ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ޓޮޓެންހަމް ހޮޓްސްޕާސް، މެންޗެސްޓާ ސިޓީ އަދި ރެއާލް މެޑްރިޑް ދަތުރުކޮށްފި އެވެ.

ގަދަ 16 އަށް ޓޮޓެންހަމް ދަތުރުކުރީ ރޭ އޮލިމްޕިއާކޯސް އަތުން ފަހަތުންއަރާ 4-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. ރޭގެ މެޗަކީ ޓޮޓެންހަމްގެ އައު ކޯޗު ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ޗެމްޕިއަންސް ލީގުގައި އެޓީމުން ކުޅުނު ފުރަތަމަ މެޗެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އޮލިމްޕިއާކޯސް އިން ވަނީ ދެ ގޯލުގެ ލީޑެއް ނަގާފައެވެ. އެގޮތުން ހަވަނަ މިނެޓުގައި ޔޫސުފް އެލް އަރަބި އޮލިމްޕިއާކޯސްއަށް ލީޑު ނަގައިދިންއިރު، 19 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްދިނީ ރުބެން ސެމޭޑޯ އެވެ.

އެކަމަކު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޑެލެ އަލީ ވަނީ ޓޮޓެންހަމަށް ފަރަގު ކުޑަކޮށްދީފައެވެ. އަދި ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ހެރީ ކޭން އެޓީމަށް ނަތީޖާ އެއްވަރުކޮށްދިންއިރު، 73 ވަނަ މިނެޓުގައި ސާޖް އޮރިއާ ވަނީ ޓޮޓެންހަމް ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލާފައެވެ. އަދި ޓޮޓެންހަމަށް ލީޑު ފުޅާކޮށްދިން ގޯލް 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހެރީ ކޭންއެވެ.

ރޭގެ މޮޅާއެކު ގަދަ 16 އަށް ޓޮޓެންހަމް ދަތުރުކުރީ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ހައިސިއްޔަތުންނެވެ. ގްރޫޕް ބީން ގަދަ 16 ގެ ޖާގައެއް މީގެ ކުރިން ކަށަވަރުކޮށްފައިވާ ބަޔާން މިއުނިކް ރޭ ވަނީ ސަވެނާ ޒްވެޒްޑާ އަތުން ފަސޭހަކަމާއެކު 6-0 އިން މޮޅުވެފައެވެ. ބަޔާންއަށް 5 މެޗުން 15 ޕޮއިންޓު ލިބިފައިވާއިރު، ޓޮޓެންހަމަށް 5 މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ.

ސިޓީ އާއި ޝަޚްތާރު ބައްދަލުކުރި މެޗުގެ ތެރެއިން ---

މެންޗެސްޓާ ސިޓީ ގަދަ 16 އިން ޖާގަ ހޯދީ ރޭ އަމިއްލަ ދަނޑުގައި ޝަޚްތާރު ޑޮނިއެސްކްއާ 1-1 އިން އެއްވަރުކޮށް ގްރޫޕް ސީގެ އެއްވަނަ ހޯދައިގެންނެވެ.

ރޭ ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ ސިޓީންނެވެ. ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި ސިޓީއަށް ލީޑު ނަގައިދިނީ އިކާއީ ގުންޑޮގާން އެވެ. އެކަމަކު 69 ވަނަ މިނެޓުގައި މަނޯރު ސޮލޮމަން ވަނީ ޝަޚްތާރަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ރޭގެ މެޗު އެއްވަރުުވި ނަމަވެސް، ސިޓީއަށް ގްރޫޕް ސީގެ އެއްވަނަ ލިބުނީ ކުޅުނު 5 މެޗުން 11 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ޝަޚްތާރަށް 5 މެޗުން 6 ޕޮއިންޓު ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޑީނަމޯ ޒެގްރެބަށް 5 މެޗުން ލިބިފައިވަނީ 5 ޕޮއިންޓެވެ. އަދި ފުލުގައި އޮތް އެޓެލާންޓާއަށް 5 މެޗުން ލިބިފައިވަނީ 4 ޕޮއިންޓެވެ. ރޭ އެޓެލާންޓާއިން ވަނީ އަމިއްލަ ދަނޑުގައި ޑީނަމޯ ޒެގްރެބް އަތުން 2-0 އިން މޮޅުވެފައެވެ.

