ސްރީލަންކާގައި ހަދާފައިވާ ބިޔަ ކަނޑުގެ ބަނދަރު، ހަމްބަންޓޯޓާ ބަނދަރު 99 އަހަރަށް ޗައިނާއަށް ދިނުމަކީ ކުރީގެ ސަރުކާރުން ހެދި ވަރަށް ބޮޑު ގޯހެއް ކަމަށާއި، ކުރީގެ ސަރުކާރުގެ އެނިންމުމާމެދު އަލުން ވިސްނުމަށް ބޭނުންފުޅު ވާކަމަށް ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

ރައީސް ގޮޓަބާޔަ ވިދާޅުވީ، ޗައިނާއަކީ ސްރީލަންކާގެ ރަހްމަތްތެރިއެއް ނަމަވެސް އަދި ސްރީލަންކާގެ ތަރައްގީއަށް ޗައިނާއިން އެހީތެރިވި ނަމަވެސް، ހަމްބަންޓޯޓާ ކަނޑުގެ ބަނދަރު ދިގު މުއްދަތަކަށް ޗައިނާއަށް ދިނުމަކީ ގޯހެއްކަމަށް ވިދާޅުވާން ބިރުފުޅު ނުގަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ، ހަމްބަންޓޯޓާ ބަނދަރު 99 އަހަރަށް ޗައިނާއަށް ދިނުމުން ރައްޔިތުން ތިބީ ހިތްހަމަ ނުޖެހިފައި ކަމަށެވެ. އެހެންކަމުން، ސްރީލަންކާގެ މުސްތަގްބަލަށްޓަކައި ކުރީގެ ސަރުކާރުގެ އެ ނިންމުމާމެދު އަލުން ވިސްނާވަޑައި ގަންނަވާނޭ ކަމަށް ރައީސް ގޮޓަބާޔަ ވިދާޅުވިއެވެ.

ސްރީލަންކާގެ ރައީސް މި ވާހަކަފުޅުތައް ހިއްސާ ކުރައްވާފައިވަނީ ސްރީލަންކާގެ ނޫހަކަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައެވެ. މިއީ، ރައީސްކަމާ ހަވާލުވެވަޑައި ގެންނެވިފަހުން ގޮޓަބާޔަ ނޫހަކަށް ދެއްވި ފުރަތަމަ އިންޓަރވިއުއެވެ.

މި އިންޓަރވިއުގައި، ދިގު މުއްދަތަކަށް ޗައިނާއަށް ދީފައިވާ ބައިނަލްއަގްވާމީ ކަނޑުގެ ބިޔަ ބަނދަރުގެ މައްސަލާގައި ރައީސް ވާހަކަފުޅު ދެއްކެވިއިރު، ރައީސް ގޮޓަބާޔަ މިހާރު ތައްޔާރުވެވަޑައި ގަންނަވަމުން ގެންދަވަނީ ސްރީލަންކާގެ ރައީސްގެ ހައިސިއްޔަތުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށެވެ.

އަންނަ ހުކުރު ދުވަހު ރައީސް ގޮޓަބާޔަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އިންޑިއާއަށެވެ. އެއީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްވި ޚާއްސަ ދައުވަތަކަށެވެ.

ރައީސް ގޮޓަބާޔަ ވިދާޅުވީ، ސްރީލަންކާ އޮންނަން ބޭނުންވަނީ ވަކިފަރާތަކަށް ނުޖެހި ކަމަށެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި ހިނގާ ކޯޅުންތަކުގެ ތެރެއަށް ވަންނާން ބޭނުންފުޅު ނުވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެއްވެސް ގައުމަކަށް ދެރައެއް ލިބޭނެ ކަމެއް ކުރެއްވުމަކީ އޭނާގެ ސިޔާސަތެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.

"ދުނިޔޭގެ ބޮޑެތި ބާރުތަކުން، ބާރުތައް ހޯދުމަށް ކުރާ ކަންކަމުގެ މެދުގައި ތާށިވެފައި އޮންނާކަށް ބޭނުމެއްނޫން. އަޅުގަނޑުމެން ބޭނުންވަނީ ހުރިހާ ގައުމަކާވެސް ގުޅިގެން މަސައްކަތްކުރަން"
ގޮޓަބާޔަ ރާޖަޕަކްސަ

ރައީސް ގޮޓަބާޔަ ރާޖަޕަކްސަ ވިދާޅުވީ، ޗައިނާގެ ނުފޫޒު ސްރީލަންކާގެ މައްޗަށް ގަދަވެގެންފާނެތީ ބައެއް ގައުމުތައް ނުތަނަވަސްކަން ފާޅުކުރަމުންދާ ކަމަށެވެ. އެގޮތުން، އިންޑިއާ، ސިންގަޕޫރު، ޖަޕާން، އޮސްޓްރޭލިއާގެ ނަން ރައީސް ފާހަގަ ކުރެއްވިއެވެ.

ހަމްބަންޓޯޓާ ކަނޑުގެ ބަނދަރާއި، އެ ބަނދަރު ހިމެނޭ ސަރަހައްދުގެ ބިމުގެ ބޮޑުބައެއް ކުރީގެ ސަރުކާރުން ޗައިނާ ސަރުކާރުގެ ކުންފުނި މާޗަންޓްސް ޕޯޓް ހޯލްޑިންސް (ސީއެމްޕޯޓްސް) އަށް ދިގު މުއްދަތަކަށް 2017 ވަނަ އަހަރު ދޭން ނިންމުމުން ސްރީލަންކާގައި ވަރުގަދަ މުޒާހަރާތަކެއްވެސް ފެށިގެންދިޔައެވެ.

ސްރީލަންކާއިން ދަރަނި އަދާކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން ހަމްބަންޓޯޓާ ބަނދަރުގެ ހިއްސާ ސީއެމް ޕޯޓްސްގެ ނަމަށް ބަދަލުކުރީ ލަންކާ ސަރުކާރުން ޗައިނާއަށް ދަރާފައިވާ 8 ބިލިއަން ޑޮލަރު ދައްކަންޖެހޭތީ ފައިސާގެގޮތުން އެކަން ކުރެވެން ނެތުމުން ކަމަށް އޭރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެފައިވެއެވެ.

ހަމްބަންޓޯޓާ ބަނދަރަކީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ވެރިކަމުގައި ޗައިނާއިން އެތައް ބިލިއަން ޑޮލަރެއްގެ ލޯން ނަގައިގެން ހިންގެވި މަޝްރޫއުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް މަޝްރޫއެވެ.