ސަައުތް އޭޝިއަން ގޭމްސްގެ ފުޓުބޯޅަ އިވެންޓުގައި ވާދަކުރާ ރާއްޖޭގެ 23 އަހަރުންދަށުގެ ޓީމު ގޭމްސްގައި ވާދަކުރުމަށް ނޭޕާލަށް ފުރައިފިއެވެ.

މިފަހަރުގެ ގޭމްސްގައި ރާއްޖެ ލައްވާލާފައިވަނީ އިންޑިއާއާއި ސްރީލަންކާއާއި އެއް ގްރޫޕެއްގައެވެ. އެންމެފަހުން ބޭއްވި މުބާރާތުގައިވެސް ރާއްޖެ ލައްވާލާފައިވަނީ މި ދެ ގައުމާއި އެއް ގްރޫޕަކަށެވެ.

ރާއްޖޭގެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ 2 ވަނަ ދުވަހު ވާދަކުރާނީ އިންޑިއާއާ އެވެ. ދެވަނަ މެޗުގައި ލަންކާއާ ދެކޮޅަށް ކުޅޭނީ 4 ވަނަ ދުވަހު އެވެ. މިއީ ސާފް ސުޒުކީ ކަޕުގެ ފައިނަލުގައި އިންޑިއާ ބަލިކޮށް ތަށި ނެގުމަށްފަހު ރާއްޖޭގެ ފުޓުބޯޅަ ޓީމެއް އިންޑިއާއާއި ވާދަކުރާ ފުރަތަމަ ފަހަރެވެ. ގޭމްސްގައި ހުރިހާ ގައުމަކުންވެސް ބައިވެރިކޮށްފައިވަނީ އެ ގައުމެއްގެ 23 އަހަރުންދަށުގެ ޓީމެވެ.

ގޭމްސްއަށް ފުރި ރާއްޖޭގެ 23 އަހަރުންދަށުގެ ޓީމު -- ފޮޓޯ: އެފްއޭއެމް

ސައުތު އޭޝިއަން ގޭމްސްގައި ފުޓްބޯޅަ އިވެންޓުގައި ވާދަކުރާ ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުގައި ދޮށީ އުމުރުގެ ތިން ކުޅުންތެރިންގެ ގޮތުގައި ހިމަނާފައިވަނީ ގައުމީ ސީނިއާ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ގަނީ (އަކޫ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ.

ފުރުމުގެ ކުރިން މީޑިއާތަކުގައި ވާހަކަދައްކަމުން ގައުމީ ކޯޗު ޕީޓާ ސެގާޓް ބުނީ ގޭމްސްއަށް ފުރި ޓީމުގައި އަނިޔާގެ ސަބަބުން މުހިއްމު ގިނަ ކުޅުންތެރިންތަކަކަށް ބައިވެރިނުވުމުން ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް މި ގޭމްސްއަށް ދާ ސްކޮޑަކީ ވަރުގަދަ ސްކޮޑެއްކަން ގަބޫލުކުުރާ ކަމަށާއި ފުރަތަމަ އަމާޒަކީ ސެމީފައިނަލުން ފުރުސަތު ހޯދުން ކަމަށެވެ.

ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ 23 އަހަރުންދަށުގެ ސްކޮޑުގައި ގިނައިން ތިބީ ސީނިއާ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންކަން ފާހަގަކޮށްލެވެއެވެ. މީގެއިތުރުން މި ޓީމުގައި ސްޕެއިންގެ ހަތަރުވަނަ ޑިވިޝަނުގައި ކުޅެމުން އަންނަ ޒާން ވެސް ވަނީ ހިމަނާފައެވެ.