ޒަމާނުއްސުރެވެސް ދިވެހިންނަކީ ހުނަރުން ފުރިގެންވާ މަސައްކަތްތެރި ބައެކެވެ. މިދުވަސް ކޮޅު ދަރުބާރުގެ އަދި ދަރުބާރުގެ ހިމެނޭ ސަރަހައްދުގެ ކޮންމެ ދިމާލަކަށް ބަލައިލިނަމަވެސް އެކަންފެނިގެންދާނެއެވެ. އަތްތެރި މަސައްކަތް ތަކުން ފެށިގެން ގޮސް ތަފާތު އެކި އެކި ހިރިގަލުގެ މަސައްކަތާއި، ކާބޯތަކެއްޗާއި، ރީތިވުމަށް ބޭނުންވާ ސާމާނާއި އަދި މި ނޫންވެސް މިފަދަ އެތަކެއް އުފެއްދުންތަކެއް ފެނިގެންދެއެވެ. އެހެންނަމަވެސް ހިތާމައަކީ މިހާރަކަށްއައިސް މިފަދަ މަސައްކަތްތެރިންގެ މަސައްކަތްތައް ފަނޑުވަމުންދާކަމެވެ. އޭގައި ވަރަށްގިނަ ސަބަބުތަކެއް އެބަހުއްޓެވެ.

އޭގެތެރޭގައި ވަރަށް ގިނަވަގުތާއި ބޮޑު ހޭދައެއްކޮށްގެން ކުރެވޭ މަސައްކަތުން އެއްވެސް މަންފާއެއް ނުލިބުމާއި އެތަކެތި ވިއްކޭނެގޮތެއް ނެތުމާއި، އަދި މާރކެޓް ކުރެވޭނެ ގޮތެއް ނެތުމެވެ. މިހުރިހާ ގޮންޖެހުންތަކަކާއެކު މިފަދަ އުފެއްދުންތެރިންވަނީ މާޔޫސްވެފައެވެ، ހުނަރު ދައްކާލުމަށް ފެންބޮވައިގަނެފައިތިބޭ އުފެއްދުންތެރިންނަށް ލިބެނީ މިފަދަ މަދު ފުރުސަތުތަކެވެ. ނަމަވެސް މިފަހަރު ފަންނު އެކްސްޕޯއިން ފަންނުވެރިންނަށް ލިބިގެންދިޔައީ އުންމީދީ ހަބަރުތަކެކެވެ. އެފަދަ ފަރާތްތަކުގެ އުފެއްދުން މާރކެޓްކުރެވި ވިއްކޭނެ މަގު ތަނަވަސް ވެގެންދިއުމެވެ.

އެގޮތުން ދާދި ފަހުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އިން ތަޢާރަފް ކުރި އީ-ޓުކުރި ލޯކަލް ޕްލެޓްފޯމަކީ މިފަދަ ފަންނުވެރިންގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް އާމްދަނީ އިތުރު ކުރުމަށް ހުޅުވިގެންދިޔަ ރަނުގެ ފުރުސަތެކެވެ. އީ-ޓުކުރި ލޯކަލް ޕްލެޓްފޯމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ކޯޕަރޭޓިވްސްތަކާއި އަދި އޮންލައިން ވިޔަފާރީގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް މޯލްޑިވްސް ޕޯސްޓުން ފޯރުކޮށްދޭ އީ-ކޮމާރސް ސޮލިއުޝަން އެކެވެ. މިޕްލެޓްފޯރމަށް އޮންބޯޑުވާން ބޭނުންވާ ފަރާތްތަކަތް ރެޖިސްޓްރީވުމުން ފެށިގެން މުދާ އަޕްލޯޑު ކުރުމާއި އިޝްތިހާރުކުރުމުގަ ވެސް އީ-ޓުކުރި ޓީމްގެ އެހީތެރިކަން ލިބިގެން ދެއެވެ. އަދި މިޕްލެޓްފޯރމަށް އޮންބޯޑުވާ ފަރާތްތަކުގެ ފިހާރަތައް މި ޕްލްޓްފޯމުގައި ގާއިމްކުރެވި، މުދާ ވިއްކުމާއި، އޮންލައިންކޮށް ފައިސާދެއްކުމާއި އަދި ކަސްޓަމަރުންނާ މުއާމަލާތް ކުރުމުގެ ފުރުސަތު މި ޕްލެޓްފޯމުގެ ޒަރީޢާއިން ލިބިގެންދެއެވެ. އަދި މީގަ އެންމެ ފާހަގަ ކޮއްލެވޭ ކަމަކީ މި ޕްލެޓްފޯމުގެ ތެރެއިން ގަނެވިއްކާ މުދާ ޕޯސްޓުގެ ޑެލވަރީ ނިޒާމުގެ ތެރެއިން މާލެއާއި ރާއްޖޭގެ ކަންކޮޅޮތަކަށް ރައްދުކޮށްދެވޭ ކަމެވެ.