ރެއާލް އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން ---

މީގެ އިތުރުން ގްރޫޕް އޭގައި ހިމެނޭ ރެއާލް މެޑްރިޑް ގަދަ 16 އަށް ދަތުރުކުރީ އެއްވަނައިގައި އޮތް ޕީއެސްޖީއާ ރޭ 2-2 އިން އެއްވަރުކޮށް ގްރޫޕްގެ ދެވަނަ ޓީމުގެ ހައިސިއްޔަތުންނެވެ. ރޭގެ މެޗާ ކުރިމަތިލިއިރުވެސް، ޕީއެސްޖީއަށް ވަނީ ގަދަ 16 ގެ ޖާގައެއް ކަށަވަރުވެފައެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީވެސް އެޓީމުންނެވެ. މެޗުގެ 17 ވަނަ މިނެޓުގައި މި ގޯލް ޖެހީ ރޭގެ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ކަރިމް ބެންޒެމާ އެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅު، ޕީއެސްޖީގެ ފޯވާޑް މައުރޯ އިކާޑީއަށް އޭރިއާ ތެރެއިން ރެއާލްގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ ކޯޓުއާ އަށް ރަތް ކާޑެއް ދައްކާފައެވެ. އެކަމަކަު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު، އިކާޑީއަށް ކުރި ފައުލުގެ ކުރިން، ރެއާލްގެ ޑިފެންޑަރު މާސެލޯއަށް ފައުލް ކޮށްފައިވާތީ ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.

ރެއާލުން މެޗުގައި ލީޑު ފުޅާކުރީ 79 ވަނަ މިނެޓުގައެވެ. މި ގޯލްވެސް ޖެހީ ފުރަތަމަ ގޯލުވެސް ޖަހައިދިން ބެންޒެމާއެވެ. މި މެޗުގައި ޕީއެސްޖީން ފަރަގު ކުޑަކުރީ 81 ވަނަ މިނެޓުގައި ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ގޯލުންނެވެ. އަދި އޭގެ ދެ މިނެޓު ފަހުން ޕަބްލޯ ސަރާބިއާ ވަނީ ޕީއެސްޖީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ރޭގެ މެޗު އެއްވަރުުވި ނަމަވެސް، ރެއާލްއަށް ގްރޫޕް އޭޭގެ ދެވަނަ ލިބުނީ، ރޭ ގަލަތަސަރާއި އާއި ކްލަބު ބްރޫޖް ބައްދަލުކުރި މެެޗު 1-1 އިން އެއްވަރުވުމުންނެވެ. ރޭގެ ނަތީޖާއާއެކު އެއްވަނައިގައި އޮތް ޕީއެސްޖީއަށް 5 މެޗުން 13 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި އޮތް ރެއާލަށް 5 މެޗުން ލިބިފައިވަނީ 8 ޕޮއިންޓެވެ.

ރޭގެ މެޗުތަކަށްފަހު، ޓޮޓެންހަމް، ސިޓީ އަދި ރެއާލް ގަދަ 16 އަށް ދަތުކުރިއިރު، މިހާތަނަށް 6 ޓީމެއް ވަނީ ގަދަ 16 އިން ޖާގަ ހޯދާފައެވެ. ގަދަ 16 އިން މީގެ ކުރިން ޖާގަ ހޯދާފައިވާ ޔުވެންޓަސް ރޭ ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް 1-0 އިން ބަލިކޮށްފައެވެ.