވައިގެން ގައުމު ދޫކުރައްވައި ވަޑައިގަތުން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

އަދި ސަރުކާރުން މި ފިޔަވަޅު އެޅީ، ސްރީލަންކާގެ ކުރީގެ ރައީސް އަދި މިހާރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ މައްސަލަތަކެއް ތަހްގީގު ކުރާ ފުލުހުންގެ ޓީމުގައި އެންމެ އިސްކޮށް ހުންނެވި އިންސްޕެކްޓަރ ނިޝާންތާ ސިލްވާ، ފިއްލަވައިގެން ގައުމު ދޫކުރައްވައި ވަޑައިގެންނެވި މައްސަލާގައެވެ.

އޭނާ މިދިޔަ އާދީއްތަ ދުވަހު ފުރާވަޑައިގެންނެވީ ސްވިޓްޒަރލޭންޑަށް ކަމަށާއި، އޭނާ އެގައުމުން ސިޔާސީ ހިމާޔަތް ހޯއްދަވަން އެދިވަޑައި ގެންފައިވާ ކަމަށްވެސް ވެއެވެ.

ސްރީލަންކާ ފުލުހުން މިހާރުވަނީ މިކަމުގެ ތަހްގީގު ފަށާފައެވެ.

ނިޝާންތާ ގައުމު ދޫކުރައްވައި ވަޑައިގެންނެއިރު، ނޮވެމްބަރު 16 ވަނަ ދުވަހު ސްރީލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ފަހުން އޭނާއަށް މަރުގެ އިންޒާރުތައްވެސް ދީފައިވާ ކަމަށް މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.

ނިޝާންތާ ސިލްވާ ތަހްގީގު ކުރައްވަމުން ގެންދެވި މައްސަލަތަކަކީ، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި ސަރުކާރުގެ ވެރިން ބައިވެރިވެވަޑައިގެން ހިންގާފައިވާ ސިޔާސީ އިސް މީހުން މެރުމާއި، ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެވެ.

ސްރީލަންކާ ފުލުހުންގެ ތަރުޖަމާނު ރުވާން ގުނަސޭކަރާ ވިދާޅުވީ، ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިވިޜަން (ސީއައިޑީ) ގައި މަސައްކަތްކުރާ 704 އޮފިސަރެއްގެ ނަން މިހާރު އިމިގްރޭޝަނަށް ފޮނުވާފައިވާ ކަމަށާއި، އޭގެ ބޭނުމަކީ އެއްވެސް އޮފިސަރަކު ހުއްދަނެތި ގައުމުން ބޭރަށް ވަޑައިގަތުން ހުއްޓުވުން ކަމަށެވެ.

ފުލުހުން ބުނެފައިވަނީ، ފާއިތުވެދިޔަ ހަތަރު އަހަރާއި ބައިގެ ތެރޭގައި މައްސަލަތައް ތަހްގީގު ކުރުމުގައި ނިޝާންތާ ވަކި ފަރާތަކަށް ޖެހިވަޑައިގެންފައިވާ ކަމުގެ ތުހުމަތުތައް ކުރެވިފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ތެރޭގައި މަހިންދަ ރާޖަޕަކްސަ ކުޑަ ދުވަސްކޮޅަކަށް ބޮޑުވަޒީރުކަމަށް ވަޑައިގެން އެންމެ ފުރަތަމަ ވެސް ކުރެއްވި ކަމަކީ، ނިޝަންތާ ސިލްވާ މަގާމުން ވަކިކުރެއްވުމެވެ. އެހެން ނަމަވެސް، މަހިންދަ ރާޖަޕަކްސަ އެކުލަވާލެއްވި ސަރުކާރު ކުރިއަށް ނުގެންދެވި ސަރުކާރު ވެއްޓުމާ ގުޅިގެން ނިޝާންތާ އޭނާ ކުރިންވެސް ހުންނެވި މަގާމަށް އަލުން އިސްކުރެވުނެވެ.