މި ޕްލެޓްފޯމަކީ ގާނޫނީގޮތުން ރަޖިސްޓަރީވެފައިވާ ކުދި ބޮޑު ހުރިހާ ވިޔަފާރިތަކާ ކޯޕަރޭޓިވްސްތަކަށް ހިލޭ ހުޅުވާލެވިފައިވާ ޕްލެޓްފޯމެކެވެ. އީ-ޓުކުރި މި ޕްލެޓްފޯމް ފަރުމާކުރެވިފައިވަނީ އޮންލައިން ވިޔަފާރިއެއް ހިންގުމަށް ބޭނުންވާ މައިގަޑު ކޮމްޕޯނަންޓްތައް ހިމަނައިގެންކަމަށްވާތީ، މާބޮޑު އޮޕަރޭޝަނަލް ކޮސްޓަކާ ނުލައި މި ޕްލެޓްފޯރމްގައި މުދާ ވިއްކައި، އިންވެންޓްރީ މެނޭޖްކޮށް، އިޝްތިހާރުކުރުމުގެ އިތުރުން މުދާ ޓްރާންސްޕޯޓުކުރުމާއި ޑިސްޓްރިބިއުޝަންގެ ހުރިހާ ޚިދުމަތެއް މި ޕްލެޓުފޯރމުގެ ޒަރީޢާއިން ލިބިގެންދާނެއެވެ. އަދި މި ޕްލެޓްފޯމްގައި ގާއިމްކުރެވިފައިވާ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް، ކުރެވޭ ހުރިހާ ވިޔަފާރި މުޢާމަލާތްތަކަށް ރިއަލް-ޓައިމްގައި ފައިސާ ދެއްކުމުގެ ފަސޭހަކަން ލިބިގެންދާނެއެވެ.

މި ޕްލެޓުފޯމުގެ އެންމެ މުހިންމު ކޮމްޕޯނަންޓް ކަމުގައިވާ "ވެސަލް މެނޭޖްމަންޓް ސިސްޓަމް" އަކީ މި ޕްލެޓްފޯމުގެ ތެރޭގައި ހިންގާ ވިޔަފާރި މުޢާމަލާތްތަކުން އުފައްދާ މުދާ ކަނޑުމަގުން ޓްރާންސްޕޯރޓު ކުރުމަށްޓަކައި ގާއިމްކުރެވިފައިވާ ނިޒާމެކެވެ. މި ނިޒާމުގެ ތެރެއަށް ވަންނަ އުޅަދުފަހަރު މެދުވެރިކޮށް ރާއްޖޭގެ ކަންކޮޅުތަކަށް މުދާ އުފުލުމާއި ޑެލިވަރީ އާއި ޓްރެކިންގ ގެ ޚިދުމަތް އީޓުކުރި ޕްލެޓްފޯމުގެ ވިޔަފާރިތަކަށް ފޯރުކޮށްދެވޭނެއެވެ.